ފަށައިގަނެ، ހިނގައިގަންނަން ނަގައި މުއްދަތުގައި ކަންކަން ބައްޓަންކުރަމުންދާ ގޮތުން ބިންގަލުގެ ތެދު ކަތިމިން ސާފުވެގެންދާނެއެވެ. މިދިޔަ މަހުގެ މި ދުވަހު، ޖުމްހޫރީ މައިދާނުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކުން ފެށި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރަށް މިއަދަށް މިވީ ބަރާބަރު މަސް ދުވަހެވެ.

އެކަމަކު، މިނެކިރައިލާ ކަމަށްވަންޏާ އެ ވާހަކަ ފަށަންވާނީ ނޮވެމްބަރު 17ވީ ހުކުރު ދުވަހުގެ މެންދުރުން އިރު ތިރިވީ ހިސާބަކުން ނޫނެވެ. ސާފު ލޮލަކުން، ކުޑަ ވިޔަކުރުމަކުން މި ސަރުކާރަށް މާކުހެއް ދޭން އުޅޭ ކަމަށްވަނީނަމަ، ވާހަކަ ފަށަން ޖެހޭނީ ވެރިކަމަށް ކުރި ދަތުރާ ހަމައިންނެވެ. ކެމްޕޭނުގެ ތެރެއިންނެވެ. ރައްޔިތުން ގާތުގައި ދެމިހާ ހާސަރާއި ކެނޑިހާ ސަޅިއަކާ ހަމައިން ފަށައިގެން، މިއަދަށް މިވީ މަސް ދުވަހުން ކޮންމެ ވެސް ވަރަކަށް ކުރަހައިލެވިދާނެއެވެ.

ރިޔާސީ ރޭހުގައި ކުރީ ސަރުކާރަށް އެންމެ ބޮޑު ގެއްލުމެއްވީ އިންޑިއާއާ އެކު ބޭއްވި ގުޅުމުގެ ސަބަބުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ އެއީ، ކެމްޕޭންގައި އޭރުގެ އިދިކޮޅުން އެންމެ އާރުލާފައި ދެއްކި ވާހަކައެވެ. ދެން ހަމަ، ކޮންމެ ޕޯޑިއަމެއްގައި ފަށަމުންނާއި ނިންމަމުން ދެއްކި އެންމެ ބޮޑު އެއް ވާހަކައަކީ ޖަލުގައި އޭރު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމެވެ. މި ދެ ކަންތައް ނުވީނަމަ، މި ވެރިކަން ނުވީހޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ފުރަތަމަ ހަތަރެއް ރަނުން ރަނަށް

ވެރިކަން ފެށުމުގެ ކުރީގައި ސަރުކާރުން އޮތީ 14 ހަފުތާއަށް ބަހާލައިގެން، އެއް ދުވަހުން ނިންމާނެ ކަންކަމާއި، ހަތަރު ހަފުތާއިން ނިންމާނެ ކަންކަމާއި ނުވަ ހަފުތާއިން އަދި 14 ހަފުތާއިން ނިންމާނެ ކަންކަން ލިޔެ، އާންމުކޮށް ޝާއިއުކޮށްފައެވެ. ޝައްކެއް އުފައްދައި، އޮޅުވައިނުލެވޭނެހާ ސާފުކޮށް، ކުރާން ވައުދުވީ ކަންކަން އޮތީ ދައްކައިފައެވެ.

ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ބުނާ ގޮތުން ނަމަ، ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ވާން ވައުދުވީ ހުރިހާ ކަމެއް ރަނުން ރަނަށް ފުއްދައިދީފިއެވެ.

