ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު އެއްވަރުކޮށް މި މުބާރާތުގެ ދެވަނަ ބުރުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ނުފެނުނު ނަމަވެސް އެ ޓީމުގެ ފަރާތުން ވެސްވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޕީއެސްޖީއަށް ލިބުނު ފުރުސަތުތަކުގައި ކިލިއަން އެމްބާޕޭ ފޮނުވާލީ ހަމަލާއެއް ކިކްލަސް ސުލާ މަތަކުރިއިރު ބްރެޑްލީ ބާކޯލާ ފޮނުވާލި ހަމަލާއެއް ޑޯޓްމުންޑްގެ ގޯލް ދަނޑިއަށް އަމާޒުވެފައިވެއެވެ.

ރަންޑަލް ކޯލޯ މުއާނީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ޑޯޓްމުންޑަށް ބަލާލާއިރު މާކޯ ރޮއިސް އާއި ކަރީމް އަޑެޔެމީއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވުނެވެ.

މި މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަ މިނެޓް ތެރޭގައި ޑޯޓްމުންޑްއިން ވަނީ މެޗުގެ ލީޑު ނަގައި ޕީއެސްޖީ ހާސްކަމުގެ ތެރެއަށް ވައްޓައިލައިފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޑެޔެމީއެެވެ. ނަމަވެސް ޑޯޓްމުންޑަށް މި ލީޑު ދެމެހެއްޓޭވަރުވީ ފަސް މިނެޓަށެވެ.

މިގޮތުން ޕީއެސްޖީއިން ވަނީ މެޗުގެ 56ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ ވޯރެން ޒައާ އެމެރީ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އުމުރުން 17 އަހަރުގެ ޒައާ އެމެރީ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗު އެއްވަރު ވެގެން ނިމުމާއިއެކު ޕީއެސްޖީ މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕް އެފްގައި ޑޯޓްމުންޑްގެ ފަހަތުން ދެވަނަ ޓީމުގެ ގޮތުގައެވެ. މިގޮތުން ޑޯޓްމުންޑްއަށް 11 ޕޮއިންޓް ލިބުނުއިރު ޕީއެސްޖީއަށް ލިބުނީ އަށް ޕޮއިންޓެވެ.