17 Dec 2023, 08:44
"ރާދިޢު..." މައާލްގެ ދުލުން ބޭރުވީ އެންމެ ފުރަތަމަވެސް އެ ނަމެވެ.
ކުޑަކޮށް ގުދުވެލާފައި އަދިވެސް އެއްފަހަރު މައާލް ރާދިންއަށް ބަލާލިއެވެ. ރާދިއުއާ އެއްވެސް ތަފާތެއް ނެތެވެ. ކާރބަން ކޮޕީއެއް ފަދައެވެ. އެ މޫނުމަތިން ރާދިއުއާ ތަފާތުކަމެއް ފެނޭތޯ މައާލް ބަލަމުން ދިޔައެވެ. ރާދިންގެ މޫނުމަތިން އޭނާއަށް ފެނުނީ މާޔޫސްކަމާއި ވަރުބަލިކަމެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުގެ އަސްލަކީ ކޮބައިކަން މައާލްއަށް އެނގެއެވެ.
އެސްފިޔަތައް ތަޅުވާލާފައި ރާދިން ލޯ ހުޅުވާލުމާއެކު، ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާއާ ދިމާލަށް ކުޑަކޮށް ގުދުވެލައިގެން އޮތް މައާލްއެވެ. އެފަދަ ގޮތަކަށް އެހާ ކައިރިން މައާލް ފެނުމުން ރާދިން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ތެދުވެވުނު ގޮތުން މައާލްގެ ނިތްކުރީގައި އޭނާގެ ބޯ ޖެހުނެވެ. މައާލްއަށްވެސް ހަދާލެވުނު ގޮތަކުން ގޮސް އޭނާ ވެއްޓުނީ ރާދިންގެ ގައި މައްޗަށެވެ. ރާދިންގެ ތުންފަތް މައާލްގެ ކޯތާފަތުގައި ކުޑަކޮށް ބީހުމާއެކު، މައާލްގެ މުޅިހަށިގަނޑުގައި ހީވީ ކަރަންޓްގެ އޮއިވަރެއް ދައުރުކޮށްލިހެންނެވެ. މީހާ ފިނިވެ ހަށިގަނޑުގައި މަޑުމަޑު ފިނިކަމެއް ދައުރުކޮށްލުމާއެކު، އޭނާގެ ހިއްސުތަކަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އެހާ ދުވަސްފަހުން ރާދިންއާ އެހާ ގާތުގައި ހުރެވުމުން އޭނާގެ ހަށިގަނޑުގެ ހުރިހާ ވިންދުތަކަށްވެސް އެނގުންވެއްޖެއެވެ. ރާދިންއަށް ބަލަހައްޓައިގެން މައާލްއަށް ހުރެވުނެވެ. އޭނާ ފަރުވާތެރިކަމާއެކު ރާދިންގެ މޫނަށް ބެލިއެވެ. ރާދިންގެ ލޮލާއި ނޭފަތަށާއި ބުމައަށާއި އެ ތުންފަތަށެވެ. ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ރާދިން ފެނުމުން އޭނާގެ ހިތުގެ ޖަޒުބާތުތައް ހަލަބޮލިވެފައިވެއެވެ. އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވަން މައާލްއަށް އެހާ އުނދަގޫވީ އެހެންވެގެންނެވެ. ޙަޔާތުގައި ދިމާވި ހުރިހާކަމެއްގެ އިތުރުން ރާދިންގެ ބޭވަފާތެރިކަން މަތިން ވެސް އޭނާ ހަނނާންނެތިފައިވާ ފަދައެވެ. ބޭނުންވީ ހިތް ފުރެންދެން އެ މޫނަށް ބަލަން ހުންނާށެވެ. ދެމީހުންނަށް އެކަކު އަނެކަކު ނޭވާގެ އިޙްސާސްކުރެވެމުން ދިޔައިރު، އެ ދެ ހިތުގެ ތެޅުމުގެ އަޑުވެސް އިވެމުން ދިޔައެވެ.
މައާލްގެ ސޫރަ އެހާ ގާތުން ފެނުމުން ރާދިންއަށް ވެސް އޭނާގެ އިޙްސާސްތައް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ކަނާއަތް ހިއްލާލާފައި އޭނާ މައާލްގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ކަންފަތް ދަށަށް ލައްވާލާފައި، މައާލްގެ މޫނަށް ބަލާލިއެވެ. އެ ދެލޮލާއި މައާލްގެ ދެލޮލާ ސީދާވެގެން ދިޔައިރު، ރާދިންގެ ހިތް އޭނާގެ އަމިއްލަ އިޚްތިޔާރުން ދޫވެގެން ދިޔައެވެ." އެންބަރ" ކުލައިގެ އެ ފުން ދެލޮލުން އޭނާއަށް އެ ޖެއްސި ޖާދޫއެއްގެ ސަބަބުން އެ ދެލޮލުގެ ތެރެއަށް ފީނާލަން ރާދިން ބޭނުންވިއެވެ. އެންމެ ބޮޑު އަސަރެއް ރާދިންއަށް ކުރުވީ އެހެން ފަހަރުތަކެކޭ ޚިލާފަށް މައާލްގެ ލޮލަށް އޭނާ ފެންނަމުން ދިޔަކަން ޔަޤީންކުރެވޭތީއެވެ.
"މާލް…" ވައި އަޑުން ނުކުތް ރާދިންގެ އަޑު މައާލްގެ ކަންފަތުގައި ޖެހުމާއެކު، އޭނާގެ ޚިޔާލީ ދުނިޔެއިން މައާލްއަށް ނުކުމެވުނެވެ. ތެޅިގަނެފައި އޭނާއަށް ރާދިންއާ ދުރަށް ޖެހިލެވުނެވެ. ރެާދިންއަށް ފުރަގަސް ދިނުމާއެކު، މައާލްއަށް އޭނާގެ މެއާ ދިމާލުގައި އަތް ޖައްސާލެވުނެވެ. އެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. ރާދިންގެ ދެލޮލުން އޭނާއަށް ފެނުނީ އޭނާއަށްޓަކައި އެ ހިތުގައިވާ ލޯތްބެވެ. އެ ދެލޮލުން ބުނެދެމުން ދިޔައީ އޭނާ ލޯބިވަނީ މައާލްދެކެ ކަމެވެ. ކުރެވުނު ކުށުގެ ސަބަބުން ދެރަވެ ލަދުގަނެފައިވާ ފަދަ އަސަރުތަކެވެ. ރާދިންވެސް ތެދުވެ މޫނުގައި އަތް ހާކާލިއެވެ. އޭނާ އެ ހުރި ގޮތަށް ހުރީއެވެ. ހިމޭންކަމުގައި އިރުކޮޅެއް ދިޔަފަހުން، ރާދިން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މައާލްގެ ކޮނޑުގައި އަތް ޖައްސާލަން ހިއްލާލި އަތްވެސް އޭނާ ތިރިކޮށްލީ އެ ހިތްވަރު ނުލިބުމުންނެވެ. އިސްޖަހާލި ރާދިން ދެލޯ މަރާލާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެހެންނަމަވެސް އެގޮތުގައި އޭނާއަށް ކެތްކުރެވުނީ އިރުކޮޅެއް ވަންދެނެވެ.
"އެމް ސޮރީ މާލް." އެހެން ބުނެލާފައި ރާދިން ޖެހި ލުތްކާއެކު، މައާލް އައިސް ތަތްވީ އޭނާގެ މޭމަތީގައެެވެ. ދެވަނަ ސިކުންތުގައި މައާލް ދުރުކޮށްލުމާއެކު، ރާދިން މައާލްގެ ލޮލުގައި ބޮސްދީފިއެވެ.
'އައި ލަވް ޔޫ." އެ ބަސްތައް ރާދިންގެ ދުލުން ނުކުތީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެ ހިތުގައި އުތުރިއަރަމުން ދިޔަ ލޯބި ފޮރުވާލުން ވީ އޭނާއަށް އުނދަގޫކަމަކަށެވެ.
"ރާދިން…" ކިތަންމެ ހަރުކަށިކޮށް ބުނަން އުޅުނު ނަމަވެސް، މައާލްގެ ދުލުން އެ ބަސްތައް ނުކުތީ މަޑުމަޑުންނެވެ. ރާދިންގެ އެ އަމަލުން އޭނާ ބަލިކަށިވެފައިވާވަރު އަމިއްލަ ނަފްސަށް ފަހުމްވެގެން ދިޔުމާއެކު އެ އިޙްސާސްތައް މައާލްއަށް ބޭރުކުރެވެން ފެށުނީ ރުޅިވެރިކަމުގެ ސިފައިގައެވެ. ރާދިންގެ މޭގައި އަތް އަޅާ ކޮށްޕާލުމާއެކު، މައާލް ފަހަތަށް ފިޔަވަޅެއް އަލާލިއެވެ.
"އަހަރެން ނުބުނަންތަ އަހަރެންގެ ގައިގައި އަތް ނުލާށޭ… ކީއްވެ ތިއައީ؟ އަހަރެން ބުނިން އަހަރެންގެ ކައިރީގައި ރާދިން ހުންނާކަށް ބޭނުމެއް ނޫނޭ… ދެން ކީއްވެގެން ތިއައީ؟ އަހަންނަށް އިތުރު ހިތްދަތިކަމެއް ދޭންތަ؟ އަހަންނަށް ދެވުނު ދެރަ ކުޑައީތަ ރާދިން؟" މައާލްއަށް ބުނެވުނެވެ.
"ރާދިންއާ ރާދިއުއާ ހުރި ހަމައެކަނި އެއްގޮތްކަމަކީ ސިފަ. އެހެން އެއްވެސް ކަމެއް އެއްގޮތެއް ނޫން." ރާދިން އެއްޗެއް ނުބުނުމުން މައާލްއަށް އަނެއްކާވެސް ބުނެވުނެވެ. ރާދިންގެ މޫނުމަތިން އޭނާއަށް ރާދިއުގެ ސޫރަ ސިފަވަމުން ދިޔައެވެ. ރާދިން ބުނިހެން އެއްވެސް ތަފާތެއް ނެތެވެ.
"މާލް.." ރާދިން ވާހަކަ ދައްކަން އުޅުނު ނަމަވެސް، އެކަމަށް މައާލް ހުރަސްއެޅިއެވެ.
"ބައްޕަވެސް އަހަންނަށް ސިއްރުކުރީތަ؟" މައާލްއަށް ބުނެވުނެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެން ފެށިއެވެ.
ދޭ ރާދިން… ޕްލީޒް ދޭ…" މައާލްއަށް ބުނެވުނެވެ.
"ޕްލީޒް ނުރޮއި. މައާލް... ޔޯ އައިސް.…" ރާދިންއަށް އެއްޗެއް ބުނުމުގެ ފުރުސަތު ދެންވެސް މައާލް ނުދިނެވެ.
"ދޭ.. ނުކުމޭ…" މައާލް ބުންޏެވެ. ރޯން ބޭނުން ނޫނަސް އޭނާއަށް އެ ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވެއެވެ.
"އަހަރެން ދަނީ މީ. އެކަމަކު ޕްލީޒް. ހުއްޓާލާ ޕްލީޒް، އައި އެމް ސޮރީ…" ރާދިން އާދޭސްކުރަންފެށިއެވެ. މައާލްއަށް އިތުރު ގެއްލުމެއް ވެދާނެތީ އޭނާ ހުރީ ކަންބޮޑުވެފައެވެ.
"ޕްލީޒް ސްޓޮޕް. ޔޫއާރ ހާރޓިން ޔޯ ސެލްފް މާލް… ޕްލީޒް…" ރާދިން ބުންޏެވެ. އޭނާ މައާލްއަށް ބަލާލާފައި ނުކުންނަން ހިނގައިގަތެވެ. ރާދިން ކޮޓަރިން ނުކުތުމާއެކު، މައާލް އަށް ހުރިތަނަށް ތިރިވެވުނެވެ. އެ ހިތުގައިވާ ލޯބީގެ އިޙްސާސްތައް އޭނާއަށް ހިންދައެއް ނުލެވުނެވެ. ރާދިން ފެނުމުން އެ ކުރުވި އިޙްސާސްއަކީ މީގެ ކުރިން ދުވަހަކުވެސް ކުރުވި އިޙްސާސްއެއް ނޫނެވެ. އަމިއްލަ ޙާލަތާ މެދު ވިސްނާލާފައި މައާލް ކަރުނަތައް ފުހެލިނަމަވެސް، އެ ހިތުގެ ރިހުމަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އެ ހިތުގައި އެބަ ރިހެއެވެ. މެއަށް އެބަ ތަދުވެއެވެ. މުނީރުގެ ކައިރީގައި ރާދިންގެ ވާހަކަ އަހަނީ ލޯބިވާތީއެވެ. ރާދިންއަށްޓަކައި އެ ހިތުގައި އަދިވެސް ފުން ލޯބިވާތީއެވެ.
މައާލްގެ ކޮޓަރިން ނުކުމެފައި ދޮރުގައި ލެނގިލައިގެން ރާދިން ހުއްޓެވެ. ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވުމާއެކު، ނިކަން އަވަސް އަވަހަށް އަތުން އެ ކަރުނަތައް ފުހެލިއެވެ. އޭނާ ގޮސް އިށީނީ ސޯފާގައެވެ. އިރުކޮޅަކު އެހެން އިނދެފައި، އޭނާ އެމާ އަށް ގުޅިއެވެ. އެއަށްފަހު މައާލް ހޭލައިފިކަމަށާއި ކާއެއްޗެއް ހިފައިގެން އައުމަށް ރާދިން ބުންޏެވެ.
މައާލް ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިފައި ކާރޓެއިންތައް ކަހާލިއެވެ. ބޭރު ފެނުމުން މައާލްއަށް ކުރެވުނު އިޙްސާސް ބުނެދޭކަށް ނޭނގުނެވެ. ތެތްފިނި ފަޒާގެ ސަބަބުން މައާލް ހީކަރުވާގޮތްވިއެވެ. ޖެހެމުންދިޔަ ލުއި ލުއި ފިނި ވައިރޯޅިތަކަށްވެސް އޭނާގެ އުދާސްވެފައިވާ ހިތަށް ތަސައްލީއެއް ނުދެވުނެވެ. އެ ހިތަށް އަރާމެއް ނުދެވުނެވެ. އެ ތަކުލީފުތަކާއި ވޭނަށް ލުޔެއް ނުދެވުނެވެ. އެތައް އިރަކު މައާލް އެތަނުގައި ހުއްޓެވެ. އެހެން ހުރެފައި އޭނާ އައިސް އެނދުގައި އިށީނދެލިއެވެ. މާގިނަ އިރެއްނުވެ އެމާ އައިސް ވަދެއްޖެއެވެ. އޭރު އޭނާގެ އަތުގައި ދެ ކޮތަޅު އޮތެވެ.
"ކާއެއްޗެހި." މައާލް ބަލަން ފެށުމުން އެމާ ބުންޏެވެ. މައާލް ހިނިތުންވެލިއެވެ.
އެދުވަހު މުނީރު އައީ ހަތަރެއް ޖަހާ ބޮޑުވީފަހުންނެވެ. އޭރު ނުކުތްގޮތަށް ރާދިން އޭނާގެ ކައިރިއަށް ނާންނާތީ ނޭނގިނަމަވެސް، މައާލްއަށް ރާދިންއަށް އިންތިޒާރުކުރެވެމުން ދިޔައެވެ. އެހެންނަމަވެސް، އޭނާ އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. މައާލްއަށް ނޭނގުނުކަމަކީ ހިތެއްގައި ލޯބިވާނަމަ، އަމިއްލަ ނަފްސަށް މަޖުބޫރުކުރިނަމަވެސް، ލޯބިވާ މީހާގެ ހަނދާންތައް އެހިތާ ވަކިނުކުރެވޭނެކަމެވެ. ލޯބީގެ އިޙްސާސްއަކީ އެހެން ޖަޒުބާތުތަކާ ތަފާތު އެއްޗެކެވެ. އެހެން ނޫންނަމަ، އިންސާނާއަށް ކުރުވާ އިޙްސާސްތަކުގެ ތެރެއިން އެންމެ އަޖައިބުކުރުވަނިވި އިޙްސާސްއަކަށް ލޯބި ނުވީހެވެ. މައާލްއަށް އިރުއިރުކޮޅަކާ ދޮރާ ދިމާލަށް ބަލާލެވެއެވެ. އެންމެފަހުން ނޫންކަމަށް ހަދާފައި އޭނާ މުނީރުގެ ކައިރީގައި ސުވާލުކުރިއެވެ.
"ބައްޕައަށް އެނގޭތަ ރާދިން އައިކަން؟" މައާލްގެ އެ ސުވާލާއެކު، މުނީރަށް ހައިރާންކަން ލިބުނެވެ. ރާދިން އޭނާ އުޅޭކަން މައާލްއަށް ނާންގާނަމޭ ބުނެފައިވާތީ އޭނާ ހައިރާންވީއެވެ. މައާލް ވީގޮތް ބުނުމާއެކު މުނީރުވެސް ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ.
"އެކަމަކު އެކަންތައް ބައްޕައަށް އެނގުނީ ރާދިން މިކޮޅަށް އައި ފަހުން. މައާލް ބޭނުން ނުވަންޏާ، ބައްޕަ ބުނާނަން ދެން މި ކޮޓަރިއަށް ނުވަންނަން." މުނިރު ބުންޏެވެ. އެއަށް މައާލް ވަކި އެއްޗެއް ނުބުނެ ހުރެފައި އޭނާ ދެންވެސް ކޮށްލީ ސުވާލެކެވެ.
"ކޮންތާކު… ކޮންތާކު ރާދިން ހުންނަނީ؟" މައާލް އެނގެން ބޭނުންވިއެވެ. އޭނާ އެ ސުވާލު މުނީރާ ކުރީ އެހެންވެގެންނެވެ.
"ހޮޓެލެއްގައި." މުނީރުވެސް ފޮރުވާކަށް ބޭނުމެއް ނޫނެވެ. އޭނާ ތެދަށް ޖަވާބު ދިނީ އެހެންވެއެވެ. ރާދިން މިހާރު ވީތަނަކާ ބެހޭގޮތުން އެނގެން މައާލް ބޭނުންވިނަމަވެސް އެ ސުވާލު ކުރަން އޭނާ ފަސްޖެހުނެވެ. ރާދިން ފޮނުވާލީވެސް އޭނާއެވެ. ވީއިރު މިހާރު ރާދިން ގެންނަން އޭނާ ބުނާނީ ކިހިނެއްހެއްޔެވެ؟
"ރާދިންއާ ރާދިއުއާ ނެތް އެއްވެސް ތަފާތެއް." ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރެ މައާލްއަށް ބުނެވުނެވެ.
"ވަކިކުރަން ނޭނގޭ ވަރަށް ދެމީހުން ވައްތަރުވާނެ. އުޅުމުން އެނގޭނީ ވަކިކުރަން." މުނީރު ބުނެލިއެވެ.
"ރާދިއު ފަދަ ޒުވާނަކަށް ރާދިންވެސް ވީނަމަ." މައާލްގެ ދުލުން ނުކުތް އެބަސްތައް މުނީރަށް އަޑު އިވުމާއެކު އޭނާގެ ތުންފަތުގައި ހިތި ހިނިތުންވުމެއް ދުވެލިއެވެ.
"ދޫކޮށްލާކަށް ނޫޅޭތަ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.
"ދެންމެ ޑޮކްޓަރާ ވާހަކަ ދައްކާލާފަ ބައްޕަ މިއައީ. ބުނި މިރޭ ދޫކޮށްލާނެ ވާހަކަ. އެކަމަކު ހަފްތާއެއް ފަހުން ޗެކްއަޕް އަކަށް އަންނަން ޖެހޭނެ." މުނީރު އޮޅުން ފިލުވާލަ ދިނެވެ. މައާލް ބޯ ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ހޮސްޕިޓަލްގެ އައި.ސީ.ޔޫ ތެރޭގައި ހުރި ކިއުބިކަލްގައި އޮތް އަންހެން މީހާ ނޭވާ ލަމުން ދިޔައީ ވެންޓިލޭޓަރެއްގެ އެހީގައެވެ. އަތަށް އައިވީއާއި އެކި ކަހަލަ ހޮޅިތައް ގުޅާފައިވާއިރު، މެޝިންތަކުގެ ބީޕް އަޑުން މުޅި ތަނުގެ ހަމަ ހިމޭންކަން ވަނީ ފޫދުއްވާލާފައެވެ. އެއްވެސް ހަރަކާތެއް ނެތް މެދު އުމުރުގެ އެ އަންހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ހޮސްޕިޓަލް ގައުން އެއް ލައިގެން އެތަނުގެ އެތެރެއަށް ވަދެގެން އައި ފިރިހެންވީމާ އެ އަންހެން މީހާއަށް ބަލާލުމާއެކު، ދެލޯ މަރާލިއެވެ. ހީވީ އެ ޙާލުގައި އެމީހާ އޮތްތަން ބަލަން ނުކެރުނީހެންނެވެ. މަޑުމަޑުން ގޮސް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނުމާއެކު، އެ އަންހެން މީހާގެ އަތުގައި އޭނާ ފިރުމާލިއެވެ. އެއަށްފަހު، އަންހެން މީހާގެ މޫނުގައި ފިރުމާލުމާއެކު، ނިތުގައި ބޮސް ދިނެވެ. އެހެން އިންތާ މާ ގިނަ އިރެއްނުވެ އޭނާގެ ފޯނު ވައިބްރޭޓްވިއެވެ.
ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.
"ހަލޯ…" ދެ ވިސްނުމެއްގައި އިނދެފައި އެ ފިރިހެންމީހާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"ހަލޯ… ހެންރީ…" އިވުނީ ކާކުގެ އަޑުކަން ހެންރީއަށް ޔަޤީންވެ ހާސްކަމާއެކު، އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ.
"އަހަރެން ބޭނުން ކަލޭއާ ބައްދަލުކުރަން." އެކޮޅުން ބުނެލިއެވެ.
"ކޮން އިރަކުން؟" ހެންރީ ބުނެލިއެވެ.
"މިރޭ…" ލަސްތަކެއްނުވެ އެކޮޅުން ޖަވާބުދިނެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ. ވާހަކަ ދެއްކި މީހާގެ އަޑުގައި ހުރި އަމުރުވެރިކަމުގެ ރާގާއެކު އަދި އޭނާއަށް ފެނުނު މަންޒަރުތަކުގެ ސަބަބުން ކަންތައްތައް މާ ރަނގަޅު ނޫންކަން ހެންރީއަށް ވިސްނުނު ނަމަވެސް، އޭނާ އެމީހަކާ ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ފަހު ފަހަރަށް އެމީހަކު ދައްކާ ވާހަކައެއް އަޑު އެހުމުގެ ނިޔަތުގައި އޭނާ އެމީހަކާ ބައްދަލުކުރަން ނިންމިއެވެ.
"އަހަރެން ދާންވީ ތަން ބުނޭ…" ހެންރީ ބުނެލުމާއެކު އެމީހަކު ދާންވީ ހޮޓެލާއި ގަޑި ބުންޏެވެ.
"އަހަރެން އިންތިޒާރުކުރާނަން." އެކޮޅުން ބުނެލިއެވެ.
އެރޭ ހެންރީ ހޮސްޕިޓަލުން ނުކުމެ ޓެކްސީއަކަށް އަރައިގެން ލަންޑަންގެ ފައިވް ސްޓަރ ހޮޓެލެއްކަމަށްވާ ހޮޓެލް ލަންޑަނަށް ދިޔުމަށް މިސްރާބުޖެހިއެވެ. އޭރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ކާރުގައި އިންއިރުވެސް އިރުއިރުކޮޅަކާ އޭނާ ތުނބުޅީގައި އަތް ހާކާލާނެއެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާނެއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ފޯނަށް ބަލާލާނެއެވެ. ހެންރީ ހީވަނީ ކުރާނެ ކަމެއް ނޭނގިގެން އުޅޭ މީހެއް ހެންނެވެ. އޭނާ ހާސްވެފައިވަނީ މިއިން ދުވަހަކު ނުވާ ވަރަށް ހެން ހީވެއެވެ.
ހޮޓެލަށް ދެވުމާއެކު ޑްރައިވަރަށް ލާރި ދީފައި ގޮސް ހޮޓެލަށް ވަނެވެ. އެއަށްފަހު ފޯނު ބަލާލާފައި އެކޮޅުން އޭނާއަށް ފޮނުވާފައި އޮތް މެސެޖް ހުޅުވާލިއެވެ. ހޮޓެލުގެ މަތީގައި ހުންނަ ރެސްޓޯރެންޓްއެއްގެ ޕްރައިވެޓް ޑައިނިން އޭރިޔާގެ ކޮޓަރިއެއްގެ ނަންބަރު އެމެސެޖުގައި ވެއެވެ. އެންމެ މައްޗަށް ގޮސް އެ ތަނަށް ވަތްއިރު، އެތަނުގައި އޭނާއާ ފޯނުން ވާހަކަ ދެއްކި މީހާ ނޫން އިތުރު މީހަކު ނެތެވެ.
"އިށީނދޭ…" އެތަނުގައި ހުރި ގޮނޑިއަކަށް އިޝާރާތްކޮށްލާފައި އެމީހަކު ބުނެލުމާއެކު ހެންރީ ގޮސް އިށީނދެލިއެވެ.
"ހާދަ ހާސްވެފަ؟" އޭނާ ދިއްކޮށްލި ފެންތަށިނަގާ ހެންރީ އެއްފަހަރާ އެ ފެންތަށި ބޯލިއެވެ.
(ނުނިމޭ)