15 Dec 2023, 15:54
އާސަންދަ ސްކީމުގެ ދަށުން އެއް ތަހުލީލެއް ދެ ހޮސްޕިޓަލަކުން ނުހެދޭ ގޮތަށް އިއްޔެ ގަވާއިދު އެކުލަވާލައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އިއްޔެ ވަނީ، އާސަންދައިގެ ދަށުން އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު އާންމުކޮށްފައެވެ. އެ އުސޫލުގައި ވާގޮތުން،
ހޮސްޕިޓަލް ބަދަލު ކުރުމަށް އެދޭ ހާލަތުގައި އަގަށް އަންނަ ބަދަލު 10 ޕަސަންޓަށް ވުރެ ކުޑަ ނަމަ، އިތުރު ޚަރަދަކައިނުލާ އެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.
- ހޮސްޕިޓަލް ބަދަލުކުރުމަށް އެދޭ ހާލަތުގައި އަގަށް އަންނަ ބަދަލު 10 ޕަސަންޓަށް ވުރެ ބޮޑު ނަމަ، 10 ޕަސަންޓަށް ވުރެ އިތުރުވާ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންނެވެ.
- ފަރުވާ ފެށުމަށް ފަހު ހޮސްޕިޓަލް ބަދަލުކުރާ ނަމަ، އަދި ކުރީގެ ހޮސްޕިޓަލުން ހަދާފައިވާ ތަހުލީލުތައް އަލުން ހަދަން އެދޭނަމަ އެ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންނެވެ.
- ފަރުވާ ފެށުމަށް ފަހު ބަދަލުކުރަން އެދޭ ހޮސްޕިޓަލަކީ، އެއް ސިޓީއެއްގައި ހުރި ހޮސްޕިޓަލަކަށް ވާނަމަ، ބަދަލުވުމަށް ކުރާ ދަތުރުގެ ޚަރަދު އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެއެވެ.
އަންހެނުންނަށް ދިމާވާ "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ ސިއްހީ މައްސަލަތަކަށް ޚާއްސަ ފަރުވާ އަދި ބޭސް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުން ވެސް އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެއެވެ.
މީގެ އިތުރުން، ވަކިވަކި އުމުރުފުރާތަކަށް ޚާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއް ފަހަރު ބޭނުން ކުރެވޭނެއެވެ. ނަމަވެސް، ޑޮކްޓަރުގެ ލަފާގެ މަތިން އެއް މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ މެޑިކަލް ޗެކަޕެއް ވެސް ހެދޭނެ ކަމަށް އެ އުސޫލު ބަޔާން ކުރެއެވެ.
މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެއެވެ.
މި ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވީ، މި މަހުގެ ފަސްވަނަ ދުވަހުއެވެ. ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.