ޗައިނާގައި ހިންގާފައިވާ ޚިޔާނާތުގެ ބޮޑު މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ބޭންކް މެނޭޖަރަކު ޢުމުރަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

ދެކުނު ޗައިނާގައި ހުންނަ ބޭންކު އޮފް ޗައިނާގެ ގޮތްޕެއްގައި 1993އިން 2001އަށް ހުރި ވެރިޔާ ޒޫ ގުއޯޖޫންގެ މައްޗަށް ސާބިތުވެފައި ވަނީ 2.3 ބިލިއަން ޔުއާން ނުވަތަ 325 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެކެވެ.

އެ މައްސަލައަކީ ޚިޔާނާތްތެރިކަމާ ދެކޮޅަށް ރައީސް ޝީ ޖިންޕިންގް ހިންގަވާ ޕްރޮގްރާމްގެ ދަށުން އެންމެ ފަހުން ނިންމި މައްސަލައެވެ.

އެ ޕްރޮގްރާމްގެ ދަށުން ބެލި ބެލުންތަކުން ބޭންކިންގް ދާއިރާގައި އުޅޭ ގިނަ އޮފިޝަލުންގެ ޚިޔާނާތުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ކޯޓުގެ ބަޔާންތަކުގައިވާ ގޮތުން ޒޫ އާއި ބޭންކް އޮފް ޗައިނާގެ ކުރީގެ އިތުރު ދެ މުވައްޒަފަކު ވަނީ ޤަވާއިދާ ޚިލާފަށް ލޯނު ދޫކޮށްފައެވެ.

ޒޫގެ ދެ ބައިވެރިންގެ މައްޗަށް މީގެ ކުރިން ވަނީ 12 އަހަރާއި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން ދެ ބިލިއަން ޔުއާނަށް ވުރެ ގިނަ ފައިސާ މިހާރު ހޯދާފައިވާ ކަމަށް ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެހާސް އެއް ވަނަ އަހަރު ޒޫ ވަނީ ފިލައިގެން އެމެރިކާއަށް ގޮސްފައެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން އޭނާ ވަނީ އަނބުރާ ޗައިނާއަށް ފޮނުވާލާފައެވެ. ޒޫއަށް ކުރި ޙުކުމް އިސްތިޢުނާފު ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.