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ސަރުކާރުން ބުނީ ފުރަތަމަ މަހަށް ހުރި ވައުދުތައް ފުއްދައި ނިމިއްޖެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ކޮށް ނިންމަން ސަރުކާރުން 17 ކަމެއް ވައުދުވިއެވެ. އޭގެ ކުރިއަށް ވެރިކަމުގެ ފުރަތަމަ ދުވަހު ނިންމަން ހަތް ކަމެއް އޮތީ ވައުދުވެފައެވެ.ސަރުކާރުންބުނާ ގޮތުން:

އެއް ދުވަހަށްވީ ވައުދުތައް:

  • ބޭރު ސިފައިން ފޮނުވައިލުމުގެ މަސައްކަތް ފެށުން: ނިމިފައި

  • އިސް މަގާމުތަކަށް އަންހެނުން އިތުރުކުރުން: ނިމިފައި
  • މަސްވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން: ނިމިފައި
  • ދަނޑުވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން: ނިމިފައި
  • ލާމާރުކަޒުކުރުމަށް ހާއްސަ ވުޒާރާއެއް އުފެއްދުން: ނިމިފައި
  • ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދުން: ނިމިފައި
  • ދިވެހި ބަހަށް ހާއްސަ ވުޒާރާއެއް އުފެއްދުން: ނިމިފައި

ހަތަރު ހަފުތާއިން ފުއްދަން ވީ ވައުދުތައް:

  • ސިޔާދަތަށް ނުރައްކާވާ އެއްބަސްވުންތައް އުވައިލުން: ނިމިފައި

  • މިސްކިތްތަކުގެ އާބާތުރަ ފިލުވަން ކުރާ ހޭދަ އިތުރުކުރުން: ނިމިފައި
  • ތަރިކަ އާލާކުރަން ބޭނުންވާ މަޝްރޫއުތަކުގެ މަސައްކަތް ފެށުން: ނިމިފައި
  • ރަށްރަށުގެ ފުލެޓުތަކާއި ރޯހައުސްތަކުގެ ކުލި ކުޑަކުރުން: ނިމިފައި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން: ނިމިފައި
  • ފައިސާ ޗާޕުކުރުން ހުއްޓައިލުން: ނިމިފައި
  • ޚަރަދަށް ޒިންމާވުމުގެ ގާނޫނުން ސަސްޕެންޑުކުރި ބައި އިޔާދަކޮށްދޭން އެދުން: ނިމިފައި
  • ދަނޑުވެރިކަމަށް ކުރާ ހޭދަ އިތުރުކުރުން: ނިމިފައި
  • ދަރަނި 'ރީފައިނޭންސް' ކުރުމުގެ މަސައްކަތް ފެށުން: ނިމިފައި
  • ޕްރިވެންޓިވް ހެލްތު ކެއާ ފުޅާކުރަން ބަޖެޓުގައި ފައިސާ ހިމެނުން: ނިމިފައި
  • ފަސް އަހަރުން 1000 ފަގީރުންނަށް ޙައްޖަށް ދެވޭ ސިޔާސަތު އެކުލަވައިލުން: ނިމިފައި
  • ކުރީ ސަރުކާރުގެ ޕާކިން ޖޫރިމަނާތައް މާފުކުރުން: ނިމިފައި
  • ހިލޭ ބޯންމެރޯ ހެދޭނެ މަގުފަހިކުރުން: ނިމިފައި
  • އާސަންދައިގެ ދަށުން އަހަރު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތް ހެދުން: ނިމިފައި
  • ބޭރު ގައުމުތަކުގެ ހޮސްޕިޓަލް ބަދަލުކުރަން ނަގާ ފީ އާސަންދައިން ހަމަޖައްސައިދިނުން: ނިމިފައި
  • ދަރިމައިވުމުގެ ފަރުވާ އާސަންދައިން ހަމަޖައްސައިދިނުން: ނިމިފައި
  • ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކުރުން: ނިމިފައި

ޔާމީންގެ ވަކިވުމާއި ސިޔާސީ ހަލަބޮލިކަން

ރިޔާސީ އިންތިޚާބު ތެރޭގައި އެންމެ ބޮޑަށް ޕީޕީއެމް/ޕީއެންސީން ދެއްކީ ޔާމީން ޖަލުގައި ހުންނެވި ވާހަކައެކެވެ. އެކަމަކު، އެންމެ ފުރަތަމަ މި ސަރުކާރުގެ ތޮށަލި ފަޅައިލާފައި ނުކުންނެވީ ވެސް އެ މަނިކުފާނެވެ.

