އަށާރަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އިއުލާންކޮށްފައި ވަނިކޮށް، އޭގެ ތެރެއިން 12 ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ލިބިއްޖެއެވެ.

މާލޭ ސިޓީ މޭޔަރު ކަމުގެ އިންތިޚާބާއެކު، އެ ކޮމިޓީތަކުގެ މެންބަރުންނާއި ވ. ރަކީދޫ ކައުންސިލުގެ މެންބަރަކު ހޮވުމަށް އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބައި-އިލެކްޝަން ބާއްވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާންކުރީ މިދިޔަ މަހުއެވެ. އެ އިންތިޚާބުތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ.

އީސީން މިރޭ ބުނީ އޭގެ ތެރެއިން 12 ރަށަކުން ހުސްވެފައިވާ 13 ގޮނޑިއަށް، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ މެންބަރުން އިންތިޚާބުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން 12 ގޮނޑި ޕީއެންސީން ކާމިޔާބުކުރިއިރު ބާކީ އެއް ގޮނޑި ކާމިޔާބު ކުރީ އަމިއްލަ މެންބަރެކެވެ. އަމިއްލަ މެންބަރަކު ހޮވިފައި ވަނީ ބ. ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

ޕީއެންސީން ގޮނޑި ކާމިޔާބުކޮށްފައިވާ ދާއިރާތަކަކީ:

  • ހދ. މަކުނުދޫ

  • ހދ. ނޭކުރަންދޫ
  • ށ. ކަނޑިތީމު
  • ނ. މަނަދޫ - ޕީއެންސީގެ ދެ މެންބަރުން
  • ނ. މާޅެންދޫ
  • ރ. މަޑުއްވަރީ
  • ބ. ފުޅަދޫ
  • ބ. ދަރަވަންދޫ
  • ކ. ގާފަރު
  • އދ. މަންދޫ
  • މ. މުލަކު

މީގެ އިތުރުން ވ. ރަކީދު ކައުންސިލް މެންބަރު ކަމަށް ވަނީ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓު ހޮވިފައެވެ.

ކުރިން ޕީޕީއެމް އިދިކޮޅުގައި އޮތް އިރު އެ ޕާޓީގެ ކޯލިޝަންގައި އޮތް ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3،000 ވަރަކަށް މެންބަރުންނެވެ. ނަމަވެސް މިހާރު ސަރުކާރު ހިންގާ މައި ޕާޓީއަށް ބަދަލުވުމަށް ފަހު އެ ޕާޓީއަށް އަންނަނީ ބާރު ސްޕީޑުގައި މެންބަރުން އިތުރުވަމުންނެވެ.

އެގޮތުން 19،000އަށް ވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅާފައިވާއިރު އެ ޕާޓީން ބުނާ ގޮތުގައި އަހަރު ނިމޭއިރު މެންބަރުންގެ އަދަދު 40،000އަށް އަރާނެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ބޮޑު މެޖޯރިޓީއެއް ނެގޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.