15 Dec 2023, 16:24
މެޗަކަށްފަހު ރެފްރީއަށް ހަމަލާދިން ތުރުކީ ކްލަބު, އަންކަރަގޫސޫގެ ރައީސް ފާރޫގު ކޯސާ އުމުރު ދުވަހަށް ފުޓުބޯޅަ ހަރަކާތްތަކުން ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ.
ތުރުކީ ފުޓުބޯޅަ ފެޑެރޭޝަނުން އެ ނިންމުން ނިންމާފައިވަނީ ތުރުކީ ލީގުގައި ރިޒެސްޕޯއާ ދެކޮޅަށް އަންކަރަގޫސޫ ކުޅުނު މެޗުގައި ފަހު ވަގުތު އެއްވަރުވުމާ ގުޅިގެން، ރެފްރީ ހަލީލް އުމުތު މެލާއަށް ކޯސާ ހަމަލާދިނުމުންނެވެ.
އެ މައްސަލައާ ގުޅިގެން ތުރުކީ ލީގުގެ ކުޅުން ވަގުތީގޮތުން މެދުކަނޑާލާފައިވާ އިރު، ރެފްރީއަށް ހަމަލާދިން މައްސަލައިގައި އިތުރު ދެ މީހަކާ އެކު ކޯސާ ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ކޯސާ އަދިވެސް ހުރީ ބަންދުގައި ކަމަށް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އުމުރު ދުވަހަށް ކޯސާ ސަސަޕެންޑުކުރުމުގެ އިތުރުން އޭނާ ވަނީ ދެ މިލިއަން ލިރާ (54،000 ޑޮލަރު)އިން ޖޫރިމަނާ ވެސް ކޮށްފައެވެ. އޭގެ އިތުރުން އަންކަރަގޫސޫގެ އަމިއްލަ ދަނޑުގައި ކުޅޭ ކުރިއަށްއޮތް ފަސް މެޗަށް ސަޕޯޓަރުންގެ އިތުރުން އެ ކްލަބުގެ އޮފިޝަލުން ވެސް ނުވެއްދުމަށް ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައެވެ.
އެ މެޗުގެ ރެފްރީކަން ކުރި މެލާ ދަނީ ތުރުކީގެ ފުރަތަމަ ޑިވިޝަންގައި 2019 އިން ފެށިގެން ރެފްރީކަން ކުރަމުންނެވެ. އުމުރުން 37 އަހަރުގެ މެލާ ވަނީ މިދިޔަ މަހުގެ 28ގައި ލާޒިއޯއާއި ސެލްޓިކް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ވެސް ރެފްރީކަން ކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ފެޑެރޭޝަނުން ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަލުން ލީގު ފަށަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.