24 May 2012, 10:04
ހައުސިން މިނިސްޓްރީގެ އެންގުމަށްމާލޭ ސިޓީ ކައުންސިލުން ދަރުބާރުގެ ސަރުކާރާ ހަވާލުކޮށްފައި ނުވާތީ އެ މައްސަލަ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ފުލުހުންނަށް ހުށަހަޅުއްވައި އެތަނުގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް މިނިސްޓަރު ފޮނުއްވައިފި އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް ސިޓީ ކައުންސިލުން ދަރުބާރުގެ ހަވާލުކޮށްފައި ނުވާތީ އެ ތަން ސަރުކާރަށް ނެގުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަކޮށް އެ މައްސަލަ ވެސް މިހާރު ފުލުހުންނަށް ފޮނުއްވާފައިވާ ކަމަށެވެ.
"ކެބިނެޓުން އަޅުގަނޑަށް ލަފާދިނީ ތަންފީޒީ ފަރާތްތަކަށް އެކަން ވެސް ހުށަހަޅަން. އެ ބޭފުޅުން ކުރިއަށް ގެންދަވާނެ ގޮތެއް އެނގޭނީ އެބޭފުޅުންނަށް. އެބޭފުޅުންގެ ޕްރޮފެޝަނަލިޒަމްއާ އެއްގޮތަށް އެބޭފުޅުން ގެންދަވާނެ. އަޅުގަނޑު ވާނީ އެކަން ޕޮލިހަށް ފޮނުވާފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ދަރުބާރުގެ ސަރުކާރަށް ނަގަން ނިންމި ހިސާބުން އެތަނުގައި ތިބި ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ދަރުބާރުގޭގައި މަސައްކަތް ކުރާ ހައުސިން މިނިސްޓްރީގެ މުވައްޒަފުން މިދިޔަ މަހު 16 ވަނަ ދުވަހުން ފެށިގެން ތިބެން ޖެހެނީ ސޮއިކޮށްލުމަށް ފަހު ބޭރު، އަވިގަނޑުގައި ކަމަށާއި މިއީ މުވައްޒަފުންގެ ހައްގުތަކެއް ގެއްލުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިހާރު ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ދަރުބާރުގޭގައި މަސައްކަތްކުރާ ސިވިލްސާވިސްގެ 18 މުވައްޒަފުން ތިބެނީ އަވީގައި، ބޭރުގައި މަސައްކަތް ނުކުރެވިފައި. ކޮންމެ ދުވަހަކު ވަޒީފާޔަށް ނުކުންނަވާފައި ސޮއި ކުރައްވާފައި އެބޭފުޅުން ތިއްބަވަނީ ބޭރުގައި. އެބޭފުޅުންނަށް ދަރުބާރުގެއަކަށް ނުވަދެވޭ ވަޒީފާ އަދާކުރާކަށް. އެހެންވީމާ ސިޓީ ކައުންސިލް ވިޔަސް ކޮންމެ ބަޔަކު ވިޔަސް އެ އޮތީ އެމީހުންގެ ހައްގުތަކަށް އަރައިގަނެވިފައި. ތަޅުދަނޑިތައް ހިފަހައްޓަވައިގެން އުޅުއްވާ ފަރާތްތަކަށް އެގޮތަށް އަމަލުމިކުރެވެނީ. އެކަންވެސް އޮންނާނީ ހުށަހަޅުއްވާފައި ހިއުމަންރައިޓްސް ކޮމިޝަނަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިޓީ ކައުންސިލުން ފުރަތަމަ ނިންމި ނިންމުން ފަހުން ވަނީ ބަދަލުކޮށްފަ އެވެ. އަދި ހައުސިން މިނިސްޓަރު ކައުންސިލަށް ފޮނުވި ސިޓީތަކުގެ މައްސަލަ ކައުންސިލުން ވަނީ ކޯޓަށް ވައްދައިފަ އެވެ.
އެ މައްސަލަ ހައްލުކުރުމުގެ މެދުވެރިއެއްގެ ގޮތުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީން އިސްނަގައިގެން ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ. އެ މަޝްވަރާތަކުން މިހާތަނަށް ނަތީޖާއެއް ނުކުމެފައެއްނުވެ އެވެ.