ރައީސާއި ނައިބު ރައީސް ފަސޭހައިން އަޒުލުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ނިންމައިފައިވާ ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމައިފައިވާ ނިންމުމެއްކަމަށް ފިޝަރީޒް މިނިސްޓަރު އަދި ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިހާރު ކޮމިޓީން ފާސްކުރި އިސްލާހާއެކު މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، އިއްޔެ އާއްމު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅިފައި އޮންނާނީ ގާނޫނުގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާއްމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ،" ޝިޔާމް ބުންޏެވެ.

ކޮމިޓީން ނިންމާފައި ވަނީ، މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

ގަވާއިދުގެ 49 ވަނަ މައްދައަށް ބަދަލު ގެންނަން ހުށަހެޅީ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ މާއްދާއަށް ޝިފާއު އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މެންބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެންބަރަކު އިންތޚާބު ކުރެވެންދެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރުގައި އެ މެންބަރުން އުނިކުރާށެވެ.

އަދި، 202 އަދި 203 ވަނަ މާއްދާއަށް ބަދަލު ގެންނަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

ގަވާއިދުގެ 202 އަދި 203ކަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ގޮތް:

  • ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުންގެ ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުން މަޖިލީހަށް ގަރާރެއް ހުށަހެޅުމުން (މިހާރު ވެސް އޮންނަ ގޮތް)

  • ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
  • ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު

އަދި، އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކޮށްފައެވެ. ކުރިން އޮންނަ ގޮތުން އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމުސީލުވާން ވެސް ޖެހެއެވެ. އެކަމަކު، އަލަށް ހުށަހެޅި އިސްލާހުން ވަނީ އެބައި އުނިކޮށްފައެވެ.

މި ގަވާއިދު އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެއް ނުވެއެވެ.

މިހާތަނަށް އެއްވެސް ރައީސަކު މަޖިލީހުން އަޒުލުކޮށްފައެއް ނުވެއެވެ. އެކަމަކު، ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުން ދެ ނައިބު ރައީސަކު މަގާމުން ދުރުކުރިއެވެ.