15 Dec 2023, 20:56
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓުން ހޮވަން ބާއްވާ އެ ކޯލިޝަންގެ ޕްރައިމަރީ އަންނަ މަހު 20ގައި ބާއްވައި ގޮތަށް ފަސްކޮށްފިއެވެ.
ޕްރައިމަރީ ފަސްކުރިކަން ހާމަކޮށް މިރޭ ޕީޕީއެމުން ނެރުނު ބަޔާނެއްގައިވަނީ ޕްރައިމަރީ އެ ތާރީޚަށް ފަސްކުރީ މީގެ ކުރިން ބާއްވަން އޮތް ތާރީޚަކީ ސްކޫލު ބަންދު ދުވަސްވަރަކަށްވުމުން، ގިނަ ރައްޔިތުން އެކި ބޭނުންތަކަށް ގައުމުން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީކަމަށެވެ.
އެހެންވެ، ޕްރައިމަރީގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުނާއި އާންމު މެންބަރުން ވެސް އެދެމުން އަންނަނީ ޕްރައިމަރީ ބާއްވާ ތާރީޚު ބަދަލުކޮށްދިނުމަށް ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
އެ ޕާޓީން ބުނީ ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވޭތޯ ބެލުމަށްފަހު ތަރުތީބުކުރެވިފައިވާ ނަންތަކުގެ ލިސްޓު އަންނަ ހަފްތާ ތެރޭގައި އާންމުކުރެވިގެން ދާނެ ކަމަށެވެ.
އެއާއެކު ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުތައް ވެސް ފަހުން އާންމުކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ ކުރިން އެ ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް ތަވާލުކުރެވުނީ މި މަހުގެ 23ވަނަ ދުވަސްކަމަށްވާ ހޮނިހިރު ދުވަހެވެ.
ސަރުކާރު ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބޭނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
އަދި ރައްޔިތުން ތިބީ އެ ގޮތް ނިންމައިގެންކަމަށް ވެސް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.