ކާމިޔާބު ޑައިރެކްޓަރު ސަންދީޕު ރެޑީ ވެންގާގެ ފިލްމު "އެނިމަލް"ގައި ކޮއްކޮ ބޮބޯ ޑިއޯލް ދެއްކި އެކްޓިންއަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ހޫނު ތަރުހީބާ މެދު އުފާވާ ކަމަށާއި ނަމަވެސް ފިލްމުގައި ސަނީއަށް ކަމުނުދާ ކަންތައްތަކެއް އެބަހުރި ކަމަށް އެކްޓަރު ބުނެފިއެވެ.

މި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް އައި ފިލްމު "އެނިމަލް"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާއިރު މިއީ ކުރިން ތަރި އޮއްސިފައިވާ ބޮބީ ޑިއޯލްގެ ފިލްމު ކެރިއަރުގެ އާ ފެށުމެއް ގޮތަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ރަންބީރު ކަޕޫރު، ބަތަލާ ރަޝްމިކާ މަންދަންނާ، އަނިލް ކަޕޫރު އަދި ތްރިޕްތީ ދިމްރީ މުހިއްމު ރޯލެއް ކުޅުނު ފިލްމަކީ ބައްޕައަކާއި ފިރިހެން ދަރިއެއްގެ ދެމެދުގައި އޮންނަ ލޯބީގެ ކުލުނު ދައްކުވައިދިން ފިލްމެކެވެ. ނަމަވެސް ފިލްމުގައި ވަރަށް އަނިޔާވެރި މަންޒަރުތައް ހިމެނިފައިވާތީ ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް ފިލްމަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް އާއިލާއާ އެކު މި ފިލްމު ބަލާލަން ކަމުނުދާ ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.

ފިލްމުގައި ކޮންމެ އެކްޓަރަކު ވެސް ކުޅެފައިވާ ރޯލު ފުރިހަމަ ކަމަށް ބުނެ ސަނީ ތަޢުރީފު ކޮށްފައިވާއިރު "ގަދަރު2"ގެ އެކްޓަރަށް ފިލްމުން ކަމުނުދިޔަ ކަންތައްތަކުގެ ތަފުސީލު ކިޔައިދޭން ބޭނުމެއް ނުވިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ޓެލެގްރާފް އިންޑިއާއަށް ދިން އިންޓަވިއުގައި ސަނީ ބުނީ ފިލްމު "އެނިމަލް"އިން ފާހަގަ ކުރެވުނު ކަމުނުދާ މަންޒަރުތަކަކީ ޚުދު ސަނީގެ އަމިއްލަ ފިލްމުތައް ވެސް ހިމެނޭހެން ވަރަށް ގިނަ ފިލްމުތަކުން އެކްޓަރަށް ކަމުނުދާ ކަންކަމެވެ.

ބޮބީ ޑިއޯލް ބޭބެ ސަނީ ޑިއޯލްއާ އެކު
ބެލުންތެރިއެއްގެ ހައިސިއްޔަތުން ފިލްމަށް ފާޑުކިޔުމުގެ ފުރިހަމަ ހައްޤު ސަނީއަށް ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ޖުމްލަ ގޮތަކަށް ބުނާނަމަ "އެނިމަލް" އެއީ ރީތި ފިލްމެއް ކަމަށް ކުރީގެ އެކްޓަރު ދަރުމެންދްރަގެ ދޮށީ ދަރިފުޅު ވަނީ ބުނެފައެވެ. ފިލްމުގައި ކަމުނުދިޔަ ކަންތައްތައް ސީދާ ނުބުންޏަސް ސަނީ ވެސް އިޝާރާތްކޮށްފައި ވަނީ ފިލްމުގެ ގްރެފިކް ކޮންޓެންޓާއި، ފިލްމުގައި ހިމެނޭ އަނިޔާވެރި ތަޅާފޮޅުންތަކުގެ މަންޒަރުތައް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކޮންމެ ޑައިރެކްޓަރަކީ ވެސް އެ ޑައިރެކްޓަރަކު ބޭނުންވާ ކޮންޓެންޓް ވަކި ވިޝަނަކަށް އަމާޒުކޮށްގެން އުފައްދާ ފަރާތެއް ކަމަށާއި ކޮންމެ އުފެއްދުމަކީ ވެސް ފާޑުކިޔުންތައް އަމާޒުވާނެ އުފެއްދުންތަކެއް ކަމަށް ސަނީ ވަނީ ބުނެފައެވެ. ޖުމްލަ 100 ކްރޯޑް ރުޕީސްއިން އުފެއްދި މި ފިލްމަށް މިހާތަނަށް 797.64 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.