16 Dec 2023, 17:30
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން އޯލާންޑޯ މެޖިކްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗް ސެލްޓިކްސްއިން ކާމިޔާބުކޮށްފައިވަނީ 128 ޕޮއިންޓް 111 ޕޮއިންޓުންނެވެ. އީސްޓަން ކޮންފަރެންސްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުރިމަތިލުމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސެލްޓިކްސް އާއި މެޖިކްގެ މިކުރިމަތިލުމުގައި ސެލްޓިކްސްގެ ޖޭސަސް ޓެޓުމްވަނީ 30 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ.
މިމެޗްގައި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 15 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ގޯގާ ބިޓާޑްޒޭއެވެ.
މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސާސްއެވެ. މިމެޗްގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 35 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޖޭމްސް ވައިސްމަންއެވެ.
މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗް 139 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖަލެން ބްރުންސަން ވަނީ 50 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 28 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ޑެވިން ބޫކާއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލައިލާއިރު ވޮޝިންޓަން ވިޒަޑްސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރިމެޗް 137 ޕޮއިންޓް 123 ޕއިންޓުން ވިޒަޑްސް ކާމިޔާބު ކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗް 112 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސް އެވެ.
ސެން އެންޓޯނިއޯ ސްޕާސް އާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗް 129 ޕޮއިންޓް 115 ޕޮއިންޓުން ސްޕާސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗް 125 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. އަދި ހިއުސްޓަން ރޮކެޓްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗް 103 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބު ކުރީ ރޮކެޓްސްއެވެ.