14 Dec 2023, 21:42
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ރޯޔަލް އެންޓްވާޕް އަތުން އެފްސީ ބާސެލޯނާ ބަލިވެއްޖެއެވެ.
އެންޓްވާޕްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެންޓްވާޕްއިންނެވެ.
މި މެޗަށް ނިކުތްއިރު ވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައިވުމުން ބާސާގެ ކޯޗު ޒާވީ ހެނާންޑޭޒްވަނީ އޭނާގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ އެންޓްވާޕްއިން މި މެޗު ފެށީ ވަރަށް ފޯރިއާއެކުއެވެ.
މިގޮތުން މެޗުގެ 90 ސިކުންތުގެ ތެރޭގައި އެ ޓީމުންވަނީ މި މެޗުގެ ލީޑު ނަގައި ބާސާ ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އާތާ ވާމީރެންއެވެ.
މި މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 35ވަނަ މިނެޓްގައި ފެރާން ޓޯރޭޒް ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި އެންޓްވާޕްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 56ވަނަ މިނެޓްގައި ވިންސެންޓް ޔެންސެންއެވެ.
މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ މާކް ގުއީ ޖަހައިދިން ލަނޑުންނެވެ.
މި ލަނޑާއެކު މި މެޗު އެއްވަރުވެގެން ނިމިދާނެކަމަށް އެންމެންނަށް ހީވި ނަމަވެސް އެންޓްވާޕްއިން މި ލަނޑަށްފަހު އިތުރު ލަނޑެއްވަނީ ޖަހައިފައެވެ. ލަނޑު ޖަހައިދިނީ ޖޯޖް އިލެނިހޭނާއެވެ.
މި މެޗުން އެންޓްވާޕް މޮޅުވުމާއެކު މި ފަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް މަރުހަލާގައި ޕޮއިންޓެއް ނުލިބޭ އެއްވެސް ޓީމެއް ނެތެވެ.
އަދި މިއީ ބެލްޖިއަމްގެ ޗެމްޕިއަންކަން 1957 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި ހޯދައިގެން މިމުބާރާތުން ޖާގަ ލިބިގެންދިޔަ އެންޓްވާޕްއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ.
މި މެޗުން ބަލިވި ނަމަވެސް ބާސާވަނީ 12 ޕޮއިންޓާއެކު މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.