މަނޯޖް ބަޖްޕާއީ އާއި ކޮންކޮނާ ސެން ޝަރުމާގެ އާދަޔާ ޚިލާފު ކްރައިމް ސީރީސްއެއް ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފިއެވެ.

މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމާފައިވާ ކްރައިމް ސީރީސްއަކީ އިންޑިއާގެ ދެކުނުގެ އާދަޔާ ޚިލާފު އަވަށެއް ކަމަށްވާ މެއިންޖޫރުގައި ހިނގާ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ.

އަބިޝޭކް ޗޯބޭ ޑައިރެކްޓްކޮށް ޗެތާނާ ކައުޝިކް ޕްރޮޑިއުސްކޮށްފައިވާ މި ސީރީސްއިން ފެންނާނެ އިތުރު ތަރިންގެތެރޭ ނާސިރު، ސަޔާޖީ ޝިންޑޭ އަދި ލާލް ހިމެނެއެވެ. "ކިލާ ސޫޕް"ގެ ނަމުން ނަންދެވިފައިވާ މި ސީރީސްއަކީ ބެލުންތެރިން ހެއްވައިލާނެ މަންޒަރުތަކާ އެކު ބެލުންތެރިންނަށް ޝޮކެއް ލިބޭނެ މަންޒަރުތައް ވެސް ފެންނާނެ ސީރީސްއެއް ކަމަށް ޑައިރެކްޓަރު އަބީޝެކް ވަނީ ބުނެފައެވެ.

މި ސީރީސް މެދުވެރިކޮށް ނެޓްފްލިކްސްގެ ބެލުންތެރިންނަށް ގެނެސްދޭން ބޭނުންވީ ދެވަނަ ފަހަރަށް ވެސް ބަލައިލުމުގެ ޝައުގުވެރިކަން އުފެދޭނެ ފަދަ ވާހަކައެއް ކަމަށް އަބީޝެކް ބުނެފައިވެއެވެ.

ކޮންކަނާ އާއި ރަންބީރު ކަޕޫރު ފިލްމު "ވޭކް އަޕް ސިދް"ގެ ޕްރޮމޯޝަން އިވެންޓެއްގައި

މަނޯޖް ބަޖްޕަޔީ އާއި ކޮންކޮނާ ސެން ޝަރުމާ އަކީ މީގެ ކުރިން ވެސް ކްރައިމް ތުރިލާތަކުގައި މަސައްކަތްކޮށް އެ ޖޯންރާގެ ތަޖުރިބާހުރި ހުނަރުވެރި ދެ އެކްޓަރުންނެވެ. އިންޑިއާއިން އަރުވާ ޕަދްމާ ޝްރީގެ ޝަރަފު ހާސިލުކޮށްފައިވާ މަނޯޖްގެ ކާމިޔާބު ފިލްމުތަކުގެތެރޭ ފިލްމު "ޕިންޖާރު"، "ރާޖްނީތީ"، "ގޭންގްސް އޮފް ވަސޭޕޫރު" އަދި "ސްޕެޝަލް 26" ހިމެނެއެވެ. މީގެ އިތުރުން އެމޭޒަން ޕްރައިމްއިން ގެނެސްދެމުން އަންނަ ވެބް ސީރީސް "ދަ ފެމިލީ މޭން"އަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މަނޯޖްގެ ވެބް ސީރީސްއެކެވެ.

ފިލްމު "ލައިފް އިން އަ މެޓްރޯ"، "ޕޭޖް3" އަދި "ވޭކް އަޕް ސިދް"ފަދަ ފިލްމުތަކުން މަގުބޫލުވި ކޮންކަނާ ސެންއަކީ ވެސް ޤައުމީ އެވޯޑް ޙާސިލުކޮށްފައިވާ ތަޖުރިބާ ހުރި ބަތަލާއެކެވެ. ފިލްމު "މެޓްރޯ އިން ދިނޯ"ގެ ސީކުއަލްއެއް އިއުލާނުކޮށްފައި ވާއިރު މި ސީކުއަލްގެ ހާއްސަ ރޯލަކުން ކޮންކަނާ ވެސް ފެންނާނެއެވެ.