ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް އިއުލާނުކޮށްފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށީ ސިޓީން ފެނިފައިވާތީ، އެ ސިޓީގެ ބައެއް ދިވެހިން ބައްޔަށް ޓެސްޓުކޮށް، މުޅި ރާއްޖޭގައި ވެސް ބިދޭސީން ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުޙައްމަދު ހަމްޒަތު ރޭ ވިދާޅުވީ، ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައި ވަނީ ބޭރުގެ އެއް ހިސާބަކުން އައިސް ތިބި މީހުން ކަމަށެވެ. އެހެންވެ، ބެލެވޭ ގޮތުގައި މިއީ 'އިމްޕޯޓެޑް' ކޭސްތަކެއް ކަމަށާއި ރާއްޖޭގައި ބަލި ފެތުރިގެން އުޅޭ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފައިލޭރިއާ ޖައްސާ މަދިރި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އުޅޭ ކަމަށާއި، އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ހަމްޒަތު ވިދާޅުވިއެވެ.

"މި ބަލި ހުންނަ ގައުމުތަކުން އަންނަ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަޅުގަނޑުމެން ސްކްރީން ކުރަމުން އެބަގެންދަން. މި ސްކްރީނިންގެ ތެރެއިން މި ޕޮޒިޓިވްވާ ކޭސެސްތަކަށް އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް ބޭސް ދިނުމުގެ މަސައްކަތް ބޮޑަށް މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.

އެ ބަލި ހުންނަ މީހަކަށް ބޭސް ދިނުމުން، އެ މީހެއްގެ ހަށިގަނޑުން ލޭ ބޯ މަދިރިއެއްގެ ޒަރީއާއިން އެހެން މީހަކަށް ފައިލޭރިއާ ޖެހުމުގެ ފުރުސަތު ކުޑަވާކަން ހަމްޒަތު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި، ފައިލޭރިއާ ޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކުގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"ކުޅުދުއްފުށީގައި މިހާ އަވަހަށް އަޅުގަނޑުމެން އެ މަސައްކަތް ކޮށްގެން ކުރިއަށްގެންދަނީވެސް އަޅުގަނޑުމެން މި ލޯކަލް ކޮމިއުނީޓިގައި މި ބަލި ފެތުރުނަ ނުދިނުމަށް ޓަކައި،" ހަމްޒަތު ވިދާޅުވިއެވެ.

ޕީއެސްއެމްގެ އެ ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތިމަތު އަނާ ނަދީމް ވިދާޅުވީ، ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ވެސް ފައިލޭރިއާއަށް ޓެސްޓު ކުރާނެ ކަމަށެވެ.

"ސްކްރީނިން ޕްރޮގްރާމްތައް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެސް ރޭންޑަމްކޮށް އެކިއެކި ސަަރަަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ޓެސްޓު ކުރުން ފަދަ ކަންތައްތައް ވެސް އަޅުގަނޑުމެން އިންތިޒާމު ކުރަން،" އަނާ ވިދާޅުވިއެވެ.

ނަމަވެސް ފައިލޭރިއާއަކީ ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަން ވެސް އެ ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ޑެންގީއަކީ ވެސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ނަމަވެސް، މި ދެ ބަލި ފެތުރޭ މިންވަރު ތަފާތު ކަމަށް ދެ ބޭފުޅުން ވިދާޅުވިއެވެ.

"ޑެންގީ [މަދިރި] ހަފާ ކޮންމެ މީހަކީ ޑެންގީ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު މީހެއް. އެހެން ނަމަވެސް ފައިލޭރިއާ ބަލި ޖެހުމަށް، އެންމެ ފަހަރަކު މަދިރި ހަފައިގަނެގެން އެ މީހާއަށް ޖެހުމުގެ ފުރުސަތު ކުޑަ،" ހަމްޒަތު ވިދާޅުވިއެވެ.

ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ގައުމެއްކަން ސަޓިފައިވާ ގައުމަކަށް ވާތީ މި ބައްޔަށް ސްކްރީން ކުރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް މަސައްކަތް ކުރަން އައިސް ތިބި ހުރިހާ ބިދޭސީންގެ ތެރެއިން، ޚާއްޞަކޮށް އެންޑެމިކް [ބަލި ފެތުރޭ] ޒޯންސްތަކުގައި އައިސް ތިބި މީހުން ފާހަގަކޮށްގެން މުޅި ރާއްޖޭގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ސްކްރީނިންއެއް، ޓެސްޓިންއެއް ކުރިއަށްގެންދަން. ޚާއްޞަކޮށް މީހުން ގިނައިން އުޅޭ ތަންތަނުގައި،" ހަމްޒަތު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން އަމިއްލަ ކުންފުނިތަކާ ވެސް ވާހަކަ ދައްކައި، އެ ކުންފުނިތަކުގެ އެއްބާރުލުން ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިލޭރިއާގެ 16 ކޭސްއެއް ކުޅުދުއްފުށިން ފެނިފައިވަނީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

ފައިލޭރިއާ އުފެދެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ. އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.