ޣައްޒާ (14 ޑިސެންބަރު 2023): ޔަހޫދީ ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ހޮސްޕިޓަލްތަކަށް ދޭ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހަތާބެހޭ ނިޒާމު އޮތީ މުޅިން ރޫޅި އިނދަޖެހިފައި ކަމަށާއި ޣައްޒާގެ އާންމު ރައްޔިތުން މިހާރުތިބީ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް އދ.އިން ބުނެފިއެވެ.

އިންސާނީ ކާރިސާތަކާބެހޭ އދ.ގެ އޮފީހުން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް މިހާރު ފަރުވާ ވެސް ނުދެވޭކަމަށާއި މީގެއިތުރުން ޣައްޒާގައި ރޯގާތަކާއި އާންމުބަލިތައް ފެތުރެމުންދާއިރު އެކަން ކޮންޓްރޯލް ކުރެވޭނެ ގޮތެއްވެސް ނެތްކަމުގައެވެ. އަނެއްކޮޅުން ޣައްޒާގެ އާންމުންވަނީ ހައިހޫނުކަމާވެސް ކުރިމަތިލާން ޖެހިފައެވެ.

ޔަހޫދީ ލަޝްކަރުތަކުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ގަސްދުގައި ދޭ ހަމަލާތަކުގެ ސަބަބުން މަރުވެފައިވާ އާންމުންގެ އަދަދު 19،000އާ ގާތްވެފައިވާއިރު ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ގެއްލި އެމީހުންވަނީ ރެފިއުޖީންނަށްވެ މަގުމަތިވެފައެވެ.

މިހާރު ޣައްޒާއަށް ފިނި މޫސުން ފެށި ވާރޭވެހުން ގިނަވެފައިވާއިރު ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވުމަކީވެސް ޣައްޒާއަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާގެ ހާލަތު އިތުރަށް ގޯސްވެގެންދާ ކަމެކެވެ. ގަދަފިނީގައި ބޭނުންކުރާ ހެދުމާއި ރަޖައާއި ހިޔާވަހިކަމުންވެސް ޣައްޒާގެ 85 އިންސައްތަވަނީ މަހުރޫމު ވެފައިކަން އިންސާނީ ކާރިސާ ތަކާބެހޭ އދ.ގެ އޮފީހުން ފާހަގަކުރެއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބައިނަލްއަގްވާމީ މުޖްތަމައަށް އިލްތިމާސް ކޮށްފައިވަނީ ޣައްޒާއަށް ފޮނުވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ މިންވަރު އިތުރުކުރުމަށެވެ. ދުނިޔޭގެ ގައުމުތަކުން ޣައްޒާއަށް އިންސާނީ އެހީގެ ޝިޕްމަންޓްތައް ފޮނުވަމުން ގެންދިޔަނަމަވެސް އެތަކެތި ޣައްޒާއަށް ވެއްދުމަށްވެސް އިސްރާއީލު ގެންދަނީ ހުރަސް އަޅަމުންނެވެ.

މިހާރުވެސް ޣައްޒާއަށް ވަނުމަށްޓަކައި ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ރަޖާ ފަދަ ތަކެތި ހިމެނޭ އެތައް ސަތޭކަ ލޮރީއެއް ކިޔުގައި އެބައޮތެވެ. އިސްރާއީލުން ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދެނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީގެ ގާތްގަނޑަކަށް ވިއްސަކަށް އިންސައްތައެވެ. ނަތީޖާއެއްގެގޮތުން ޣައްޒާގައިވަނީ އެކިއެކި ރޯގާތަކާއި ބަލިތައް ވަރަށް ބޮޑަށް ފެތުރިފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ބުނާގޮތުން ނޭވާލާ ނިޒާމުގެ ސީރިއަސް ބަލިތަކާއި، ބޭރަށްހިންގުމާއި އުކުނާއި އެކިބާވަތުގެ ހަމުގެ ބަލިތަކާއި ބޭރަށް ހިންގުމާއި ގައިންގަޔަށް އަރާ ގިނަ ބަލިތަކެއް ޣައްޒާގެ އާންމުންގެ މެދުގައި ދަނީ ފެތުރެމުންނެވެ.

