18 Dec 2023, 08:49
ޔަހޫދީ ފައުޖުތަކުން ޣައްޒާގެ ޢާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތައް ނިމުމަކަށްގެނެސް، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ޗައިނާ، ސަޢުދީ ޢަރަބިއާ އަދި ޢީރާނުން ގޮވައިލައިފިއެވެ.
އެ ޤައުމުތަކުން އެގޮތަށް ގޮވައިލަފައި ވަނީ ސަޢުދީ ޢަރަބިއްޔާއާއި ޢީރާނާ އެކު ޗައިނާއިން ވެފައިވާ ޞުލްހައިގެ އެއްބަސްވުން، "ބެއިޖިން އެއްބަސްވު"މާ ގުޅިގެން ތިން ޤައުމުގެ އޮފިޝަލުން ޗައިނާގައި ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ސަލާމަތަށާއި ޞުލްހައަށް ނުރައްކާވެދާނެ ކަމަށް ވެސް ތިން ޤައުމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އެ މީހުންގެ ގެދޮރު ދޫކުރުމަށް މަޖުބޫރުކުރުވަން ކުރާ ކޮންމެ މަސައްކަތަކީ ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި، ފަލަސްޠީނުގެ މުސްތަޤުބަލާ ގުޅޭ ކޮންމެ ކަމެއްގައި ވެސް ފަލަސްތީނުގެ ރައްޔިތުން އެދޭގޮތް އޮންނަންޖެހޭނެ ކަމަށާއި، އެ މީހުން އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ތާޢީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ޙަމާސުން ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ، ޔަހޫދީ ޢިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ޢަދަދު ވަނީ 18،787 އަށް އަރާފައެވެ. ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 50،897 މީހުން ޒަޚަމްކޮށްލައިފައިވާއިރު، އެތައް ހާސް ބަޔަކަށް ވަނީ އެ މީހުންގެ ގެދޮރު ދޫކުރުމަށް މަޖުބޫރުވެފައެވެ.