24 May 2012, 10:22
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރާ މެލޭޝިޔާގެ ނެކްސް ބިޒުން އިމިގްރޭޝަން ޑިޕާޓްމަންޓަށް ދީފައިވާ ގިނަ އަދަދެއްގެ ލެޕްޓޮޕާއި މައްސަލައާ ގުޅޭ ލިޔުންތައް ހޯދަން ހުރަސް ކުރިމަތިކޮށް އިންވެސްޓިގޭޓަރުން އިމިގްރޭޝަނުގައި ބަންދު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅަފި އެވެ.
އަދި އޭސީސީ އިން ވަނީ އެކަން ކުރި ފަރާތްތަކާ މެދު ކޮމިޝަނުގެ ގާނޫނުން ލިބިދޭ ފުރިހަމަ ބާރުގެ ބޭނުންކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އިމިގްރޭޝަނަށް ދީފަ އެވެ.
އޭސީސީން 24 ގަޑިއިރަށް ހިންގި ހާއްސަ އޮޕަރޭޝް މިއަދު ހެނދުނު 7:25ގައި ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އިމިގްރޭޝަނާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅުނު ޝަކުވާއެއް ބެލުމަށް ބޭނުންވި ލިޔުންތަކާއި ތަކެތި ހޯދަން އިމިގެރޭޝަންގެ އިދާރާތަކަށް އިއްޔެގެ މެންދުރު 1:30ގައި ދިއުމުން ހަވީރު 5:00 ޖެހުމާ ހަމައަށް އެކަށީގެންވާ އެއްބާރުލުމެއް ނުދީ ގޮންޖެހުންތަކާ ކުރިމަތި ކުރުވި ކަމަށެވެ.
އޭގެ ސަބަބުން ހޯދަން ބޭނުންވި ލިޔެކިޔުންތަކާއި މައުލޫމާތާއި ތަކެތި ވެސް ނުލިބި އޮޕަރޭޝަން މަޑު ޖައްސާލަން ޖެހުނު އިރު އެދެމެދުގައި ކަން ހިނގައި ދިޔައީ ވަރަށް ހިތާމަވެ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސައްކަތް ފަށައިގަތް އިރު ދަތި ކުރިމަތި ކުރުވި. ހަގީގަތުގައި ދައުލަތުގެ މުއައްސަސާއަކުން ކަންތައް ކޮށްގެން ނުވާނެ ގޮތަކަށް އަޅުގަނޑުމެނާ ދޭތެރޭ ކަންތައް ކުރީ. އަޅުގަނޑުމެންގެ މުވައްޒަފުންތަކެއް އެ އިދާރާ [އިމިގްރޭޝަން]ގައި ތިއްބާ ކަރަންޓް ކަނޑާލައި އޭސީ އާއި ފަންކާތަކާއި ބޮކި ނިއްވާ ބޭރުން ތަޅުލައި ބަންދުކުރުމުން އެތެރޭގައި ތާށިވި،"މުއައްވިޒު ވިދާޅުވި އެވެ. "އެ ތާށިވުން އެއީ އަޅުގަނޑުމެނަށް ގަބޫލު ކުރާނެ، ބަލައިގަންނާނެ ކަމެއް ނޫން. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން އަދި އެއާ ދޭތެރޭ ކޮމިޝަނުނުގެ ގާނޫނުން ފިޔަވަޅު އެޅުމުގައި ކޮމިޝަން ފަހެއް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ ކޮމިޝަނުން ނިންމާފައި ވަނީ މި މަސައްކަތް ކުރުމުގައި އިމިގްރޭޝަނުން ކުރިމަތި ކުރުވި ދަތިތަކުގެ މައްސަލައިގެ ޖިނާއީ ބައި ފުލުހުންނަށް ހުށަހަޅަން ކަމަށާއި އިއްޔެ އާއި ރޭ އެކަން ނުކޮށް މަޑުކޮށްލައިގެން ތިބީ އޮޕަރޭޝަން ހިނގަމުން ދިއުމުން ކަމަށެވެ.
"ގަޑިއެއްހާއިރު ތެރޭ މައްސަލަ ފުލުހުންނަށް ފޮނުވާނަން [އެހެން ވިދާޅުވީ ހެނދުނު 7:40 ގައި] މިހާރު އޮޕަރޭޝަން ނިމުމުން އަޅުގަނޑުމެން އަޅާނެ ފުރަތަމަ ފިޔަވަޅަކީ އެއީ. މިއާއެކު ކޮމިޝަނުން އަޅަން ޖެހޭ ފިޔަވަޅު ވެސް އަޅާނަން ކޮމިޝަނުގެ ގާނޫނުގެ ދަށުން ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅުމަކީ ކުށެއް. އެކަމަށް ދެވޭނެ އަދަބު ވެސް އެބަހުރި. އެހެންވީމަ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އަޅާނަން. ކޮމިޝަނުގެ ބާރު ކަނޑުވާލުމުން ނުވަތަ އެގޮތަށް މަސައްކަތް ކުރުމުން އަޅުގަނޑުމެން [މަޑަކުން] ނުތިބޭނަން،"
އޭސީސީން މިހާރު ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
މުއައްވިޒު ވިދާޅުވީ މައްސަލައިގައި ކޯޓް އަމުރަކަށް އެދެން ޖެހުނީ ވެސް އިމިގްރޭޝަނުން އެގޮތަށް ކަންތައް ކުރުމުން ކަމަށާއި ނަމަވެސް ކޯޓް އަމުރަށް ފަހު ރޭ އޮޕަރޭޝަން ހުޅުމާލެ އާއި ހުޅުލެ އާއި ވެލާނާގެ އަދި ގާޒީ ބިލްޑިންގުގައި ހުންނަ އިމިގުރޭޝަންގެ އިދާރާތައް ފާސް ކުރި އިރު އެއްވެސް ބިރު ދެއްކުމެއް އަދި ކުރިން ކުރިމަތިކުރިވި ފަދަ ބަސްތަކެއް ވެސް ނާންނަ ކަމަށެވެ.
"އެކަމަކު އިއްޔެ އެފަދަ ބަސްތައް މުވައްޒަފުންނަށް ރައްދުވެފައި އެބަހުރި އެއްބާރުލުން ނުލިބި ދިޔައިރު. އަޅުގަނޑުމެނާ ކުރިމަތިލުމަށް ދިއުމަށް ވުރެ ބައެއް މުވައްޒަފުންގެ އިހުލާސްތަރިކަން ނެތްކަން ފާހަގަ ކުރެވުނީ ހަމައެއާއެކު. އަމިއްލަ އިސް ނެގުމާ އެކު އެހީތެރިކަން ދިން ބޭފުޅުން ވެސް ތިއްބެވި،"