14 Dec 2023, 21:24
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ އެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާކަން ފުލުހުންގެ އިދާރާއަަށް އަންގައިފައެވެ.
އެ މަގާމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމުގައި ތިއްބެވި އޮފިސަރުންނަށެވެ. އެހެންކަމުން އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޝައުގުވެރިވެލައްވާ އޮފިސަރުންނަށް އެ ކަމަށް ކުރިމަތިލެއްވޭނެއެވެ.
މި ކަމަށް ޝައުގުވެރިވާ އޮފިސަރުންނަށް މި މަހު 19ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހޯމް މިނިސްޓްރީއަށް ލިޔެކިޔުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ނިމިދިޔަ ވެރިކަމުގައި ކޮމިޝަނަރަކަށް އައްޔަން ކުރެއްވި މުޙައްމަދު ހަމީދު، ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެހެންވެ, އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި މި ވަގުތު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އޭގެ ކުރިން ވަގުތީ ގޮތުން ފުލުސް ކޮމިޝަނަރުގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފެވެ.