ހަ އަހަރު ވަންދެން ގެއްލިގެން ހޯދަމުން ދިޔަ އިނގިރޭސިވިލާތުގެ 17 އަހަރުގެ ކުއްޖަކު ފްރާންސުން ފެނިއްޖެއެވެ.

އެލެކްސް ބެޓީ ނަމަކަށް ކިޔާ އެ ކުއްޖާ ފްރާންސުން ފެނުނުއިރު ހުރީ ފްރާންސްގެ ޓޫލޫޒްގައި ޒުވާނުންގެ މަރުކަޒެއްކައިރީގައެވެ. އަދި އޭނާ ފެނުނީ ވާރޭގައި ހިނގާފައި ދަނިކޮށް މަގުމަތިން ދިޔަ މީހަކަށެވެ.

އެލެކްސް ވަނީ އެ މީހާގެ ފޯނު ބޭނުންކޮށްގެން އިނގިރޭސިވިލާތުގައި ހުންނަ އޭނާގެ މާމައަށް މެސެޖުކޮށްފައެވެ. މެސެޖްގައި ބުނެފައި ވަނީ ޤައުމަށް އެނބުރި ދާން ބޭނުންވާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން އެލްކްސް ގެއްލިގެން ހޯދަމުން އައިސްފައިވެއެވެ. އޭނާ ގެއްލުނީ މަންމައާއި ބައްޕައާއެކު ޗުއްޓީއެއްގައި ސްޕެއިނަށް ގޮސް އުޅެނިކޮށެވެ. އެލްކްސްގެ މަންމައާއި ބައްޕައަކީ އޭނާގެ އުފަން މައިންބަފައިންނެއް ނޫނެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެލެކްސް ފްރާންސްގައި އުޅޭތާ ދެ އަހަރު ވެއްޖެއެވެ. އަދި ދިރިއުޅުނީ ފްރާންސްގައި އެކަހެރިކޮށް އޮންނަ ރަށެއްގައި ކަމަށާއި އޭނާ ބޭނުންވީ ބޮޑު ސިޓީއަކަށް އައިސް ގެއްލިފައިވާ ކަމުގެ ރިޕޯޓުކުރަން ކަމަށްވެސް ބީބީސީން ރިޕޯޓުކުރެއެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އަދި ފްރާންސްގެ ޕެރިސްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީއާ ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.