ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ބަދަލު ގެނެވެންދެން އެ ކޮމިޝަނުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުން މަޑުޖައްސާލައިފި އެވެ.

ކޮމިޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ކޮމިޝަނުގެ މަސައްކަތް މަޑުޖައްސާލީ އެ ކޮމިޝަނަށް ގެންނަން ނިންމި ބަދަލު ގެންނަންދެން ކަމަށާއި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

"... މި ކޮމިޝަނުގެ މެންބަރުން އެކުލެވިފައިވާ ގޮތަށް ސަރުކާރުން ބަދަލު ގެންނަވަން ނިންމަވާ ކޮމިޝަނުގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ 31 ޖުލައި ކަމުގައި ކޮމިޝަނަށް އަންގާފައިވުމާ އެކު ސަރުކާރުން ކޮމިޝަނަށް ގެންނަން ކަނޑައަޅާފައިވާ ބަދަލު ގެންނަވަންދެން ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުންވަނީ މެއި 16 އިން ފެށިގެން މަޑުޖައްސާލެވިފައި،" ދެންނެވުމުގައިވެ އެވެ.

އިންކްއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށް ކޮމަންވެލްތުން ބުނުމާ ގުޅިގެން ކޮމަންވެލްތާއި ދިވެހި ސަރުކާރާ މެދު މަޝްވަރާ ކުރުރުމަށް ފަހު ތިން މެންބަރުގް މައްޗަށް އެކުލަވާލެވިފައިވާ ކޮމިޝަނުގެ އަދަދު ފަސް މެންބަރުންނަށް އިތުރުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރައްވާ ބޭފުޅަކާއި އަދި ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރަކު އެ ކޮމިޝަނުގައި ހިމެނުމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނުގައި ހިމެނެއްވުމަށް މީގެކުރިން ހުށައެޅުއްވި ބޭފުޅުންނަކީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ބޭފުޅުން ކަމަށް ވިދާޅުވެ އެބޭފުޅުން ވަނީ ސަރުކާރުން ގަބޫލު ނުކޮށްފަ އެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާފަ އެވެ. އެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހު ހަމަވާ އިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ ސަރުކާރުން ބުނާ ޝަތުރުތައް ފުރިހަމަވާނެ ކަމަށް ބުނެ ދެވަނަ ބޭފުޅެއްގެ ނަން ފޮނުވާފަ އެވެ.

މީގެ ކުރިން އިންކްއަރީ ކޮމިޝަނުގެ މަސައްކަތް މިމަހުގެ 31 ނިޔަލަށް ނިންމަން ކަނޑައެޅިނަމަވެސް އެކޮމިޝަނުގެ މަސައްކަތް ކުރުމަށް އިތުރު ދެ މަހުގެ މުހުލަތެއްދީ މަސައްކަތް ނިންމާނެ ތާރީހަކީ ޖުލައިމަހުގެ 31 ވަނަ ދުވަސް ކަމަށް ވަނީ ހަމަޖައްސާފަ އެވެ.