14 Dec 2023, 14:42
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ސަރުކާރުން ޚަރަދުކުރީ ތިން މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ފަހު، 15 ދުވަސް ތެރޭގައި ޚަރަދުތައް ހާމަކުރައްވާ ގޮތަށް ރަައީސް ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ ދޭއްގައި ނިންމަވައިފިއެވެ.
ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ މަހުގެ 27ގައި ވަޑައިގަތީ ތުރުކީއަށެވެ.
ރައީސް އެގައުމަށް ވަޑައިގަތީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ދައުވަތުފުޅަކަށެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގަތީ ޔޫއޭއީގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުފުޅަށް ފަހު އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ މިމަހުގެ ތިނެއްގައެވެ.
އެ މަނިކުފާނު ރާއްޖެ ވަޑައިގަތްތާ މިއަދަށް 11 ދުވަސް ވެފައިވާއިރު ރައީސް އޮފީހުން ވަނީ ދަތުރުފުޅުތަކުގެ ތަފްސީލް ހާމަކޮށްފައެވެ. އެ ކަރުދާހުގައިވާ ގޮތުން، ދެ ދަތުރުފުޅަށް ފަސްޓް ކްލާހުން ހަތަރު ޓިކެޓާއި ބިޒްނަސް ކްލާހުން 12 ޓިކެޓާއި އިކޮނޮމީ ކްލާހުން 12 ޓިކެޓް ނަގާފައިވެއެވެ.
އެ ޓިކެޓުތަކަށް ޚަރަދުކުރީ ޖުމްލަ 2.4 މިލިއަން ރުފިޔާއެވެ.
ރައީސް އޮފީހުން ބުނީ، ތުރުކީއަށް ވަޑައިގަތް ރައީސްގެ ވަފުދުގެ މެންބަރުން ތިއްބަވާނެ ތަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކުގެ ޚަރަދުތައް ހަމަޖައްސައިދިނީ އެގައުމުގެ ސަރުކާރުން ކަމަށެވެ. އެގޮތުން އިސްތަންބޫލާއި ވެރިރަށް އަންކާރާއާ ދެމެދު ކުރެއްވި ފްލައިޓު ދަތުރުތައް ވެސް ހަމަޖައްސައިދިނީ ސަރުކާރުން ކަމަށް އެ އޮފީހުން ބުންޏެވެ.
ތުރުކީ ދަތުރުފުޅުގައި ހިމެނޭ 22 މީހަކަށް ޕޮކެޓްމަނީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދިންއިރު އިންސިޑެންޓަލް ނުވަތަ މަސައްކަތާ ގުޅުން ހުރި އެހެނިހެން ޚަރަދުތަކަށް 41،548 ރުފިޔާ ދީފައިވެއެވެ. އޭގެ ޖުމްލައަކީ 259،376 ލައްކަ ރުފިޔާއެވެ.
ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދުބާއި ދަތުރުފުޅުގައި ހިމެނޭ 10 މީހަކު ތިއްބަވާނެ ތަނާއި ކެއުމުގެ ޚަރަދު ހަމަޖައްސައިދިނީ ޔޫއޭއީ ސަރުކާރުންނެވެ.
އެ ދަތުރުފުޅުގެ ޚަރަދަށް ބަލާއިރު، 19 މީހަކަށް ޕޮކެޓްމަނީގެ ގޮތުގައި 182،546 ރުފިޔާ އާއި ކެއުމުގެ ޚަރަދަށް 145،944 ރުފިޔާއާއި ތިބުމުގެ ޚަރަދަށް 168،892 ރުފިޔާ ދީފައިވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް ޚަރަދު 75،488 ރުފިޔާއަށް އަރާއިރު ސިމްކާޑު ޚަރަދު 26،412 ރުފިޔާއަށް އަރާއެވެ. އަދި ދުބާއީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމަށް 155،182 ރުފިޔާ ޚަރަދުކުރިއެވެ.
ދުބާއީ ދަތުރުފުޅުގައި މަސައްކަތާ ގުޅުން ހުރި އެހެނިހެން ޚަރަދުތަކަށް 20،766 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ ދަތުރަށް ވަކިން ޚަރަދުކޮށްފައި ވަނީ ޖުމްލަ 775،232 ރުފިޔާއެވެ.
ކޮޕް ސަމިޓުގެ ތެރެއިން ޔޫއޭއީގައި ހުންނަވައި ރައީސް ވަނީ ގައުމުތަކުގެ ބޮޑުންނާއި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ބާއްވަވާފައެވެ. އެގޮތުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުގެ އިތުރުން ވެސް އެހެނިހެން ގައުމުތަކުގެ ބޮޑުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
އެ ދަތުރުފުޅުތަކުގައި އެމަނިކުފާނާއެކު އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާއި ބައެއް ވަޒީރުން ވެސް ވަޑައިގަތެވެ.