16 Dec 2023, 17:53
ޓެލްއަވީވު (16 ޑިސެންބަރު 2023): ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން ތިން މީހަކު އިސްރާއީލު ސިފައިންގެ ޙަމަލާތަކެއްގައި މަރުވެއްޖެއެވެ.
މިތިން މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހީ އެއީ ފަލަސްތީނުގެ މުޖާހިދުންކަމަށް ހީކޮށެވެ. އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން މިއީ އޮޅުމަކުން ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. ހެދުނު ވަރަށް ވޭންދެނިވި ގޯހެކެވެ. އަދި އިސްރާއީލަށް ލިބުނު ބޮޑު ގެއްލުމެކެވެ.
މިފަހަކަށް އައިސް ޙަމާސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިފަދަ ބޮޑެތި އޮޅުންތައް އިސްރާއީލު ސިފައިންނަށް ދަނީ އަރަމުންނެވެ. މިއީ ހިތާމަހުރި ކަމެއްކަމަށް އިސްރާއީލުގެ އަސްކަރީ ބަޔާން ބުނެއެވެ.
އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިޔަލް ހަގާރީ ބުނިގޮތުގައި މިހާދިސާ ހިނގާފައިވަނީ ޣައްޒާގެ އައްޝުޖާޢިއްޔާ އަވަށުގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ތިން އަސީރުންގެ ގަޔަށް، އިސްރާއީލު ސިފައިން ބަޑިޖެހީ، އިސްރާއީލު ސިފައިން ފެނުމުން އެމީހުން ކުއްލި ގޮތަކަށް ފިލަން ދުއްވައި ގަތުމުން އެއީ ހަމާސްގެ ހަނގުރާމަވެރިންކަމަށް ބެލެވިގެންނެވެ.
ނަމަވެސް އެމީހުންގެ މަރުވެފައިވާ ހަށިތައް ބަލައިޗެކްކޮށް އެމީހުންގެ ޑީއެންއޭ ޓެސްޓް ކުރުމުން އެއީ މިދިޔަ އޮކްޓޯބަރުމަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އަސީރުންގެ ގޮތުގައި ހައްޔަރުކުރި އިސްރާއީލުގެ 250 މީހުންގެ ތެރޭގައި ހިމެނޭ ބައެއްކަންވަނީ ޑީއެންއޭއިން ކަށަވަރުވެފައެވެ.

އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން އެގައުމުގެ ޖައްބާރު ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރަނީ
މި ތިން މީހުންގެ ތެރެއިން އެކަކީ ޔޫތާމް ހަޔީމް ނަމަކަށް ކިޔާ މީހެއް ކަމަށާއި އަނެކަކީ ކީޕޫތްސް ކަފަރު އިއްޒާ ނަމަކަށް ކިޔާ މީހެއްކަމަށާއި ތިންވަނަ މީހާގެ ނަން ހާމަނުކުރުމަށް އޭނާގެ އާއިލާއިން އެދިފައިވާކަމަށް އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނާގޮތުން ހަމާސްއިން އެތިން މީހުން ދޫކޮށްލީ ދޫކޮށްލުމާއެކު އެމީހުން ދުއްވައިގަންނާނެކަމާއި އެހާލަތުގައި އިސްރާއީލު ސިފައިން އެމީހުންގެ ގަޔަށް ބަޑިޖަހާނެކަން އެނގިތިބެއެވެ. އަދި އިސްރާއީލު ސިފައިން ބަޑިނުޖެހިނަމަ އިސްރާއީލު ސިފައިންގެ ކައިރިއަށް ދިޔުމުގެ ކުރިން އެމީހުންގެ ގަޔަށް ބަޑިޖަހައި އެމީހުން މަރާލެވޭނެކަމުގެ ޔަގީންކަން ހަމާސްގެ މުޖާހިދުންނަށް އޮތުމުންނެވެ.
ހަމާސްގެ އަތްދަށުގައި އަސީރުންގެ ގޮތުގައި މިހާރުތިބީ ހަމައެކަނި އިސްރާއީލުގެ ސިފައިންނެވެ. އާންމުންގެ މީހަކު ނެތެވެ. ދާދިފަހުން ޙަމާސް އާއި އިސްރާއީލުން އެއްބަސްވި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އާންމުންގެ މީހުން ވަނީ މިނިވަންކޮށްފައެވެ.
ހަމާސްއިން މިނިވަންކުރި އާންމުންގެ ބަދަލުގައި އިސްރާއީލުންވެސް އެގައުމުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 280 މީހުން މިނިވަން ކުރިއެވެ. ހަމާސްއިންވަނީ އެޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ޓަކައި ހަމަލާތައް އެއްކޮށް ހުއްޓާލާގޮތަށް އިތުރު އެއްބަސްވުމަކަށްދިޔުމަށް އިސްރާއީލަށް ގޮވާލާފައެވެ.
ނަމަވެސް އިސްރާއީލުންވަނީ ޖައްބާރުކަމާއި ބޮޑާކަން ކުރިޔަށް ނެރެ ބާރުގެ ބޭނުންކޮށްގެން ހަމާސްގެ އަތްދަށުން އިސްރާއީލު ބާކީތިބި ރަހީނުން މިނިވަންކުރާނެކަމަށާއި ހަމާސްގެ މުޖާހިދުންވެސް ބަލިކުރާނެކަމަށް ބުނެ ގަދަބަސް ބުނެފައެވެ.
ރައްދުގައި ހަމާސްއިންވަނީ ބާރުގެ ބޭނުންކޮށްގެން އިސްރާއީލުގެ އެންމެ އަސީރަކުވެސް ދިރިހުއްޓައި މިނިވަން ނުކުރެވޭނެކަމަށް ބުނެފައެވެ.
އިސްރާއީލުން މިދިޔަ ހަފުތާގައިވަނީ އެގައުމުގެ އަސީރުންގެ ތެރެއިން އެކަކު މިނިވަންކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. ނަމަވެސް މި އޮޕަރޭޝަން ނިމުނީ އޮޕަރޭޝަން ހިންގުމުގައި ބައިވެރިވި އިސްރާއީލު ސިފައިންގެ ބަޔަކާއި އަސީރުވެސް މަރުވެގެންނެވެ. ހަމާސްގެ އެކަކުވެސް މިއޮޕަރޭޝަންގައި ޝަހީދުވެފައެއް ނުވެއެވެ.
ހަމާސް ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރެއިން ތިން މީހަކު އިސްރާއީލު ސިފައިންގެ ޙަމަލާތަކެއްގައި އިއްޔެ މަރުވުމުން އަސީރުންގެ އާއިލާތަކުންވަނީ އިސްރާއީލުގެ ހަރުކަށި އަދި ޖައްބާރު ވެރިންނާ ދެކޮޅަށް ވެރިރަށް ޓެލްއަވީވުގައި މުޒާހަރާކޮށް ހަމާސް އާއެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދިޔުމަށް ގޮވާލައި އަޑުއުފުލާފައެވެ.
މީގެ ދެހަފުތާ ވަރަކަށް ދުވަސް ކުރިން އިސްރާއީލުގެ ބޮންއަޅާ މަތިންދާ ބޯޓުތަކުންވަނީ އޮޅިގެން ޣައްޒާގައި ތިބި އިސްރާއީލު ސިފައިންގެ ބައެއްގެ ބޮލަށް ބޮންއަޅައި އޭގެތެރެއިން 12 މީހަކު މަރާލާފައެވެ. މިކަމުގެ ސަބަބުންވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ނާގާބިލުކަމާއި ސިފައިން ހާސްވެ ބިރުގަނެފައި ތިބޭމިންވަރުވަނީ ހާމަވެފައެވެ.
އެމެރިކާ އުފައްދާ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން، އާދައިގެ ބަޑި ހިފައިގެން އުޅޭ ފަލަސްތީނުގެ މުޖާހިދުންނާ އެއްގަމުން ކުރިމަތިލުމުން ބަލިވަނީ އިސްރާއީލު ސިފައިންނެވެ.
އިސްރާއީލަށް ކުރެވޭ ކަމަކީ އެމެރިކާ ދޭ ބާރުގަދަ ބޮންތައް ޣައްޒާގެ އާންމުންގެ ބޮލަށާއި ހޮސްޕިޓަލްތަކަށް އަޅައިގެން އާންމުން މެރުމެވެ. ގެދޮރާއި އިމާރާތްތައްފަދަ މަދަނީ ތަންތަން ހަލާކުކޮށް ސުންނާފަތި ކުރުމެވެ.
އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައިވެސް އަދި ހަމާސް ޖަމާއަތް ބަލިކޮށްލުމުގައިވެސް އިސްރާއީލު ސިފައިންނަށް އެއްވެސް ކުރިއެރުމެއް އަދި ކާމިޔާބެއް ނުލިބެއެވެ. އަދި މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ 450 އަށްވުރެ ގިނަ ސިފައިން މަރުވެ ހަ ހާހަށްވުރެ ގިނަ ސިފައިންވަނީ ޒަޚަމްވެފައެވެ.