15 Dec 2023, 13:26
މުޖުތަމައެއް ތަހުޒީބު ވާނީ އެ މުޖުމަތައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި، ހެޔޮ ކަންކަމަށް އަމުރު ކުރެވިގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކީ، ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.
ޚުތުބާގައި ބުނީ، އެ ބައެއްގެ އަގިދާއައި، ސަގާފަތާއި، ލެއާއި، މުދަލާއި އަބުރަށް ރައްކާތެރިކަމެއް ނެތްނަމަ މުޖުތަމައަކީ ތަހުޒީބު މުޖުތަމައެކޭ ނުބުނެވޭނެ ކަމަށެވެ. އަދި، ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަކީ، އިސްލާމް ދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
މި ޒިންމާއަކީ މާތް ﷲ އިސްލާމީ ހުރިހާ ފަރުދުންގެ ބޮލުގައި އަޅުއްވާފައިވާ ޒިންމާއެއްކަން މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަކީ ބިމުގައި ބާރުވެރިކަމާއި ނަޞްރު ދެއްވުމުގެ ސަބަބު ކަމަށެވެ. އަދި، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި ދީނީ ކަންކަމާ ބެހޭ ޢިލްމު އާންމު ކުރުމާއި އިސްލާމީ ޝިއާރުތައް ނެގެހެއްޓުން ކަމަށެވެ.
"...މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރިންގެ ސަލާމަތަށްޓަކާ ކުރެވޭ މަސައްކަތެކެވެ،" ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، މުޖުތަމައު އަމާން މުޖުތަމައަކަށް ހެދޭނީ، މައިންބަފައިން އެ މީހުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތި ކުރުމުގެ ޒިންމާ އުފުލައިގެން ކަމަށެވެ.
"...މުޖުތަމައުގައި އަމަން އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ އިޖުތިމާއީ ޒިންމާ ކޮންމެ ފަރުދަކު އަދާކޮށްގެން. ގައުމުގެ ދީނީ އިލްމުވެރިން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދިނުމުގެ ޒިންމާ އުފުލައިގެން. ސިޔާސީ ލީޑަރުންނާއި ކަމުވޮށިގެންވާ މީހުން، ގައުމުގެ ދީނީ މަސްލަހަތު އިސް ކުރުމުގައި ޒިންމާދާރު ވެގެން" ޚުތުބާގައި ބުންޏެވެ.