14 Dec 2023, 16:40
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާން، ތިން އަހަރު ފަހުން ޖަލު ބަންދުން މިއަދު ދޫކޮށްލައިފިއެވެ.
ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ކަރެކްޝަންސްއިން މިއަދު ބުނީ ޔުނާން ޖަލު ބަންދުން ދޫކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ހުޅުމާލޭ ކޯޓުގެ ބަހެއް ނުލިބޭތީ ޔުނާން ޖަލު ބަންދުން ދޫކޮށްލީ ގޭބަންދަށް ކަމެއް ނުވަތަ ކޮން ޝަރުތުތަކެއް ކޮށްފައި ކަމެއް، ޔަގީނެއް ނުވެއެވެ.
މިހާތަނަށް ޔުނާންނާއި ރިހުލާގެ މައްޗަށް ވެސް ހުކުމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޝަރީއަތްތައް މިހާރު އޮތީ ނިމޭ ހިސާބުގައެވެ.
ޔުނާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޔުނާންއަށް ކުރި ދައުވާތައް:
ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ
- ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ
- ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
- އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ
ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާއަށް ޖުމްލަ 50 އަހަރު އަދި ގިނަވެގެން ޖުމްލަ 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރިހުލާއަށް ކުރި ދައުވާތައް:
ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
- ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
- އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ
ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ.