24 May 2012, 11:26
ހިޔާނާތާއި މައްސަލަތައް ފުނިޖެހިފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ ކޮންޓްރޯލުން ނެއްޓިފައި ވަނިކޮށް އެ ޕްރޮޖެކްޓް ހަވާލު ކުރި މެލޭޝިޔާ ނެކްސްބިޒުން ދިން "ލެނޯވޯ" ބްރޭންޑްގެ 75 ލެޕްޓޮޕަކާބެހޭ ޝަކުވާ އެންޓިކޮރަަޕްޝަން ކޮމިޝަނުގެ ތެރެއަށް ވަނެވެ. އެ މައްސަލަގައި އޭސީސީ އެލާޓަށް އައީ އިއްޔެ ހެނދުނު 7:30 ގަ އެވެ. ކޮމިޝަން އިސްވެ އޮވެ އެ މައްސަލަ ބަލާ 15 އިންވެސްޓިގޭޓަރުންނާއެކު އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަނުމަށް ތައްޔާރުވަމުން ދިޔައިރު އިންވެސްޓިގޭޓަރުން އަމިއްލައަށް ވަނީ އޮޕަރޭޝަނަށް ނަމެއް ވެސް ދީފަ އެވެ. އެއީ "އޮޕަރޭޝަން ލެނޯވޯ" އެވެ. އެކަމަކު އެއީ ކޮމިޝަނުން ދީފައިވާ ނަމެއް ނޫނެވެ.
އޮޕަރޭޝަނަށްޓަކައި އޭސީސީގެ އިންވެސްޓިގޭޓަރުން އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަންނަން މަސައްކަތް ކުރީ އިއްޔެ މެންދުރު ފަހު 1:30 ގައެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. އިންވެސްޓިގޭޓަރުންނަށް އިމިގްރޭޝަންގެ ތެރެއިން ބަސް އުކައި އެއްބާރުލުން ނުދިނުމުގެ އިތުރުން ހަވީރު 5:30 ވީއިރު ތިބީ "ރަހީނު" ވެފައެވެ. އިމިގްރޭޝަންގެ ފަންކާތަކާއި އޭސީއާއި ބޮކިތައް ނިވާލައި ބޭރުން ތަޅުލީ އެވެ. އެހިސާބުން އޮޕަރޭޝަން މިޝްރާބު ބަދަލުވެ ދެން ޖެހުނީ ކޯޓް އަމުރަކާއެކު އިމިގްރޭޝަން ޑިޕާޓްމަންޓްގެ ހަތަރު އިދާރާއަކަށް ވަންނާށެވެ.
"ދެން ޖެހުނީ ކޯޓް އަމުރެއް ހޯދަން. އޭގެ ކުރިން އެއްބާރުލުން ދިންނަމަ މިއައި މިހިސާބަށް ދާވަރުގެ ބޮޑު މައްސަލައެއް ނޫން،" މިއަދު ހެނދުނު އިރުއަރައިގެން އައި ވަގުތު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ މެންބަރަކު ވިދާޅުވި އެވެ.
ދިގު އޮޕަރޭޝަންގައި އޭސީސީން ކޯޓް އަމުރަކާއެކު އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަދެގަތުމަށް ނުކުތީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. އެއާއެކު ފުރަތަމަ އެދުނީ ފުލުހުންގެ އެހީއަށެވެ. އެއީ އަމުރާ އެއްގޮތަށް ވަންނަން ބޭނުންވާ ތަންތަނަށް ވަނުމަށާއި ނަގަން ބޭނުންވާ ތަކެއްޗާއި ހޯދަން ބޭނުންވާ ލިޔުންތައް ހޯދުމަށެވެ. އެހެން ކަމުން ގާތްގަނޑަކަށް 12:30 އެހާ ކަންހާރު ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މައި އިދާރާއަށާއި ހުޅުމާލެ އާއި މާލޭގައި ހުންނަ އިމިގްރޭޝަންގެ އިދާރާއަށް ފުލުހުންނާއެކު އޭސީސީން ވަނީ ބަލާ ފާސްކުރުމުގެ 48 ގަޑި އިރު ކޯޓް އަމުރަކާއެކު ފުރިހަމަ ބާރު ލިިބިގެނެވެ.
