ފޭސްބުކްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކައިވެނީގެ ހާލަތާއި ގުޅުންތަކުގެ ހާލަތު އެނގެނީ "ރިލޭޝަން ސްޓޭޓަސް" އިންނެވެ. ފޭސްބުކްގެ ބާނީ މާރކް ޒުކަރބާގް ވެސް އައީ އެހެން މީހުންނެކޭ އެއް ފަދައިން "ރިލޭޝަން ސްޓޭޓަސް" ބަދަލުކުރަމުންނެވެ. ކުރިން "އިން އަ ރިލޭޝަންޝިޕް ސްޓޭޓަސް" ގައި އިން، ފޭސްބުކްގެ ބާނީ މާރކް ޒުކަރބާގުގެ "ރިލޭޝަން ސްޓޭޓަސް" މިހާރު ވަނީ "މެރީޑް" އަށް ބަދަލުވެފައެވެ.

ޒުކަރބާގާއި އޭނާގެ ލޯބިވެރިޔާ، އުމުރުން 27 އަހަރުގެ ޕްރިސީލާ ޗަން، އެމީހުންގެ ކައިވެނިކޮށްފައިވަނީ ކެލިފޯނިޔާގައި ހުންނަ، ޒުކަރބާގުގެ ގޭގައި ހޮނިހިރު ދުވަހުއެވެ. މިދިޔަ ހޯމަ ދުވަހު ޗާން ވަނީ ކެލިފޯނިޔާ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުން ދަސްވެނިވެފައެވެ. މި ދުވަހަކީ ޒުކަރބާގުގެ 28 ވަނަ އުފަންދުވަސް ވެސް މެއެވެ.

މި ޖޯޑު ބައްދަލުވީ ހާވަރޑުންނެވެ. އަދި އެކުގައި ވަގުތުތައް ހޭދަކުރާތާ މިހާރުވަނީ 9 އަހަރު ވެފައެވެ.

ކައިވެނީގެ ހަފްލާގައި ޒުކަރބާގް އޭނާގެ އަނބިމީހާއަށް ދިން އަނގޮޓިއަކީ އޭނާ އަމިއްލައަށް ފަރުމާކޮށް ރޫބީއެއް ޖަހައިފައިވާ އަނގޮޓިއެކެވެ.

ޒުކަރބާގުގެ ކައިވެނި ހަފްލާގައި ބައިވެރިވީ 100 އަށް ވުރެ ވެސް މަދު މެހުމާނުންނެވެ. މި މީހުން ވެސް އެ ހަފްލާއަށް ގޮސްފައިވަނީ، އެއީ ޒުކަރބާގުގެ ކައިވެނި ހަފްލާކަން އެނގިގެންނެއް ނޫނެވެ. އެހެނީ އެމީހުންނަށް ދައުވަތު ލިބިފައިވަނީ ޕްރިސީލާ ޗަން ދަސްވެނިވުމުގެ އުފަލުގައި ބާއްވާ ހަފްލާއެއްގައި ބައިވެރިވުމަށެވެ.

ހުޅަނގުގެ ގައުމުތަކުގެ މަޝްހޫރު މީހުންގެ ކައިވެނިތައް ސިއްރުން، އަދި ވަރަށް ސާދާކޮށް ބޭއްވުން މިހާރަކަށް އައިސްވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ. އެއީ އެމީހުންގެ މިހާރުގެ ފެޝަނެވެ.