17 Dec 2023, 07:23
ހެއްވާ މަޖާ ބައިތަކުން ފެނިފައިވާ އެކްޓަރު ޝްރެޔަސް ތަލްޕަޑޭއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދީފިއެވެ.
ފިލްމު "އޯމް ޝާންތީ އޯމް"އިން ވެސް ވަރަށް މުހިއްމު ރޯލަކުން ފެނުނު އެކްޓަރަށް ހާޓް އެޓޭކެއް ޖެހުނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޝޫޓިން ތެރޭ އުޅެނިކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހާޓް އެޓޭކެއް ޖެހިގެން މުމްބާއީގެ ބެލެވިއު ހޮސްޕިޓަލުގައި ފަރުވާދީ ޝްރެޔަސްގެ އެންޖީއޯޕްލާސްޓީއެއް ހަދާފައިވާ ކަމަށް އާއިލާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޢުމުރުން 47 އަހަރުގެ އެކްޓަރު މިދިޔަ އެ ދުވަސް އެއްކޮށް ހޭދަކޮށްފައި ވަނީ މި ފިލްމުގެ ޝޫޓިންގް ތެރޭގައި ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ.
ފަރުވާއަށް ފަހު ޝްރެޔަސްގެ ޙާލު މިހާރު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކްޓަރު ޝްރެޔަސް ފިލްމު "އޯމް ޝާންތި އޯމް"ގެ މަންޒަރެއްގައި --
ފިލްމު "އިޤްބާލް"އިން 2005ވަނަ އަހަރު ފިލްމީ ދާއިރާއަށް ތަޢާރަފުވި ޝްރެޔަސްއަކީ އެ ފިލްމުން ކްރިޓިކުގެ ތަޢުރީފު ވަރަށް ބޮޑަށް ލިބުނު އެކްޓަރެކެވެ. ފިލްމު "ގޯލްމާލް" ފްރެންޗައިޒްއިން ޝްރެޔަސް ދައްކަމުން އަންނަ ހެއްވާ މަޖާ އެކްޓިންއާ ގުޅިގެން ބެލުންތެރިންގެ މަގުބޫލުކަން އެކްޓަރަށް ވަނީ ލިބިފައެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ފިލްމުތަކުން ވެސް ފެނިފައިވާ ޝްރެޔަސްގެ ކުރިއަށް އޮތް ޕްރޮޖެކްޓް "ވެލް ކަމް ޓު ދަ ޖަންގަލް"އަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ތައްޔާރުކުރަމުން އަންނަ ފިލްމެކެވެ. ޝްރެޔަސްއާ އެކު މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭ އަކްޝޭ ކުމާރު، ރަވީނާ ޓަންޑަން، ދިޝާ ޕަޓާނީ، ޖެކްލީން ފެނާންޑެޒް އަދި ޖޯނީ ލީވަ ހިމެނެއެވެ.