"އަޅުގަނޑުމެނަށް އަމުރެއް ނެރެދީފައި ވަނީ 48 ގަޑިއިރަށް. އެކަމަކު އަޅުގަނޑުމެން މަސައްކަތް ފެށީ މަސައްކަތުގައި ފަސް ގަޑިއިރު ހޭދަކޮށް އޮޕަރޭޝަން ނިންމާލުމަށް،" އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި އެވެ. ފުލުހުންނާއެކު އޭސީސީން ރޭ މެންދަމު އޮޕަރޭޝަން ކުރިޔަށް ގެންދިޔައިރު ފާސް ކުރި ހުރިހާ އިދާރާއެއްގެ ކައިރީގައި ވެސް ނޫސްވެރިން ތިއްބެވެ.
އޭސީސީގެ އޮފިޝަލަކު އޮޕަރޭޝަން ތެރޭގައި ވިދާޅުވީ އިމިގްރޭޝަންގެ ހަތަރު އިދާރާއަކަށް ވަނީ ނެކްސް ބިޒުން ދީފައިވާ 75 ލެޕްޓޮޕަކާ އެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުމާއި ތަކެތި ހޯދަން ކަމަށެވެ. ނަމަވެސް އޭސީސީން އެ މައުލޫމާތެއް ރަސްމީކޮށެއް ނުދެ އެވެ.
"އަޅުގަނޑުމެން ތަހުގީގަށް ހުރަސް އެޅިދާނެތީ ނެގި ތަކެއްޗާއި ލިޔުމުގެ ތަފުސީލެއް އަދި ދޭކަށް ބޭނުމެއް ނޫން. އެކަމަކު ލެޕްޓޮޕްތަކެއް ޑިސްކަވާ ކުރިން،" މުއައްވިޒު ވިދާޅުވި އެވެ.
ކޮމިޝަނުން ފުރިހަމަ މައުލޫމާތު ނުދިން ނަމަވެސް ހުރިހާ ކަމެއް ހިނގީ ނޫސްވެރިންގެ ހާޒިރުގަ އެވެ. ފެނުނީ ބޮޑެތި ސިންގާހާ ފޮށިފޮށިގަނޑާއި ކޮތަޅުތަކުގައި ބަންދުކޮށްފައިވާ "ލެނޯވޯ" މަރުކާގެ ލެޕްޓްތައް ފުލުހުން ނެރެ ފުލުސް ވެހިކަލްތަކުގައި އޭސީސީއަށް ގެންދިޔަ މަންޒަރެވެ. ފަތިހު 4:00 ޖެހި އިރު އެއާޕޯޓާއި ހުޅުމާލެ ބަލައި ފާސް ކޮށް ނިމުނު ނަމަވެސް 5:30 ވެގެން ދިޔައިރު ވެސް ވެލާނާގެއިން ލެޕްޓޮޕް ނެރެ ނުނިމެ އެވެ.
އިސް އިންވެސްޓިގޭޓަރުން ވިދާޅުވި ގޮތުގައި 75 ލެޕްޓޮޕް އެތެރެވި ކަމަށް ދައްކަ އެވެ. އެކަމަކު ޑިސްކަވާ ކުރެވުނީ 62 ލެޕްޓޮޕެވެ. ބާކީ ލެޕްޓްތައް ވީތަނެއް އެނގޭ މީހަކު ނެތެވެ.
ވަރަށް ހިނި އަންނަ މަންޒަރު ވެސް ފެނުނެވެ. އެއީ ގޭގެއަށް މުވައްޒަފުން ގެންގޮސްފައިވާ ލެޕްޓޮޕްތައް ހިފައިގެން އައި މަންޒަރާ އޭސީސީ އާއި ފުލުހުންގެ ބެލުމުގެ ދަށުން ގޭގެއަށް ގޮސް ލެޕްޓޮޕްތައް ހޯދި މަންޒަރެވެ.
"މިބޭފުޅުން ވިދާޅުވަނީ މިއީ ސޮފްޓެވެއާ އަޅަން ބޭނުން ކުރާ އެއްޗެއްސޭ. އެކަމަކު އެބުނާ ސޮފްޓެވެއާއެއް ނެތް އަމިއްލަ ސިޓީއާ އެނޫން ތަކެތި ހުރީ. ގިނަ ލެޕްޓޮޕް މިހުރީ ގޭގައި. އެކެއްގެ ލެޕްޓޮޕް އޮތީ މީހަކަށް ވިއްކާލާފައި. އެ ގަތް މީހާ އަތުން ހޯދީ. އޭނާގެ މައްސަލަ ބަލަމުން އެބަދޭ،" އިންވެސްޓިގޭޓަރަކު ވިދާޅުވި އެވެ.
