24 May 2012, 10:44
އާބާދީ މަދު ނަމަވެސް ބޮޑު ރަށެއް ކަމަށްވާ ރ. ފައިނަކީ ގަސް ގިނަ ވާ ބޯ ރަށެކެވެ. އެހެން ކަމުން ފަނިފަކުސައާއި އެނޫން ވެސް ދިރޭ ތަކެއްޗަށް އެއީ ފަސޭހަ ރަށެކެވެ.
"މުޅި ރަށުގައި މިހާރު އޮތީ ހުސް ހުވަނި، ވަލުތެރޭގައި އެޅި ހުވަނި މީހުން އުޅޭ ސަރަހައްދަށް ފެތުރި، މިހާރު އަންނާރު ގަސްގަހާއި ކުންނާރު ގަސްގަހަށް ދަންދެން ހުވަނި އަޅައިފި. އަޅުގަނޑުމެންގެ ކުދި ދަރިންގެ ގައިގައި އެސޮރުމެން ހަފަނީ،" ފައިނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ ހުވަނީގެ ކަންތައް މިހާ މައްޗަށް ގޮސްފައިވާ އިރު މަދިރީގެ އުނދަގޫ ވެސް ކުޑަ ނޫން ކަމަށެވެ. މަދިރި އެހާ ގިނަވެފައިވާ އިރު ރަށުގައި ޑެންގީ ހުން ފެތުރެން ފަށާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހުވަންޏާއި މަދިރި ގިނަވެފައިވީ ނަމަވެސް އެތަކެތި ކޮންޓްރޯލް ކުރަން ކަމާ ބެހޭ ފަރާތްތަކުން މާ ބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ފައިނު ރަށު ކައުންސިލުން ބުނީ ހުވަނި ކޮންޓްރޯލް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައި ވާތީ ހުވަނި ކޮންޓްރޯލް ކުރުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ރީޖަނަލް ހޮސްޕިޓަލްގެ ކަމާ ބެހޭ ބޭފުޅުން ވިދާޅުވީ އޯމޯ ފެނަކީ ހުވަނި ކޮންޓްރޯލް ކުރަން، ކެމިކަލަށް ވުރެ ވަކި ދެރަ އެއްޗެއް ނޫނޭ. ދިރާސާ ކުރައްވާފައި އެބޭފުޅުން އެހެން ވިދާޅުވީ. ދެން އަޅުގަނޑުމެން މުޅި ރަށަށް އިއްޔެ އޯމޯ ފެން ޖަހައިފިން. އެކަމަކު ވާރޭ ނުވެހި މިހާ ގިނަ ދުވަސް ވީމާ ހުވަނި ކޮންޓްރޯލް ކުރަން ދަތިވާނެ،" ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކެމިކަލް ހުރި ނަމަވެސް ދަތުރު ކުރެވެން ނެތް ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވީ ހުވަނީގެ މައްސަލައިގާ ނޫން ކަމަށާއި އެހެން ވިދާޅުވީ މަދިރީގެ މައްސަލައިގާ ކަމަށެވެ. އަދި ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމަށް ރަށަށް ފޮގް ކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބޭފުޅުން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ވާހަކަ އަތޮޅު ކައުންސިލުން ބުނެފައިވާ ކަމަށެވެ.
"މަދިރި ކޮންޓްރޯލް ކުރުމުގެ މައްސަލައިގާ އެބޭފުޅުން ވިދާޅުވީ ކެމިކަލް އެބަ ހުއްޓޭ އެކަމަކު ބަޖެޓް ނެތީމާ ތިޔަ ރަށަށް ސީދާ ދަތުރެއް ކުރެވެން ނެތީއޭ. ނަމަވެސް މިހާރު ވަނީ އެމްއެންޑީއެފްގެ ބޭފުޅުން ވަޑައިގަންނަވާނެ ކަަމަށް ވިދާޅުވެފައި،" މޫސާ އުމަރު ވިދާޅުވި އެވެ.
މޫސާ މަނިކުވެސް ވިދާޅުވީ ހުވަންޔާ ހެދި ރަށުގައި އުޅެވެން ނެތް ކަމަށެވެ.
"ރަށުގައި މީހުން އުޅެން ދަތިވާ ވަރަށް ހުވަނި ވަނީ ގިނަވެފައި." މޫސާ މަނިކު ވިދާޅުވި އެވެ.
ހުވަންޔާއި މަދިރީގެ ސަބަބުން ފައިނު ރައްޔިތުން ދަނީ ވޭނީ ދުވަސްތަކެއް ގުނަމުން ކަމަށް ރަށުކައުންސިލާއި ރަށުން ވާހަކަ ދެއްކި ރައްޔިތު މީހާ ވެސް ބުންޏެވެ.