ޔާމީންގެ ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމް ވަރުގަދަކުރަން އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ޓީމެއް އެކުލަވާލައި، އެ ޓީމުގެ ރިޔާސަތު ހަވާލުކުރީ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއެވެ. އެކަމަކު، އިރުޝާދާ އެއްގޮތަށް އެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ހިސާބުން އެތެރެ ފަޅައިގެން ދިޔައީއެވެ. ސަރުކާރުގައި މިހާރު ތިއްބެވި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ؛ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންގެ ސިޓީއަކުން މަލީހު ޕާޓީން ބޭރުކޮށްލީއެވެ.

އެ ހިސާބުން ޔާމީން ވެސް މަލީހާ އެކު ބޭރަށް ވަޑައިގެންފިއެވެ. އޭރު އަދި ސަރުކާރަށް ހަފުތާއެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ލިބިވަޑައިގެން ވޯޓުގެ ބޮޑު އިންސައްތައަކީ އޭރު ޔާމީންގެ ތާއީދެވެ. އެ މަނިކުފާނަކީ މި ސަރުކާރު އުފެދުނު އެންމެ ބޮޑު އެއް ސަބަބެވެ. ޔާމީން ނުކުންނަވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމުން އެއީ، ސަރުކާރަށް އައި ލޮޅުމެކެވެ.

އެއް ކަމެއް ނުވިޔަސް، އާންމުންގެ މެދުގައި ސަރުކާރާ މެދު ނުރަނގަޅު ތަސައްވުރެއް ފެންނާން ފެށި ހިސާބަކީ އެއީއެވެ. ޔާމީން ވަޑައިގެންނެވުމުން 'އެ މަނިކުފާނު ނެތުމަކުން ގެއްލޭނެ އެއްޗެއް ނެތް ކަމަށް' ރައީސްގެ ހާއްސަ މުޝީރު ގަބޫލުކުރައްވައެވެ. އެކަމަކު، ހަގީގަތުގައި އެއީ މި ސަރުކާރަށް އައި ލޮޅުމެކެވެ. އެއަށް ފަހު، މިހާރު އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލިކަން އެއީ އެއާ ގުޅުމެއް ނެތް ކަމަކަށް ނުހެދޭނެއެވެ.

ތާރީޚުގައި އެންމެ މަތިބަރު ސަރުކާރު

ފުރަތަމަ ދުވަހު ސަރުކާރުން ވަނީ ރިކޯޑެއް ހަދައިފައެވެ. އެއީ، ތާރީޚުގައި ވެސް އެންމެ ގިނަ ވަޒީރުން ހިމެނޭ ސަރުކާރުގެ ލަގަބެވެ.

އާ ސަރުކާރުގައި 22 ވުޒާރާއެއް ހިމެނެއެވެ. އެ 22 ވަޒީރުންގެ އިތުރަށް ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޒީރު ފެންވަރުގައި 21 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. ނައިބު ވަޒީރުން ގޮތުގައި މިހާރު ވެސް 100 އެއްހައި މީހުން އައްޔަންކޮށްފިއެވެ.

އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ: މިއީ އެންމެ ވުޒާރާތައް ގިނަ ސަރުކާރު -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ސަރުކާރުތަކާ އަޅައިކިޔާ ނަމަ، މިއީ ދިވެހި ތާރީޚުގައި އެންމެ މަތިބަރު ސަރުކާރެވެ.

  • ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު: 16 ވުޒާރާ

  • ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު: 18 ވުޒާރާ
  • ރައީސް ޔާމީންގެ ސަރުކާރު: 16 ވުޒާރާ
  • ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު: 19 ވުޒާރާ
  • މި ސަރުކާރު: 22 ވުޒާރާ

ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލުކުރުމުން ސަރުކާރުގެ ނުސާފު ޖަވާބަކީ 'މުހިއްމީ އެފިޝަންސީ' ކަމަށެވެ. އެ ބުނާ އެއްޗެއް ސާފެއް ނޫނެވެ. އެކަމަކު، ކުރީ ސަރުކާރަށް ވުރެ ޔަގީނުން ވެސް މަތި ބަރެވެ.

މާލީ ވުޒާރާގައި ތިން ވަޒީރުން އެބަ ތިއްބަވައެވެ. ބައެއް ވުޒާރާތަކުގައި ހަތް ނައިބު ވަޒީރުން ތިއްބަވައެވެ.

