ޑައިރެކްޓަރު ސުނީލް ދަރުޝަންގެ ކާމިޔާބު ފިލްމު "އަންދާޒް"ގެ ދެވަނަ ފިލްމެއް އިއުލާނުކުރުމަށް ފަހު ފިލްމުގެ މަސައްކަތް ފެށިފައިވާކަން އިއުލާނުކުރިތާ މާ ގިނަ ދުވަހެއްނުވެ، ފިލްމުގެ ކާސްޓުން އިއުލާނުކޮށްފިއެވެ.

އެކްޓަރު އަކްޝޭ ކުމާރު، ޕްރިޔަންކާ ޗޯޕްރާ އަދި ލާރާ ދައްތާ 2003 ވަނަ އަހަރު ފެނިގެންދިޔަ މި ފިލްމަކީ ވަރަށް މަގުބޫލުވި ތިނެސްކަން ހާދިސާއެއް ކިޔައިދިން ފިލްމެކެވެ.

މިދިޔަ ނޮވެމްބަރު މަހު ފިލްމުގެ މަސައްކަތް ފެށިފައިވާއިރު ފިލުމަށް ހޮވާފައިވާ މުޅީން އާ ތިން ތަރިންނަކީ، ނަތާޝާ ފަނެންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާއެވެ. މި ތިން ތަރިންނަކީ ވެސް ބޮލީވުޑްގެ އެކި ފިލްމުތަކުން މީގެ ކުރިން ފެނިފައިވާ މޫނުތަކެކެވެ. ނަމަވެސް އެއީ ވަރަށް ކުދިކުދި ރޯލުތަކުންނެވެ.

ތިން ތަރިންގެ ތެރެއިން އާޔޫޝް މިދިޔަ އަހަރު ރިލީޒްވި ފިލްމު "ދާސްވީ"އިން ފެނިފައިވާއިރު ނަތާޝާ ވަނީ ސުނިލް ދަރުޝަންއާ އެކު ޕްރޮޑިއުސަރުގެ ފިލްމު "އޭކް ހަސީނާ ތީ އޭކް ދިވާނާ ތާ"ގައި މަސައްކަތް ކޮށްފައެވެ. ފިލްމު "އަންދާޒް"އިން ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ލާރާ ދައްތާ ފިލްމީ ދާއިރާއަށް ނުކުތްއިރު މި ދެ ބަތަލާއިންނަކީ ވެސް ބޮލީވުޑްގައި ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ ދެ ތަރިންނެވެ. އެހެންކަމުން ސުނިލް މި ފަހަރު ނެރޭ ތިން ތަރިންނާ މެދު ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑެވެ.

ފިލްމު 'އަންދާޒް'ގެ ޕޯސްޓަރެއް

މީގެ 20 އަހަރުކުރިން ރިލީޒްވި ފިލްމު "އަންދާޒް"ގެ ވާހަކައަށް ލިބުނު މަގުބޫލުކަމާ އެކު ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.

"އަންދާޒް2" އިއުލާނު ކުރެވުމާ އެކު ފިލްމުން ކުރީގެ ތިން ތަރިން ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް މި ފިލްމުގެ އެއްވެސް މަންޒަރެއްގައި ކުރީގެ ތިން ތަރިންގެ ފެނިލުމެއް ހިމެނިފައިނުވާނެކަން ސުނީލް ވަނީ ކަށަވަރުކޮށްދީފައެވެ.