14 Dec 2023, 18:26
ރާއްޖޭގައި މުއާސަލާތުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އުރީދޫއިން އެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މާކެޓުތަކެއްގެ ޚިދުމަތް އިތުރަށް މުއްސަނދިކޮށް ޑިޖިޓަލް ޚިދުމަތްތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މަޝްވަރާގެ ތެރެއިން އުރީދޫގެ އިސްވެރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވަނީ ބައިވެރިވެލައްވައިފައެވެ.
އެއާއެކު އުރީދޫ ގްރޫޕްގެ ވީއައިޕީ ވަފުދެއް، ވެސް ހިމެނެއެވެ.

އުރީދޫ ގްރޫޕުގެ އިސްވެރިން ރައީސާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުވުމުގައި ރައީސާއި އާ ސަރުކާރާއެކު މަޝްވަރާކޮށް އުރީދޫއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާ ކުރެވުނެވެ.
އަދި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނައުމަށް ޓަކައި ގުޅިގެން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
"ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒާއި ރާއްޖޭގެ އާ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކާއި، ޓެކްނޮލޮޖީގެ ތަފާތު ތަޖުރިބާގެ ބޭނުން ހިފައި، ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އުރީދޫގެ ޑެޕިއުޓީ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު، ޝައިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ.
މި ބައްދަލުވުމުގައި، އުރީދޫއިން ރާއްޖޭގައި މިހާރު ކުރާ މަސައްކަތާއި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މަޝްވަރާ ކުރެވުނެވެ.
އަދި، ކުރިއަށް އޮތް ތަނުގައި ކުރެވޭ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މުހިންމު ދައުރެއް އަދާކޮށް، އާ ޓެކްނޮލޮޖީތައް މާކެޓަށް ތައާރަފްކޮށްފައެވެ.
އަދި ރައްޔިތުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހިކޮށްދޭ އާ އީޖާދީ ޓެކްނޮލޮޖީތަކާ ގުޅުވާލަދީފައެވެ.