24 May 2012, 08:28
ބަމާކޯ (މޭ 24) : މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގެ ވަގުތީ ރައީސް އަދި އެޤައުމުގެ ޕާލަމެންޓްގެ ރައީސް ދިޔުކުންޑާ ތްރާވްރީ ގެ ގައިކޮޅުގައި ބަޔަކު ތަޅައިގަނެ އޭނާއަށް ޖިސްމާނީ އަނިޔާތައްކުރި މައްސަލަ އދ. އާއި އެފްރިކަން ޔުނިޔަން އިން ވަރަށްބޮޑަށް ކުށްވެރިކޮށްފިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގެ ތަރްޖަމާން މާޓިން ނިސީރްކީ، ބާންކީ މޫންގެ ނަމުގައި މާލީގެ ސިފައިންނަށް ގޮވާލެއްވީ އެޤައުމުގެ ރައީސް ތްރާވްރީއާއި އޭނާގެ ޢާއިލާ ޙިމާޔަތް ކުރުމަށެވެ. ތަރާވްރީއަށް ބަޔަކު ދިން ހަމަލާއާއި ޖިސްމާނީ އަނިޔާތަކަކީ ޤަބޫލުނުުރެވޭނެ ހަރުކަށި ޢަމަލުތަކެއް ކަމަށްވެސް ބާންކީ މޫންގެ ތަރްޖަމާން ސިފަކުރެއްވިއެވެ.
މާލީގެ ވަގުތީ ރައީސްގެ ގައިކޮޅުގައި ބަޔަކު ތަޅައިއަނިޔާކުރި މައްސަލަ ކުއްވެރިކުރަމުން އެފްރިކަން ޔުނިޔަން އިން ބުނީ މިއީ މާލީގައި ދަސްތޫރީ ވެރިކަމެއް ޤާއިމްކުރުމަށްޓަކައި ހުޅަނގު އެފްރިކާގެ "އީކުވާސް" ޖަމާއަތުން ކުރަމުންގެންދާ މަސައްކަތް ވަޅުޖައްސައި މާލީގައި އަމާންކަން ނަގާލުމަށް ހައްދުފަހަނަޅާފައިވާ ބަޔަކު ހިންގި ހަރުކަށި ޢަމަލެއް ކަމުގައެވެ.
މާލީގެ ވެރިކަމުން ދާދިފަހުން ދުރުވެވަޑައިގަތް އެޤައުމުގެ އިންޤިލާބީ ލީޑަރު ކެޕްޓަން އަމާދޫ ސަނޫގޫ ވެސްވަނީ ވަގުތީ ރައީސް ތްރާވްރީގެ ރަސްމީ ގަނޑުވަރަށް ބަޔަކުވަދެ ތްރާވްރީގެ ހަށިކޮޅަށް ޖިސްމާނީ ގޮތުން ދިން އަނިޔާތައް ކުށްވެރިކުރައްވައި ބަޔާނެއް ދެއްވާފައެވެ. ތްރާވްރީގެ ގަނޑުވަރަށް މާލީގެ ރައްޔިތުންގެ ބަޔަކު ގަދަބާރުން ވަދެގަނެ ތަރާވްރީއަށް އަނިޔާކުރީ އިންތިޤާލީ ރައީސެއްގެ ގޮތުގައި އޭނާ ހުންނަވަންޖެހޭ 40 ދުވަސް ހަމަވުމަށްފަހު އިންތިޚާބެއް ނުބާއްވައި ހުޅަނގު އެފްރިކާގެ "އީކުވާސް" ޖަމާއަތާގުޅިގެން އެމުއްދަތު އަލުން އައުކުރުމަށް ނިންމައި އެކަން ތަންފީޒުކުރަން މަސައްކަތްކުރާ ކަމުގެ ޚަބަރުތަކެއް ފެތުރިގެން ދިޔުމުންނެވެ.
މިދިޔަ މާޗް 22 ގައި މާލީއަށް އަސްކަރީ އިންޤިލާބެއްގެނައި ޢަސްކަރީ ވެރިން ތްރާވްރީއާ ވެރިކަން ޙަވާލުކުރުމަށްފަހު އިސްތިއުފާދެއްވައި ވެރިކަމުން ދުރުވެވަޑައިގަތީ 40 ދުވަހުގެ އިންތިޤާލީ މުއްދަތަކަށްފަހު އަލުން އިންތިޚާބެއް ބާއްވައިގެން ރައީސަކު ހޮވުމުގެ ކަންތައް ކުރިޔަށް ގެންދާގޮތަށެވެ. ތްރާވްރީ އާ ވެރިކަން ވަގުތީގޮތުން ޙަވާލުކުރީ އޭނާއަކީ ޕާލަމެންޓްގެ ރައީސް ކަމަށްވާތީއެވެ.
ނަމަވެސް މާލީގެ އުތުރުގައި އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން މިނިވަން ދައުލަތެއް އުފައްދާފައިވާތީ އެކަމާ ކުރިމަތިލުމަށާއި މާލީގެ ޙާލަތު މިހާރުހުރިގޮތުން އިންތިޚާބަކަށް ދިޔުން ދަތިވާތީ "އިކުވާސް" ޖަމާއަތާއި ކުރީގެ އިންޤިލާބީ ވެރިޔާ ކެޕްޓަން ސަނޫގޫ ގުޅިވަޑައިގެން ނިންމާފައިވަނީ ވަގުތީ ރައީސް ތްރާވްރީގެ އިންތިޤާލީ މަރްޙަލާ އެއްއަހަރަށް އިތުރުކުރުމަށެވެ. އާންމު ރައްޔިތުންގެ ރުޅިވެރިކަން އިތުރުވީ އިންތިޚާބަކާނުލާ ތްރާވްރީގެ މުއްދަތު އިތުރުކުރުމަށް ދަސްތޫރާ ޚިލާފު ނިންމުންތަކެއް ނިންމުމުން ކަމަށް މުރާސިލުން ބުނެއެވެ.
މިމައްސަލާގައި ރުޅިއައިސްފައިވާ މާލީގެ ރައްޔިތުންގެ ބަޔަކު އެޤައުމުގެ ވަގުތީ ރައީސް ތްރާވްރީގެ ގަނޑުވަރަށް ވަދެ އޭނާގެ ގައިކޮޅުގައި މިދިޔަ އަންގާރަދުވަހު ތަޅައިގަތީ ގަނޑުވަރުގެ ޙިމާޔަތުގައިތިބި ސަލާމަތީ ބާރުތައްވެސް ފޫއަޅުވާލުމަށްފަހުގައެވެ. މިޙަލާތަކުގައި ތްރާވްރީގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އަނިޔާކުރިމީހުންވަނީ އޭނާގެ ހެދުންކޮޅުވެސް ވީދާލައި ބަރަހަނާކޮށްލާފައި ކަމަށް ޚަބަރު ލިބެއެވެ. -- އަލްޖަޒީރާ