16 Dec 2023, 15:50
ރާއްޖެ އަންނަ ކްރޫޒްލައިނާތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ ކަމަށް, ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ސަރުކާރުން އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އަގުތައް ބޮޑުވެ، ބައެއް ކްރޫޒްލައިނާތަކުން ރާއްޖެއަށް ކުރަން ނިންމާފައިވާ ދަތުރުތައް އަންނަނީ ކެންސަލް ކުރަމުންނެވެ.
މިކަމާގުޅިގެން މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ކްރޫޒް ލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދައިފައިވާ ގަވާއިދުތަށް އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި ވަރަށް އަވަހަށް މިހާރު ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ލިބޭނެ ކަން ވެސް މިނިސްޓަރުގެ އެ ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
މީގެ ކުރިން ވެސް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޗް އެޖެންޓްސް (މާޔާ) އިން ވަނީ މިދިޔަ ސަރުކާރުން ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭގެ ފަހުން އިއްޔެ މާޔާއިން ބުނީ އެ ގަވާއިދުތަކާހުރެ، ރާއްޖެއަށް 800 ފަތުރުވެރިންނާއެކު، އައުމަށް ހަމަޖެހިފައިވާ ކްރޫޒްލައިނާއެއްވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެ ކަން އެހެންވީ، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ކަމަށް މާޔާއިން ބުނެފައިވެއެވެ.