އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ޔޫރަޕާއި އެމެރިކާއިން ކުރާ ތުހުމަތުތަކާ ގުޅިގެން، ކުރާން ޖެހޭ ތަހުގީގުތައް ކުރުމުގައި އީރާނުގެ ފަރާތުން އެއްބާރުލުން ހޯދޭނެ ގޮތަކާ މެދު އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށާއި ވަރަށް އަވަހަށް މި އެއްބަސްވުމުގެ ކަރުދާހުގައި ސޮއިކުރެވޭނެ ކަމަށް ނިއުކްލިޔަރ ހަކަތައާ ބެހޭ، އ.ދގެ އޭޖެންސީގެ އިސް މަންދޫބު އަދި ވެރިޔާ ވިދާޅުވެއްޖެއެވެ.

ޔުކިޔާ އަމާނޯ ވިދާޅުވި ގޮތުގައި އަދިވެސް ބައެއް ކަހަލަ ތަފްސީލުތަކާ މެދު ގޮތްތަކެއް ނިންމަން ޖެހެއެވެ. އެހެން ނަމަވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ އޮފިޝަލުން ދެކޭ ގޮތުގައި އެކަންކަން މުޅީން ހައްލު ނުވިޔަސް އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ ގޮތުން ދެ ފަރާތުން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓިފައި އޮންނަތާ ހަތަރު އަހަރުވީއެވެ. ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން އީރާނުން ބުނަމުން އަންނަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ޓަކައި ހަކަތަ ހޯދުމަށް އީރާނުން ހިންގާ ޕްރޮގްރާމެއް ކަމަށާއި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ޝައުގުވެރިކަމެއް އީރާނުގެ ކިބައިގައި ނެތް ކަމަށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އީރާނުގެ މައްސަލައިގައި ހުޅަނގުގެ ރާގު މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ. މިއީ މި ވަގުތު އީރާނާ ދެކޮޅަށް ހަނގުރާމައެއް ކޮށްގެން ކާމިޔާބު ހޯދުމަކީ ދަތިކަމެއްކަން އެ ގައުމުތަކަށް ގަބޫލުކުރެވޭތީ ނިންމުންތަކަށް އައި ބަދަލެއް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.