ބައެއް މުވައްޒަފުން ގެއިން ލެޕްޓޮޕް ހިފައިންގެ ވެލާނާގެއަށް ވަންނަމުން ނޫސްވެރިންނަށް ލެޕްޓޮޕް ދައްކާލާ ގެއަށް ގެންދިޔައީ "ޕޭޕަރެއް ނިންމާލަން" ކަމަށް ބުނެ ހިނިގަނޑު ވެސް ޖަހައިލަ އެވެ. އެބައި ނިމުމުން އިންވެސްޓިގޭޓަރުން އެންމެ ފަހުން ވަނީ ގާޒީ ބިލްޑިންގައި ހުންނަ އިމިގްރޭޝަން އިދާރާއަށެވެ. އެއީ ވެސް ގޭގޭގައި ތިބި މުވައްޒަފުންގެ އަތުން ތަޅުދަނޑި ގެނުވައިގެންނާއި މުވައްޒަފުން ވެސް ނެރެގެނެވެ.
އޭސިސީން ވެސް އަދި އިންވެސްޓިގޭޓަރުންނާއި ފުލުހުން ވެސް ބުނީ ކޯޓް އަމުރާއެކު ދިއުމުން އެއްވެސް ތަނެއް "ވައްޓާލަން" ނުޖެހުނު ކަމަށާއި އެހިސާބުން އެއްބާރުލުން ވެސް ލިބުނު ކަމަށެވެ. އަދި ހޯދަން ބޭނުންވި އެއްޗެއްސާއި ލިޔެ ކިޔުން ވެސް ލިބުނު އިރު ބޭނުންވި ބައެއް ފަރާތްތަކުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.
"ބޭނުންވި ހުރިހާ ލިޔުމެއް ވަނީ ލިބިފައި. އިއްޔެ އެ ބައި ފުރިހަމަވެއްޖެ، އަދި މިއަދު ވެސް މިހަފުތާގައި ވެސް އިތުރަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އިންވެސްޓިގޭޓަރުން މިކަމުގައި މެދުނުކެނޑި އުޅޭތާ 24 ގަޑިއުރު ވުމުން މިވަގުތަށް އޮޕަރޭޝަން ފުރިމަކޮށްލީ!" މުއައްވިޒު ވިދާޅުވި އެވެ.
އޮޕަރޭޝަން ލެނޯވޯ ނިންމާލުމަށްފަހު އިންވެސްޓިގޭޓަރުން ބުނީ 24 ގަޑިއިރު އެ އޮޕަރޭޝަނުގައި ހޭދަވިޔަސް މައްސަލައެއް ނެތް ކަމަށާއި އެއީ 200 ޕަސެންޓް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. އެ ހިތްހަމަޖެހުން އޮތުމުން ނިންޖެއް ވެސް ނެތް ކަމަށެވެ.
"ވަރަށް ހިތްޖަމަ ޖެހުނު، ބަންދު ވެސް ކުރި، ބިރުވެސް ދެއްކި. އެކަމަކު މިކަން ކާމިޔާބު ވުމުން އުފާވި. މިހާރު ނިންޖެއް ވެސް ނެތް،" އޮޕްރޭޝަންގައި އުޅުނު އަންހެން އިންވެސްޓިގޭޓަރަކު ވިދާޅުވި އެވެ.
އޭސީސީގެ ހަޔާތުގައި މިހާތަނަށް އެންމެ ދިގުކޮށް ހިންގި އަދި ދުއްތުރާލާ ދިމާވި އޮޕަރޭޝަނަށް ފަހު ކޮމިޝަނުން ވަނީ އެހެން ކަމެއް ވެސް ކޮށްފަ އެވެ. އެއީ ހުރިހާ އިންވެސްޓިގޭޓާރުންނަށް ޗުއްޓީ ދީ ގެއަށް ފޮނުވާލުމެވެ.
"ދެން އެބޭފުޅުން ނުކުނާނީ ތާޒާ ވެލައިގެން،" މެންބަރު ސަމާސާއަކަށް ވިދާޅުވި އެވެ. ލެނޯވޯ އޮޕަރޭޝަންގެ ފަހު މަރުހަލާގެ ނަތީޖާ ނެރޭށެވެ.