ޤާހިރާ (މޭ 24): މިސްރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މިއަދުނިމޭނެ އެވެ. އިއްޔެ ހެނދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް މިސްރުގައި ކުރިޔަށްދާ ރިޔާސީ އިންތިޚާބަކީ އެޤައުމުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި މިދިޔަ އަހަރު ވެއްޓުމަށް ފަހު އެ ޤައުމުގައި ޤާއިމްކުރި ވެރިކަމުގެ އިންތިޤާލީ މަރްޙަލާގެ އެންމެ މުހިއްމު ބައެވެ.

މިއީ މިސްރުގައި ޑިމޮކްރެޓިކް އުސޫލުންބާއްވާ މިނިވަން ފުރަތަމަ އިންތިޚާބެވެ. އިއްޔެ ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވުރެ އެއްގަޑި އިރު އިތުރުކުރުމަށް ފަހު ރޭގެވަގުތެއްގައި ވޯޓުފޮށި ބަންދުކުރި އެވެ. އެއްގަޑިއިރު އިތުރުކުރީ ވޯޓުފޮށިތަކުގެ ކައިރީގައި މީހުން ކިޔޫގައި ތިބުމުންނެވެ. މިއަދުގެ ވޯޓުލުމުގެ ކަންތައް، އަލުން ވޯޓުފޮށިތައް ހުޅުވައިގެން މިއަދު ހެނދުނުން ފެށިގެން ކުރިޔަށްގެންދާ ކަމަށް ޚަބަރު ލިބެ އެވެ.

މި އިންތިޚާބުގައި މިސްރުގެ ރައީސްކަމަށް 13 ކެންޑިޑޭޓަކު ވާދަކުރައްވާ އިރު މިސްރުގެ ރައްޔިތުންގެ ތެރެއިން 50 މިލިޔަން މީހުންނަށް މިއިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވެ އެވެ. މިސްރުގެ ރިޔާސީ ކެންޑިޑޭޓުންނަށް ތާއީދުއޮތް މިންވަރު ބެލުމުގެ ގޮތުން ޤާހިރާގެ ސްޓްރެޓީޖިކް ދިރާސާތަކާ ބެހޭ މަރުކަޒުން އެންމެ ފަހުން ނެގި ޚިޔާލުހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން މިސްރު ރައްޔިތުންގެ ތާއީދު އެންމެ ބޮޑީ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓެއް ކަމަށްވާ ޢަބްދުލްމުންޢިމް އަބުލްފުތޫހަށެވެ. (އެއީ 18 ޕަސެންޓް) އެވެ. އޭނާއަކީ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ކުރީގެ މެންބަރެކެވެ. ދެވަނަ އަށް އެންމެ ތާއީދުބޮޑީ މުބާރަކްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ބޮޑުވަޒީރު ކަމަށް ޢައްޔަންކުރި އަޙްމަދު ޝަފީޤަށެވެ. އޭނާގެ ތާއީދުއޮތްކަމަށް ވަނީ 17 ޕަސެންޓެވެ. ތިންވަނަ އަށް ކުރީގެ ޚާރިޖީ ވަޒީރު އަދި ޢަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަމްރު މުސާއަށެވެ. އޭނާގެ ތާއީދުއޮތްކަމަށް ވަނީ 16 ޕަސެންޓަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިއިންތިޚާބުގައި ވޯޓުލުމަށް ގިނަބަޔަކު ނުކުންނަމުންދާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މިއިންތިޚާބުގައި ވޯޓުލުމަށް މިސްރުގެ އެކިކަންކޮޅުތަކުގައި 13000 އަށް ވުރެ ގިނަ ވޯޓުފޮށިތައް ބަހައްޓާފައިވާއިރު މިއިންތިޚާބުގައި މިހާތަނަށް މާބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް އިންތިޚާބުގައި ހިނގާނެކަމަށް ބެލެވޭ ޤަވާޢިދާޚިލާފު ކަންތައްތައް ބަލާ ކޮމިޓީގެ ވެރިޔާ ޤާނޫނީ މުސްތަޝާރު މުޙައްމަދު މަޙްމުދު ތާހާ ހާމަކުރެއްވިގޮތުގައި އިންތިޚާބުގެ ވޯޓަށް އަސަރުނުކުރާ ނަމަވެސް އިންތިޚާބުގެ ރޫޙާ އަދި ޤަވާޢިދާޚިލާފު ބައެއް ޢަމަލުތައް ރިޔާސީ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުންދަނީ ފެންނަމުންނެވެ. އޭގެތެރޭގައި ވޯޓުފޮއްޓާ ގާތްވުން މަނާ ހިސާބަށް އެފަދަ މީހުން ގާތްވުމާއި ވޯޓުލާން އަންނައިރު އައިޕެޑާއި މޯބައިލް ފޯން ފަދަ ތަކެތި ސިއްރުން ގެނައުން ފަދަ އެތައްކަމެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްރުގެ ރިޔާސީ އިންތިޚާބުގެ މިބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރެއް އޮންނާނެ އެވެ. ދެ ވަނަ ބުރަށްދާނީ ފުރަތަމަ ބުރުގައި އެންމެ ގިނަވޯޓު ލިބުނު ދެކެންޑިޑޭޓުންނެވެ.

މިސްރުގެ މި ތާރީޚީ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބަލައި މޮނިޓާ ކުރުމަށް ޓަކައި އޮބްޒާވަރުންގެ ގޮތުގައި ސަރަޙައްދީ ޖަމްޢިއްޔާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ 9534 މީހަކު ޙަރަކާތްތެރިވަމުންދެ އެވެ. މީގެތެރޭގައި މިސްރާއި އެނޫން ޤައުމުތަކުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ޢަރަބި ލީގާއި ޔޫރަޕްގެ އިއްތިޙާދާއި އެފްރިކާގެ އިއްތިޙާދުގެ އޮބްޒާވަރުންގެ އިތުރުން މިސްރުގައި އެންބަސީ ހުންނަ 50 ޤައުމެއްގެ އޮބްޒާވަރުން ވެސް ހިމެނެ އެވެ.
މިސްރުގެ ރިޔާސީ އިންތިޚާބު ކަވަރު ކުރުމަށްޓަކައި މުރާސިލުންނާއި ފޮޓޮގްރާފަރުންގެ ގޮތުގައި 2859 އަށްވުރެ ގިނަ މީހުން ޙަރަކާތްތެރިވަމުންދާ އިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓަކައި މިސްރުގެ ފުލުހުންނާއި ސިފައިންގެ ދެލައްކަ ފަންސާސްހާސް މީހުން ވެސް ޙަރަކާތްތެރިވަމުން ގެންދާ ކަމަށް މިސްރުގެ އިންތިޚާބުތަކާބެހޭ އެންމެމަތީ ކޮމިޓީން ބުނެ އެވެ.

އިންތިޚާބުގެ ތެރޭގައި އުފެދޭ މައްސަލަތައް ބެލުމަށާއި ވޯޓުލާމީހުންގެ އައިޑެންޓިފިކޭޝަންގެ ކަންތައްތައް ބެލުމަށް 14509 ފިރިހެން ފަނޑިޔާރުން ޙަރަކާތްތެރިވާއިރު ވޯޓުލާމީހުންގެ ތެރޭގައި ހިމެނޭ މޫނުބުރުގާ އަޅާ އަންހެނުންގެ އައިޑެންޓިފިކޭޝަންގެ ކަންތައްތައް ބެލުމަށް 1200 އަންހެން ފަނޑިޔާރުން ވެސް ޙަރަކާތްތެރިވެ އެވެ.
މިސްރުން ބޭރުގައި 140 ޤައުމެއްގައި ދިރިއުޅޭ މިސްރުގެ ބައިމިލިޔަނެއްހާ މީހުންވަނީ މިމަހުގެ 16 އަދި 17 ވަނަދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ވޯޓުލުމުގެ ކަންތައް ނިންމާފައެވެ. (އަލްޖަޒީރާ)