ޔަހޫދީން ޣައްޒާއަށް ބޮމުގެ ވާރޭ ވެއްސަމުން ގެންދާތީ އާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް ހިންގަމުން ގެންދާތީ މި ބަލިތައް ކޮންޓްރޯލް ކުރުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރެއެވެ. ޣައްޒާގައި ހުރި 36 ހޮސްޕިޓަލްގެ ތެރެއިން 10 ހޮސްޕިޓަލަށް ހަމަލާދީ އިސްރާއީލުވަނީ އެތަންތަން ހަލާކުކޮށްލާފައެވެ. އަދި ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތައްވަނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ޚިދުމަތް ހުއްޓިފައެވެ.

މިހާރު ޣައްޒާގައި ޚިދުމަތް ދެވޭ ހާލަތުގައި ހުރީ އެންމެ 11 ހޮސްޕިޓަލް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ބުނެއެވެ. ޣައްޒާގައި ހުންނަ އިންސާނީ ކާރިސާތަކާބެހޭ އދ.ގެ އޮފީހުގެ ވެރިޔާ ލީން ހޭސްޓިންގްސް ވިދާޅުވިގޮތުގައި ޣައްޒާގެ ސިއްހަތާބެހޭ ނިޒާމު ރޫޅިފައިވާއިރު ފެތުރެމުންދާ ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނެ އެއްވެސް ވަސީލަތެއްނެތެވެ. އެހެންކަމުން ފަހުގެ ތާރީޚެއްގައި ތަނަކަށް ކުރިމަތިނުވާފަދަ އާންމު ސިއްހަތުގެ ކާރިސާއެއް ޣައްޒާއަށްވަނީ ކުރިމަތިވެފައެވެ.

ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މިހާރު ތިބީ އިސްރާއީލުގެ ގަތުލުއާންމުތަކުން ސަލާމަތްވުމަށްޓަކައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙް ސިޓީގައިކަމަށް އދ.ން ބުނެއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވެ އެޖަރީމާތަކަށް ހިތްވަރު ދެނީ އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކެވެ. ޣައްޒާގެ އާންމުންގެ ބޮލަށާއި ހޮސްޕިޓަލްތަކަށް ބޮން އެޅުމަށް ބޭނުންވާ ބޮންތައް ފޯރުކޮށްދެނީ އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތުންނެވެ. އަދި ބައިނަލްއަގްވާމީ މުއައްސަސާތަކުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކުގެ ދިފާއުގައި ތެދުވަނީވެސް މި ހަތަރު ގައުމުންނެވެ.

މިއާއެކުވެސް ޙަމާސްގެ މުޖާހިދުންނާ ކުރިމަތިލައިގެން ޔަހޫދީ ބާރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ޔަހޫދީ ސިފައިންނާއި އެމީހުންގެ އިސް އޮފްސަރުންނާއި ކޮމާންޑަރުންގެ ގިނަބަޔަކުދަނީ މުޖާހިދުންގެ ހަމަލާތަކުގައި މަރުވަމުންނެވެ. މިކަމުގެ ސަބަބުން މުޅި އިސްރާއީލުވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

އަނެއްކޮޅުން ބާރުގެ ބޭނުންކޮށްގެން މުޖާހިދުންގެ އަތްދަށުން އެންމެ އަސީރަކު މިނިވަން ކުރުމުގައިވެސް އިސްރާއީލުވަނީ ނާކާމިޔާބު ވެފައެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ.ގެ އާންމު ޖަމްއިއްޔާއިންވަނީ ފާސްކޮށްފައެވެ. ނަމަވެސް ހުޅަނގުގެ ތާއީދާއެކު އިސްރާއީލު ގެންދަނީ އެގަރާރަށް ގޮންޖަހައި ގަތުލުއާންމުތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ.