17 Dec 2023, 15:14
ސައުތު އެޓްލާންޓިކް ކަނޑުގައި ބޮޑު އައިސްބާގްތަކެއް އޮޔާދާކަން އެސްޓްރޮނޯޓަކު ޖައްވުން ނެގި ފޮޓޯތަކަކުން ފެނިފައިވާއިރު، މިއީ ރާއްޖެފަދަ ތިރި ޖަޒީރާ ރަށްތަކަށް އޮތް ނުރައްކާތެރި އިންޒާރެއް ކަމުގައިވެދާނެއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގެ އެސްޓްރޮނޯޓެއް އަދި އެކްސްޕެޑިޝަން 70ގެ ކޮމާންޑަރު އަންދްރިއާސް މޮޖެންސަން ވަނީ ސައުތު އެޓްލާންޓިކް ހުރަސްކޮށްދާ ބޮޑެތި އައިސްބާގްތަކުގެ ހިތްގައިމު ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
އައިސްބާގްތައް ފެންނަން ހުރުމުން ހައިރާންކަން ފާޅުކޮށް މޮޖެންސަން އޭނާގެ އިންސްޓާގްރާމްގައި ބުނީ ސައުތު އެޓްލާންޓިކް ކަނޑުން ވަރަށް ގިނަ އައިސްބާގްތައް ފެންނަމުންދާ ކަމަށެވެ.
View this post on Instagram
"އެއީ އައިސްބާގްތަކުގެ ތަފާތު ޖިއޮމެޓްރީ ނުވަތަ [ކަނޑުގެ ކުލައާ އަޅާބަލާއިރު] ކުލައިގެ ކޮންޓްރާސްޓް ހުރުން ކަމަށް ވެދާނެ، ނަމަވެސް ޖައްވުން ވަރަށް ބޮޑަށް ފެންނަން އެބަހުރި،" އޭނާ އެ ފޮޓޯތައް ހިއްސާކުރަމުން ލިޔެފައިވެއެވެ.
އެސްޓްރޮނޯޓް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ގްލޭޝިއާތައް އަވަހަށް ވިރެމުންދިޔުމުން ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރާ ނޭދެވޭ އަސަރުތައް ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ކުރިއަށް އޮތް 70 އަހަރުގެ ތެރޭގައި ރާއްޖެ ފަދަ ގައުމުތައް ކަނޑުގެ އަޑިއަށް ގޮސް، ގެއްލިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ފޮޓޯތަކުން ދައްކުވައިދެނީ ވަރަށް ބޮޑު ތިން އައިސްބާގް އޮޔާދާތަނެވެ.
މޮޖެންސަންގެ ޕޯސްޓަށް 3،500 އަށް ވުރެ ގިނަ ލައިކްސްއާއި ކޮމެންޓްތައް ލިބިފައިވާއިރު، ޖައްވުން އައިސްބާގްތައް ފެނުމާއި ދުނިޔެ ހޫނުވުމާއި އޭގެ ސީރިއަސްކަމާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
އައިސްބާގަކީ ގްލޭޝިއާތަކާއި އައިސް ޝީޓްތަކުން ނެއްޓިގެން ގޮސް މޫދަށް އޮޔާދާ މީރުފެން އައިސްގެ ބޮޑެތި ސްލެބްތަކެކެވެ. އެތައް ސަތޭކަ ހާސް އަހަރެއް ވަންދެން ޕޯލާ ސަރަޙައްދުތަކަށް ފޭބި ސްނޯއިން އުފެދިފައިވާ އައިސްބާގްތައް އެންމެ ގިނައިން އުފެދެނީ ގްރީންލޭންޑާއި އެންޓާޓިކާގައެވެ.