ދިމިޝްޤު (މޭ 24): ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިއްޔެވެސް 28 މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ސޫރިޔާ ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރާ އެ ޤައުމުގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ސިރިޔަން ހިޔުމަން ރައިސްޓްސް ނެޓްވާކް" ބުނިގޮތުގައި މި އެންމެންވެސް މަރުވެފައިވަނީ ސަރުކާރު ސިފައިން ދިން ޙަމަލާތަކުގަ އެވެ. އެންމެންވެސް މަރާލާފައިވަނީ ދިމިޝްޤު، އިދްލިބް، ދީރުއްޒޫރު، ދިރްޢާ، އަދި ޙިމްސް އަދި ޙަލަބް މި ރަށްރަށުގައި ކަމަށްވެސް ބުނެއެވެ.

މީގެއިތުރުން ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ތެރެއިން ތިން މީހަކު ދީރުއްޒޫރުގެ ޢާންމު މައިދާނެއްގައި ދަންޖައްސައި މަރާފައިވާކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ. ނަމަވެސް ސޫރިޔާ ސަރުކާރަށް ނިސްބަތްވާ ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަން ދޮގު ކުރެއެވެ.

ސޫރިޔާގެ ރަސްމީ މީޑިޔާ ބުނި ގޮތުގައި ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި މަރުވެފައިވަނީ ސިފައިންނާއި ހަނގުރާމަވެރިންނެވެ. މިގޮތުން އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި ސަރުކާރު ސިފައިންގެ ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި ކަމަށާއި ސިފައިންގެ ޙަމަލާތަކުގައި ހަނގުރާމަވެރިންގެ ވިއްސަކަށް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ސޫރިޔާގެ ރަސްމީ މީޑިޔާ ޚަބަރުދެ އެވެ.

ސޫރިޔާގެ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ "ސީރިޔަން ފްރީ އާމީ" އާދެމެދު ޙަމަލާތައް ބަދަލުކުރެވުންދާއިރު ރައީސް ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ޢާންމުން އަދިވެސް ސުލްހަވެރި މުޒާހަރާތައް ކުރަމުން ގެންދެއެވެ. މިގޮތުން ވެރިރަށް ދިމިޝްޤުގެ ކައިރީގައިވާ ރަށްފުށުގެ ހިސާބުތަކުގެ ރައްޔިތުން ކޮންމެރެއަކުވެސް ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ގޮވާލައި މުޒާހަރާތައް ކުރަމުން ގެންދާ ކަމަށް މީޑިޔަ ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ކޮންމެ ދުވަހަކުވެސް އެޤައުމުގެ ކުށެއްނެތް އެތަށްބަޔަކު މަރުވަމުންދާއިރު ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމުގައި އދ. ވަނީ ނާކާމިޔާބުވެފައެވެ. ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ނުކުރެވެނީ ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންގެ އެއްބާރުލުން ނުލިބޭތީ ކަމަށް ސޫރިޔާގައި ޙަރަކާތްތެރިވާ އދ. ގެ އޮބްޒާވަރުން ބުނެއެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި މިދިޔަ އަންގާރަ ދުވަހުވެސްވަނީ ބާރުގަދަ ބޮމެއް ގޮއްވާލާފައެވެ. މީގެ ދެހަފްތާ ކުރިންވެސް ދިމިޝްގުގައި ކާރުބޮންތަކެއް ގޮއްވާލައިގެން 60 މީހަކު މަރާލާފައިވެއެވެ. -- ނޫސްއެޖެންސީތައް