17 Dec 2023, 07:17
ތުރިލާ ފިލްމުތަކުންނާއި އާއިލީ ޑްރާމާ އަދި ލޯބީގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކާޖޮލް މުޅިން އާ ދުނިޔެއަކަށް ވަންނަން ތައްޔާރަށް ހުރިކަމަށް ބަތަލާ ބުނެފިއެވެ.
މި ފިލްމަކީ ވަރަށް ތަފާތު ބިރުވެރި ވާހަކައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފިލްމެކެވެ. ފިރިމީހާ އަޖޭ ދޭވްގަންގެ އަމިއްލަ ކުންފުނިން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ޚުދު އަޖޭ ދޭވްގަންއެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ފިލްމު "ޗޯރީ"ގެ ޑައިރެކްޓަރު ވިޝާލް ފުރިއާއެވެ.
މި ފިލްމު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވާނީ ވަރަށް ހިތްވަރު ގަދަ މަންމައެއްގެ ދިރިއުޅުމުގެ މައްޗަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިހާރު ޕްރީ ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ ޖެނުއަރީ މަހުއެވެ.
މިހާތަނަށް ބިރުވެރި ފިލްމަކުން ކާޖޮލް ފެނިފައިވާ ނުވާއިރު ޚުދު ބަތަލާއަށް ވެސް މިއީ މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށާއި މި ސްކްރިޕްޓާ އެކު ޑައިރެކްޓަރު ވިޝާލް އައުމުން ބޭނުންވީ ބިރުވެރިކަމުގެ ދުނިޔެ ވެސް ތަޖުރިބާކޮށްލަން ކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

ކާޖޮލް ފިރިމީހާ އަޖޭ ދޭވްގަންއާ އެކު --
މި އަހަރު ދެ ފިލްމީ ޕްރޮޖެކްޓަކުން ކާޖޮލް ބެލުންތެރިންނަށް ފެނިފައިވާއިރު ފެށޭ އަހަރަކީ ކާޖޮލްގެ ތިން ފިލްމެއް ބެލުންތެރިންނަށް ފެންނާނެ އަހަރެކެވެ. އޭގެ ތެރޭގައި ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދޭ ފިލްމު "ސަރްޒަމީން" އަދި ބަތަލާ ކްރިތީ ސެނޮންއާ އެކު ނެޓްފްލިކްސްއަށް ކުޅޭ މިސްޓްރީ ތުރިލާ "ދޯ ޕައްތީ" ހިމެނެއެވެ. މި ދެ ފިލްމުގެ ތެރެއިން "ސަރްޒަމީން" އަކީ އެކްޓަރު ސައިފް ޢަލީ ޚާން އަދި ކުރީގެ ފިލްމީ ތަރި އަމްރީތާ ސިންގްގެ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތަޢާރަފުކުރާ ފިލްމެވެ.