17 Dec 2023, 07:29
ބޮލީވުޑްގެ އުއްމީދީ ބަތަލާ ޖާންވީ ކަޕޫރު ފިލްމީ ދާއިރާއަށް ތަޢާރަފުވި "ދަޅަކް"ގެ ސެޓަށް ދިއުމަށް މަންމަ ސްރީދޭވީ އެދުމުން އެކަމަށް އިންކާރު ކުރެވުނީތީ އެކަމާ މިހާރު ހިތާމަކުރާ ކަމަށް ބަތަލާ ބުނެފިއެވެ.
އެކްޓަރު އިޝާން ހައްތަރާ އެކު 2018ވަނަ އަހަރު ޖާންވީ ބޮލީވުޑަށް ނުކުތް ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީއަށް ވަރަށް ކަމުދިޔަ ތަމަޅަ ފިލްމެއްގެ ރިމޭކްއެކެވެ. ޖާންވީ މި ފިލްމުގެ މަސައްކަތް ފެށީ މަންމަ ސްރީދޭވީ ދުނިޔެ ދޫކުރުމުގެ ދުވަސްތަކެއް ކުރިންނެވެ.
ޖާންވީ ލީޑް ރޯލުން ފެނުނު ފިލްމު "ދަޅަކް" ރިލީޒްކޮށްފައި ވަނީ ސްރީދޭވީ މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ޖާންވީގެ ފުރަތަމަ ފިލްމުގެ ސެޓަށް މަންމަ ނައުމަށް އެންމެ ބޮޑަށް އިންކާރު ކުރި އެއް ސަބަބަކީ އާއްމުންގެ ފަރާތުން އޭރު ލިބެމުން އައި ފާޑުކިޔުންތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ޖާންވީގެ ފުރަތަމަ ފިލްމުން ފުރުސަތު ލިބުނީ ބައްޕަ ބޮނީ ކަޕޫރުގެ ނުފޫޒާ އެކު ކަމަށް އެ ދުވަސްކޮޅު ބުނަމުން ދިޔުމާ އެކު އާއިލާގެ އެއްވެސް މެންބަރަކު ޖާންވީގެ ސެޓަށް އައުން މަނާކުރި ކަމަށް ވަނީ ބުނެފައެވެ.
މަންމަ ސްރީދޭވީ ޖާންވީގެ ފިލްމު ސެޓަށް ދާން ބޭނުންވީ ބަތަލާއަށް އެހީތެރިވުމަށް ނަމަވެސް އެކަން އޭރު މަނާ ކުރީ އާއްމުންގެ ފަރާތުން ނުރުހުމުގެ ބަސްތައް ލިބެން ބޭނުން ނުވާތީކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީ ކަޕޫރު މަންމަ ސްރީދޭވީއާ އެކު --
ފިލްމު "ދޭވަރާ" ނަމަކަށް ކިޔާ ފިލްމަކުން ސައުތު ސިނަމާއަށް ނުކުންނަން ތައްޔާރުވަމުން އަންނަ ބަތަލާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ފަރާތްތަކުން ޖާންވީގެ އެކްޓިންއާއި މަންމަ ސްރީ ދޭވީގެ އެކްޓިންއާ އަޅާކިޔުމެވެ. އެއީ، ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ގޮތަށް ސިފަކުރަމުން ޖާންވީ ބުނީ މަންމައާއި ބައްޕަ ދަރިންނާ އަޅާ ކިޔޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް މަންމަ ފިލްމީ ދާއިރާއަށް ދޫކޮށްފައި ދިޔަ ލެގަސީ ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.