ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޯގްރެފިކް ސާވޭ ހެދުމަށް އިންޑިއާއާއެކު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހެދި އެއްބަސްވުން އާ ނުކުރަން މިހާރުގެ ދިވެހި ސަރުކާރުން ނިންމައިފިއެވެ.

ހައިޑްރޯގްރަފީ ދާއިރާއިން އިންޑިއާގެ ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކުރީ 8، ޖޫން، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރެފިކް ސާވޭ ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާއާއިންނެވެ.

ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން މުޅި ރާއްޖޭގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކޮށް، ރަށްތަކުގެ ކޯސްޓްލައިން ކުރަހާ އަދި ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރަން ނިންމިއެވެ. ބޭރުގެ ބަޔަކާ މިފަދަ ކަމެއް ހަވާލުކޮށްގެން ކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު، އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު، ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރެއިން ހަތަރު ވަނަ ހަފުތާއާ ހަމައަށް ކުރަން ނިންމި 17 ކަންތައް ކޮށް ނިމިފައިވާ ކަމަށެވެ.

އެ ކަންކަމުގެ ތަފްސީލް ހާމަކުރައްވަމުން ފިރުޒުލް ވިދާޅުވީ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ކުރަން ނިންމި ކަންތައްތަކުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށެވެ.

އެގޮތުން ހައިޑްރޯގްރެފިކް ސާވޭ ހެދުމަށް އިންޑިއާއާއެކު ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ.

"މި އެއްބަސްވުމުގައި ވާ ގޮތުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތަށް އެކަން އަންގަން ޖެހޭ. އެހެން ނޫނީ އޮޓޯއިން ފަސް އަހަރަށް އެއްބަސްވުން ކުރިއަށް ދާ ގޮތަށް އެއްބަސްވުމުގެ މާއްދާތައް ލިޔެފައި ވަނީ،" ފިރުޒުލް ވިދާޅުވިއެވެ.

"އެހެންވީމަ ހަތެއް ޖޫން 2024ގެ ކުރިއަށް އެ މުއްދަތު ފާހަގަ ވެގެންދާ ގޮތަށް މިހާރު ވަނީ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާކަން އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތް. އެއީ އިންޑިއާއަށް އެކަން ހިއްސާ ކުރެވިފައި."

އޭނާ ވިދާޅުވޮގޮތުގައި ރައީސް އެގޮތަށް ނިންމެވީ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ރާއްޖޭގެ ކަނޑުފަޅުގެ މައުލޫމާތަކީ ކާބައިންގެ ޒަމާނުންސުރެއް ދިވެހީންގެ އަމިއްލަ މައުލޫމާތުތަކެއް ކަމަށް ދެކޭތީ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަތަށް އެންމެ ރަނގަޅު ގޮތަކީ އެ ދިރާސާ ކުރުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކޮށް ދިވެހި އަސްކަރިއްޔާއިން އެކަން ކުރުން ކަމަށް މި ސަރުކާރުން ގަބޫލު ކުރާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މި ވިސްނުންފުޅުގައި އެމަނިކުފާން ވަނީ މި ގާބިލްކަން އެމްއެންޑީއެފްގައި ގާއިމް ކުރުމަށްޓަކައި ބަޖެޓްގެ ތެރެއިން ހާއްސަ މިންވަރެއް ކަނޑައަޅުއްވައި ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސައި ދެއްވައި އެ ގާބިލްކަން ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ،" ފިރުޒުލް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ހައިޑްރޯގްރެފީ ދާއިރާއިން ކުރެވޭ މަސައްކަތްތައް ކުރިއަށް ދާނީ ސައްތައިން ސައްތަ ދިވެހީންގެ ބެލުމުގެ ދަށުން އަދި ހަމައެކަނި ދިވެހީންނަށް އެ މައުލޫމާތު އެނގޭ ގޮތަށް."

މިހާރު ރާއްޖޭގައި ހައިޑްރޯގްރެފިކް ސާވޭ ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ. މި ސާވޭގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ ގިނަ މައުލޫމާތުތަކެއް އިންޑިއާއަށް ލިބިގެންދާނެއެވެ.