ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް އެ މުބާރާތަށް ފިތުވެދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ހާލަންޑްގެ ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗްގައި ވެސް ކުޅެވޭގޮތް ނުވެފައެވެ. އަދި މިއަދު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗުންވެސް އޭނާ ނުފެންނާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

ޕެލަސް މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި އޭނާ އެހާބޮޑަށް އެކަމަށް ހާސް ނުވާ ކަމަށާއި ހާލަންޑްގެ ފައިތިލައިގެ ކައްޓަށް ކަމެއް ނުވާ ކަމަށެވެ. މިއީ ސްޓްރެސްގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށް ކޯޗް ބުންޏެވެ.

ޕެޕް ހާމަކުރިގޮތުގައި އޭނާގެ އުންމީދަކީ ހާލަންޑްއަށް ސައުދީ އަރަބިއާގެ ދަތުރުގައި ބައިވުން ކަމަށާއި ނަމަވެސް އެކަން ނިންމާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ޑޮކްޓަރުން ލަފާދީފައިވަނީ ދުވަހުން ދުވަހަށް ލިބިފައިވާ އަނިޔާ ރަނގަޅުވާ ވަރު ބަލަމުން ދިއުމަށެވެ. އަދި ހާލަންޑް ދެން ކުޅެން ނިކުންނާނީ އޭނާގެ ފައިތިލަޔަށް ލިބިފައިވާ އަނިޔާ އެއްކޮށް ރަނގަޅުވުމުން ކަމަށް ޕެޕް ބުންޏެވެ.

ޕެޕް ހާމަކުރިގޮތުގައި އޭނާ އުންމީދު ކުރަނީ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ނުކުޅެވޭނަމަ ދެވަނަ މެޗްގައި ހާލަންޑްއަށް ކުޅެވޭގޮތް ވުން ކަމަށެވެ.

މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ސިޓީ ބައިވެރިވަނީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އަދި މިއަންނަ އަންގާރަ ދުވަހު ކުޅޭ ސެމީފައިނަލް މެޗްގައި ސިޓީ ބައްދަލުކުރުމަށް މިހާރު ހަމަޖެހިފައިވަނީ އޭޝިއާގެ ޗެމްޕިއަން އުރާވާ ރެޑް ޑައިމަންޑްސް އާއެވެ. މިއީ ކްލަބް ވޯލްޑް ކަޕްގައި ސިޓީއިން ވާދަކުރާ ފުރަތަމަ ފަހަރެވެ.