"ކުރީ ސަރުކާރުތަކުގައި ނައިބު ވަޒީރުން ލެވެލަށް މި ލަނީ ވަރަށް ޓެކްނިކަލް މީހުން. އެކްޓިވިސްޓުން ލާނީ ކޮންމެ ވެސް ކޯޑިނޭޓަރު ކަމަކަށް. އެކަމަކު، މި ސަރުކާރުން އިސްލާމު ޓީޗަރުންނަށް އެބަދޭ ކުންފުނިތައް. މަގުމަތީ އުޅުނު އެކްޓިވިސްޓުންނަށް ނައިބު ވަޒީރުކަން ނޫނީ ސްޓޭޓުކަން،" ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެކަމަކު، ސްޓޭޓު މިނިސްޓަރު ފެންވަރުގައި ސަރުކާރަށް އައްޔަންކުރައްވާފައި ހުންނެވި ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން ބުނި 700 ސިޔާސީ މަގާމުގެ ތިންބައިކުޅަ އެއްބައި ވެސް އަދި ހަމަނުވާ ކަމަށެވެ. އެހެންވީމާ، އަދި ކުރިއަށް އޮތީއެވެ.

މާރާމާރީގެ ސިލްސިލާއެއް

ވެރިކަމުގައި ހުވާ ކުރައްވާފައި ފުލުހުންގެ ކޮމިޝަނަރެއް އައްޔަންނުކުރެއްވެނީސް ކުރިމަތިވީ ގޭންގު މާރާމާރީގެ ސިލްސިލާއެކެވެ. އެންމެ އާބާދީ ބޮޑު، މާލެއާއި އައްޑޫ ސިޓީގައި ސިލްސިލާ މާރާމާރީތަކެއް ހިނގައި، ގިނަ ދުވަސްތަކެއް ވަންދެން ހިނދިފައި އޮތް ގޭންގުތަކުގެ ފޯރި ގަދަކޮށްލިއެވެ.

ފާހަގަކޮށްލެވޭ ނުރައްކާތެރި ދެ މާރާމާރީއެއް އައްޑޫގައި ހިނގިއެވެ. އެކަމަކު، ނަސީބުންނާއި ރަހުމަތުން މީހެއްގެ ފުރާނައެއް ނުގެއްލެއެވެ.

ޅަފަތުގައި އޮވެ، މާރާމާރީގެ ސިލްސިލާއަކައި ކުރިމަތިލާން ޖެހުން ވެގެންދިޔައީ ސަރުކާރަށް ގޮންޖެހުމަކަށެވެ. އެއީ، އަނެއްކާ ވެސް އާންމުންގެ މެދުގައި ސަރުކާރާ މެދު ފެތުރުނު ނުރަނގަޅު ތަސައްވުރެކެވެ.

އިންޑިއާ ސިފައިންގެ އަދަދު އޮޅުންބޮޅުންގަނޑަކަށް

ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވެފައި ބުނީ އެހާތަނަށް ފެނުނު ފެނުމަށް 78 އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށެވެ. އެކަމަކު، ފަހުން ދުވަސްކޮޅެއް ވެލީމާ އިތުރު ސިފައިންކޮޅެއް ފެނި، އެ އަދަދު 89އަށް އަރައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން: ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބިއިރު އެންމެ ބާރަށް ދެއްކީ އިންޑިއާ ސިފައިންގެ ވާހަކަ -- ސަން ފޮޓޯ

'ކުރީ ސަރުކާރުން ލިޔެކިޔުންތައް އޮޅުވާލާފައި' އޮތުމުން އެ އަދަދު ސާފުވާން ވަގުތު ނަގާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ބޭރު ކުރުމެވެ. އެއީ، ރައީސް ކުރައްވަން އޮތް އެންމެ ބޮޑު އެއް މަސައްކަތްޕުޅެވެ. އެކަމަކު، މިހާތަނަށް ޔަގީންވީ އެންމެ ކަމެކެވެ. އެއީ، އެކިއެކި ނަންނަމުގައި މި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމެވެ. ތިބި އަދަދެއް ނޭނގެއެވެ. ފޮނުވައިލެވޭނެ ދުވަހެއް އަމުދުން ސަރުކާރަށް ނޭނގެއެވެ.

