މެންޗެސްޓާ ޔުނައިޓެޑުގެ ނެދަލެންޑްސް މިޑްފީލްޑަރު ޑޮނީ ވެން ޑެ ބީކް، ލޯނުގެ ދަށުން ޖަރުމަންގެ އައިންޓްރަކް ފްރެންކްފާޓްއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ވެން ޑެ ބީކް، އަޔެކްސްއަށް ކުޅުމަށްފަހު ޔުނައިޓެޑާ ގުޅުނީ 35 މިލިއަން ޕައުންޑް (46 މިލިއަން ޑޮލަރު)ގެ އަގަކަށް 2020 ވަނަ އަހަރުއެވެ. ނަމަވެސް ކަކުލުގެ އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހި، އޭނާއަށް ޔުނައިޓެޑުގެ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބިފައިވަނީ މިހާތަނަށް އެންމެ 23 މެޗުގައެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ ޖެނުއަރީ ޓްރާންސްފާގައި ލޯނުގެ ދަށުން ފްރެންކްފާޓްއާ ގުޅުމަށް ވެން ޑެ ބީކް ވަނީ އެއްބަސްވެފައެވެ. އަދި މިސީޒަނުގެ ނިޔަލަށް އެ ކޮންޓްރެކްޓް ހަމަވުމުން، 15 މިލިއަން ޔޫރޯ (13 މިލިއަން ޕައުންޑު)ގެ އަގަކަށް އޭނާ ދާއިމީކޮށް ގެންދިއުމުގެ ފުރުސަތު ފްރެންފާޓްއަށް ލިބޭނެ ކަމަށްވެސް ފަބްރީޒިއޯ ރިޕޯޓުކުރެއެވެ.

އަޔެކްސްގައި ވެން ޑެ ބީކް ވިދާލި ނަމަވެސް، ޔުނައިޓެޑުގައި އޭނާ ފާހަގަކޮށްލެވުނީ "ފްލޮޕް"އެއްގެ ގޮތުގައެވެ. ޔުނައިޓެޑަށް ކުޅުމުގެ ގިނަ ފުރުސަތުތަކެއް ލިބިފައިނުވާތީ، އެހެން ކްލަބުތަކުން އޭނާއަށް ހުށަހެޅުންތަކެއް ވެސް ލިބިފައެއް ނުވެއެވެ.

ޔުނައިޓެޑާ އެކު ވެން ޑެ ބީކް ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ. ކޮންޓްރެކްޓުގައި ދިގު މުއްދަތެއް އޮތުމާ އެކު ބޮޑު އަގެއްގައި ޔުނައިޓެޑަށް އޭނާ ވިއްކާލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ކްލަބުން އޭނާގެ އަގު ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.