މާލޭގެ މަގުމަޗަކީ ކާރޫބާރޫ ބޮޑު ތަނެކެވެ. ދުއްވާ އެއްޗެއްސާ ހެދި ގިނަ ފަހަރަށް މަގުމަތީގައި ހެލިފެލިވެ އުޅުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. މަގު ފުރާ ވެހިކަލްތައް ދުއްވާއިރު ހިނގާ މީހުނަށް އޮންނަނީ ހަނި މަގެކެވެ. ގިނަ ފަހަރަށް އެތަންކޮޅު ވެސް ނުލިބެ އެވެ. ސަބަބަކީ ފިހާރަތަކުގެ މުދާ ބަހައްޓާ ގުދަނަކަށް ވެސް ގިނަ ފަހަރަށް ހަދާފައި ހުންނަނީ ފިހާރަ ކުރިމަތިން ދުވާރު ނުވަތަ ފިހާރައިގެ ކަންމައްޗަށް ކަމަށްވާތީ އެވެ.

"މިހާރު ހިނގާބިގާވެ އުޅުމަކީ ވަރަށް ދަތި ކަމެއް ހާއްސަކޮށް ކުޑަކުދިން ގޮވައިގެން މަގުމައްޗަށް ނިކުންނަ ހިތް ވެސް ނުވޭ މުޅި މަގުގައި ދުއްވާއެއްޗެތި މަގުގެ ދެފަރާތުގައި ފިހާރަތަކުގެ މުދާ" ކުޑަކުއްޖަކު ސުކޫލަށް ގެންދަން އުޅުނު އަންހެނަކު ބުނެލި އެވެ.

ދުއްވާ އެއްޗެހިން ސަލާމަތްވުމަށް ހަދާފައި ހުންނަ ދުވާރުގެ މަތިން ހިނގާ މީހުނަށް ފުރުސަތެއް ނެތެވެ. ޖެހިޖެހިގެން ބަރިއަކަށް އެތައް ފިހާރައެއް ހުންނައިރު ކޮންމެ ފިހާރައަކުން މަދުވެގެން ފެން ކޭހެއް ނުވަތަ ހައެއްކަ ކޭސް މުދަލާއި އުކާލާ ކުނި ފަދަ ތަކެތި ޖަމާކޮށްފައި ހުރެއެވެ. ހަމައެކަނި މުދާ ބަހައްޓަފައި ހުންނަނީކީއެއް ނޫނެވެ. އެތަކެތި ސާފުކުރުން ވެސް ގިނަ ފަހަރަށް އޮންނަނީ މަގުމަތީގަ އެވެ.

"އަޅުގަނޑުމެން އޮފީހަށްދާން މި ނުކުންނަނީ ވަރަށް ރީތިވެގެން. ޓޭކްސީއަށް އަރަންދާއިރު ބޫޓުގައި އަލުވި ތޮށިގަނޑެއް އެނޫނީ ކޮންމެވެސް އެހެން އެއްޗެއް ތަތްލާފަ ނޫނީ ނުބައި ވަސް ހިފާފަ" އޮފީހަށް ދިއުމަށްޓަކައި ޓެކްސީއެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި އަންހެން ކުއްޖަކު ބުންޏެވެ.

މިގޮތަށް މަގުމަތީގައި ތަކެތި ބަހައްޓައިގެން ވިޔަފާރިވެރިން ވިޔަފާރި ކުރަނީ ކީއްވެ ހެއްޔެވެ؟

"އަޅުގަނޑުމެނަށް ވެސް އެގޭ އުނދަގޫވާނެކަން އެކަމަކު ދަތިކަމުން މަގުމަތީގައި ބެހެއްޓެނީ" އޭއެންއެސް ޓްރޭޑްގެ ސޭޓް ބުންޏެވެ. އެހެން ފިހާރަތަކުން ވެސް ބުނަނީ ތަނުގެ ދަތި ކަމުނާއި އެހެންމީހުން ވެސް މަގުމަތީގައި މުދާބަހައްޓާތީ ބަހައްޓަނީ ކަމަށެވެ.

"ފިހާރަތެރޭގައި އަލުވި އެއްޗެހި ސާފު ކުރެވޭކަން ނޯވޭ އޭރުން މުޅި ފިހާރައިގައި ނުބައި ވަސް ދުވާ އެހެންވެ މަގުމަތީގައި ސާފު ކުރަނީ" އެ ސޭޓް ބުންޏެވެ.

ވިޔަފާރިވެރިންގެ ބަސް މިހެން ހުރިއިރު މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ އެ މައްސަލައަކީ ވަރަށް ގިނަ ޝަކުވާ ލިބޭ މައްސަލައެއް ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ވަރަށް ކައިރިން ތި މައްސަލަ ބަލަމުން މިހާރު ވެސް ސިޓީ ކައުންސިލުގެ ސުޕަވައިޒަރުން ބައިތިއްބައިގެން. އެފަދަ އުނދަގުލެއް ކުރިމަތިވާނަމަ ކައުންސިލަށް ރިޕޯޓް ކުރުމުން އެ މައްސަލަ ބަލާނަން،" ރުކުމާ ވިދާޅުވި އެވެ. "އެ މައްސަލަ ކުރިއަށްވުރެ ރަގަޅަށް ސަމާލުކަން ދިނުމުގެ ގޮތުން މިހާރު މިދަނީ އިތުރު ސުޕަވައިޒަރުން ހޯދުމުގެ މަސައްކަތް ކުރަމުން"

އެފަދަ މައްސަލަތަކުގައި 100ރ. 1000ރ. ދޭތެރެއިން ޖޫރިމަނާ ކުރެވެ އެވެ. އަދި އެވަރުން އިސްލާހު ނުކޮށްފިނަމަ މުދާ ނަގާނެ ކަމަށެވެ.