އަޒުލުކުރުމުގެ ނަމުގައި ސިޔާސީ އޮއިކަޅެއް

ސަރުކާރަށް މަހެއް ނުވަނީސް، އިދިކޮޅަށް ހިތަކަށް ލިބިފައި އޮތް 19 ވަނަ މަޖިލީހުން ރައީސާއި ނައިބު އަޒުލުކުރުމުގެ އަޑުތަކެއް އަރުވައިލީ ކޮންމެ ވެސް ބޭނުމެއްގައެވެ.

އިދިކޮޅަށް ކުޅުއްވާ ބައެއް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ފަސޭހަވާނެ ގޮތަށް އިސްލާހުތަކެއް ގެނެސްފައެވެ. ގެންނަން އެ އުޅޭ ބަދަލުން ހަމައެކަނި އެމްޑީޕީ މެންބަރުންނަށް ވެސް ރައީސް ބޭރުކޮށްލެވިދާނެއެވެ. އެކަމަކު، އެ އިސްލާހުތައް ހުށަހެޅުއްވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، 'އެފަދަ ނިޔަތެއް ނެތް' ކަމަށެވެ.

އެ އަޑުތަކުން ހަމަ ގައިމު ވެސް ސަރުކާރު ސިހުނެވެ. އެއީ، އެ ސަކަރާތް ޖެހުމުގެ ބާރު މި ވަގުތު އިދިކޮޅަށް އޮތީމައެވެ. އެ ބިރުދައްކަން ފުރުސަތު އޮތީމައެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވައިލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރައިބާރު ދައްކައިލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން،" އަޒުލުކުރުމުގެ މަޝްވަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.

އެކަމަކު، ރައީސް އަޒުލުކުރުމުގެ ވާހަކައަކީ 'ސީރިއަސް ކަންބޮޑުވުމެއް' ކަމަކަށް ނުފެނެއެވެ.

މި ހިނގާ 19 ވަނަ މަޖިލީސް އެ ދަނީ ނިމޭށެވެ. ބާކީ އެ އޮތް މުއްދަތުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ގެނައި ސަރުކާރެއް ބިމާހަމަކޮށްލައިފާނެ ކަމަކަށް މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. އެއީ، ސަރުކާރަށް ޕްރެޝަރުކޮށް، ގޯސްތަކެއް ހަދުވަން ކުރާ ޖެއްސުމެކެވެ.

ރައީސް މުއިއްޒު، އަބްދުއްރަހީމަށް މަގާމު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

"ވަޒީރުންނަށް ރުހުން ނުދޭނަމޭ. އަޒުލުކުރާނަމޭ. މިއީ އޮއިކަޅެއް. ދައްކައިލާ ދަޅައެއް. ބިރެއް. އަސްލު ނިމޭއިރު، ވަޒީރުންނަށް ރުހުން ވެސް ދޭނެ. އެއީ ރައްޔިތުން ގަބޫލެއް ނުކުރާނެ މިހާ އަވަހަށް އެ ވާހަކަ ދެއްކީމަކައި. އެކަމަކު، 20 ވަނަ މަޖިލީހުގައި އެ ވަރުގެ ތާއީދެއް ސަރުކާރާ އިދިކޮޅަށް ލިބިއްޖެއްޔާ އަޒުލުކުރެވިދާނެ. އޭގެ ކުރިއަކުން ނުވާނެ،" ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރަށް މިވީ މަހަކާއި އޮއިކަޅެކެވެ. އެއް މަސް ތެރޭގައި ފުއްދަން ހުރި ވައުދުތައް ސަރުކާރުން ބުނާ ގޮތުން ނަމަ ރަނުން ރަނަށް ފުއްދައިފިއެވެ. އޭގެ ކުރިއަށް، އެންމެ މަތިބަރު ސަރުކާރުގެ ރިކޯޑު މުގުރާލައިފިއެވެ.

ސުވާލަކީ ރައްޔިތުން ވޯޓުދިން ބަދަލު ފެނިއްޖެތޯއެވެ.