16 Dec 2023, 22:40
ފުވައްމުލަކު ސިޓީގައި މިއަދު ޑައިވް އިންސްޓްރަކްޓަރަކު ފެމުނު މިޔަރަށް ކާން ދޭން އުޅެނިކޮށް، މިޔަރުތައް އޭނާއަށް ހަމަލާދީފިއެވެ.
ފުވައްމުލަކު މެދު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ދީދީ "ސަން"އަށް ވިދާޅުވީ މިއަދު ހަވީރު އެ ހާދިސާ ހިނގީ، އެ ރަށު ނެރު ކައިރީގައި އޮންނަ ޑައިވް ޕޮއިންޓުގައި ކަމަށެވެ.
އެ ތަނުގައި ފެމުނު މިޔަރަށް ކަރުގޮހޮރާއި މަހުގެ ބައިތައް ކާން ދިނުމަކީ އާންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެން ކާން ދިނުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއް އެއީ، ދުވަހަކު ވެސް ކުރިން ދިމާވި މައްސަލައެއް ނޫން،" މުޙައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަނިޔާވީ މާލެ ސަރަހައްދުން ފުވައްމުލަކަށް ގޮސް ހުރި ދިވެހި ފިރިހެނަކަށް ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއް ކަމަށެވެ.
މުޙައްމަދު ވިދާޅުވީ އެ މީހާގެ ދެ އަތުގެ އުޅަނބޮށިން ތިރިއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް އިނގިއްޔަށާ އެއްކޮށް ބޮޑަށް އަނިޔާވީ އެއް އަތަށް ކަމަށެވެ. އެގޮތުން އަތުގެ މަސްގަނޑަށާއި ނާރުތަކަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށާއި އޭނާ އޮތީ ވޯޑުގައި ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ފެމުނު މިޔަރު ޕޮއިންޓަކީ ދިވެހިންނާއި ބިދޭސީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ޑައިވް ޕޮއިންޓެކެވެ.