14 Dec 2023, 23:09
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށް މި މުބާރާތުގެ ދެވަނަ ބުރަށް ސައްތައިންސައްތަ ރިކޯޑަކާއެކު ދަތުރު ކޮށްފިއެވެ.
ރެޑް ސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެޑް ސްޓާއިންނެވެ.
މި މެޗަށް ނިކުތްއިރު ވެސް މި މުބާރާތުގެ ދެވަނަ ބުރަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކޮށްފައިވުމުން ސިޓީއިން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލު ތަކެއް ގެނެސްފައެވެ.
އެގޮތުން ސިޓީގެ އެކަޑަމީއިން ވިދާލަމުން އަންނަ ޒުވާން ބައެއް ކުޅުންތެރިން ފެނިފައިވެއެވެ. އެ ކުޅުންތެރިންވަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކައިފައެވެ.
މިގޮތުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސިޓީއަށް ލީޑު ނަގައިދިނީ ސިޓީގެ ސީނިއާ ޓީމަށް ފުރަތަމަ މެޗު ކުޅެމުންދިޔަ މިކާ ހެމިލްޓަންއެވެ. މި މެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 62ވަނަ މިނެޓްގައި ޖަހައިދީފައިވަނީ ވެސް އެކަޑަމީ ކުޅުން ތެރިއެއް ކަމަށްވާ އޮސްކާ ބޮބްއެވެ. މިއީ ބޮބްވެސް ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގައި ރެޑް ސްޓާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 76ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ހުވާން އިން ބެއޮމްއެވެ. މި މެޗުގައި ސިޓީގެ ފަހު ލަނޑު މެޗުގެ 85ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކެލްވިން ފިލިޕްސްއެވެ. އަދި ރެޑް ސްޓާއިން މި މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެލެގްޒެންޑާ ކަޓާއިއެވެ.
މިމެޗުން މޮޅުވުމާއެކު ސިޓީއިން ގްރޫޕް މަރުހަލާ ނިންމާލައިފާވަނީ ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓާއެކުއެވެ.
މިއީ ގްރޫޕް މަރުހަލާގެ ހުރިހާ މެޗެއް ކާމިޔަބު ކުރެވުނު އިނގިރޭސި ދެވަނަ ޓީމެވެ.