މާލޭގެ މައްސަލަތަކަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު އަލެއް ނޫނެވެ. މި ތަނުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ހިނގާންވީ މަގަކަށް ވެސް އަލެއް ނޫނެވެ.

"ވަރަށް ބޮޑު ޒިންމާއަކާ އަޅުގަނޑު މި ހަވާލުވާން ބޭނުންވަނީ. އަޅުގަނޑަށް ހަމަ އެކަން އެނގިހުރެ އަޅުގަނޑު މި ޚިދުމަތްކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑުގެ އެބައޮތް ތަސައްވުރެއް،" މި ފަހަރު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހުސްވެފައިވާ މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ އާޒިމާ މި ހަފުތާގައި "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

މާލެއަށް އޮތީ ހުސް މައްސަލައެވެ. ޓުރެފިކަށް ބެލިޔަސް، އަމާންކަމަށް ބެލިޔަސް، ބޯހިޔާވަހިކަމަށް ބެލިޔަސް، ހައްތަހައި ވެސް ހުރީ މައްސަލައެވެ.

ފުރަތަމަ ވެސް އަމާޒުވާން އޮތް ސުވާލަކީ އެ ވަރުގެ ތަނަކާ ހަވާލުވާން ނުކުންނެވި ސަބަބެކެވެ. ހުސް މައްސަލައިން ފޯވެ ތަތްތެޅިފައި އޮތް ދުނިޔޭގެ ވެސް އެންމެ ބާރުބޮޑު އެއް ސިޓީއާ ހަވާލުވާން ނުކުންނަވާ ސަބަބެކެވެ. މުޅިން އަތުފަތު ނޭޅި، ހައްދުން ނައްޓައިގެން ގޮސްފައިވާ ސިޓީއަކާ ހަވާލުވާން އާޒިމާ ބޭނުންވަނީ އެ ހަމައަކަށް އެޅުވިދާނެ ކަމަށް ދެކިގެންނެވެ. އެ މައްސަލަތައް ރަނގަޅަށް ދެނެހުރެއެވެ.

"މާލެއަކީ އަޅުގަނޑުމެން އެންމެންނަށް އެ ތަނެއްގައި އުޅެވޭ، އެ ތަނަކަށް ބިލޯންގްވާ ތަނަކަށްވާން ޖެހޭނެ،" އާޒިމާ ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ވެސް މާލޭގައި އުޅެވެން ޖެހޭނެ. ތަފާތު ވިސްނުންތަކާއި ތަފާތު އެބިލިޓީސް ނުވަތަ ތަފާތު ޑިސެބިލިޓީސް މި ހުރިހާ އެންމެންނަށް އެކުގައި ހަމަޖެހިގެން ރައްކާތެރިކަމާ އެކުގައި އުޅެވޭ ތަނަކަށް މާލެވާން. އެއީ އަޅުގަނޑުގެ ތަސައްވުރަކީ،"

އާޒިމާ ޝަކޫރު: އޭނާ ވިދާޅުވީ މާލެއަކީ އެންމެންގެ ތަނެއް ކަމުގައި ހަދަންޖެހޭ ކަމަށް -- ސަން ފޮޓޯ

ރާއްޖެ ކުރިއަރަން މާލެ ކުރިއަރަން ޖެހެއެވެ. މާލެ އޮތްގޮތަށް ބާއްވާފައި، ރާއްޖެއަކަށް ކުރިއަކަށް ނުދެވޭނެއެވެ. އެއީ އޭނާއަށް މި ފަހަރު އޮތް ވިސްނުމެވެ.

އަތޮޅުތެރޭ ކުދިންނަށް ހާއްސަކަމެއް

އާޒިމާއަށް މާލެއަކީ ހުސް އެކަނި މާލޭ މީހުންގެ ތަނެއް ނޫނެވެ. ވަޒީފާއަށް، ކިޔަވަން އަދި އެ ނޫން ވެސް ކަމެއްގައި މި ތަނަށް އަންނަ މީހުންނަށް ގޮތެއް ހޯދައިދިނުން އެއީ އޭނާއަށް އޮތް ޒިންމާއެކެވެ.

މޭޔަރުކަމަށް ނުކުންނަވައިގެން ހުންނެވި އާޒިމާގެ އެންމެ ބޮޑު އެއް ވިސްނުމަކީ ކިޔަވަން އައިސް ތިބޭ ކުދިންނާއި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމެވެ. ތިބެވޭނެ ތަންތަން، ރައްކާތެރިކަން އަދި ދަތުރުފަތުރުގެ ނިޒާމެއް އޮންނަން ޖެހޭކަން އޭނާ ގަބޫލުކުރެއެވެ.

"މާލެއަށް ކިޔަވަން އައިސް ތިބޭ އަތޮޅުތަކުގެ ކުދިން. ކުދިންގެ ރައްކާތެރިކަން، ކުދިންގެ ސޭފް އެކަމަޑޭޝަން، އެ ކުދިންގެ ސޭފް ޓްރާންސްޕޯޓު. ހަމައެއާ އެކު އެ ކުދިން ކިޔަވަން ތިބޭނެ ތަންތަން [ހުންނަން ޖެހޭ]،" އޭނާ ވިދާޅުވިއެވެ.

"ހުރިހާ ފަންތެއްގެ ހުރިހާ ކުލައެއްގެ ހުރިހާ ނަސްލެއްގެ މީހުންނަށް ހަމަޖެހުމާ އެކުގައި އުޅެވޭނެ ގޮތެއް އަޅުގަނޑުގެ ސޮލޫޝަންއަކަށް ވާނީ،"

ޖުލައި 20، 2021: މާލޭގެ މަގުމަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން އޮތީ މައިގަނޑު ދެ ސިޔާސަތެކެވެ. އެއީ، ރައްކާތެރިކަމާއި ކުށް ކުރުން މަދު ކުރުމެވެ. ކުށްކުރާ ކުދިން ކުށުގެ ވެއްޓަށް ވަންނަ ގޮތާއި އެ ކުށްތައް އުފެދި ބޮޑުވެ، އާލާވެގެން އަންނަ ގޮތް ގިނަ ދުވަސްތަކެއް ޚިދުމަތް ކުރެއްވި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އާޒިމާއަށް އެނގެއެވެ. އެ މައްސަލަ ބޮޑުވަނީ އެހެންވެއެވެ.

ކުށުގެ ވެށިން މާލޭގެ އަމާންކަމަށް ވެރިވެފައި އޮތް ބަނަކަން އާޒިމާއަށް އެނގެއެވެ.

"ކުށުގެ ވެށި ނޫނީ ކްރައިމް ޕްރިވެންޝަން. އަޅުގަނޑަށް މިކަން މިހާ ބޮޑުވަނީ އަޅުގަނޑަކީ މި ދާއިރާގައި ރިސާޗުތަކެއް ހަދާފައި ހުރި މީހަކަށްވާތީ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކުށްކުރާ ޒުވާނުންގެ ނިސްބަތް މަދުކޮށް، ކުށުގެ ވެއްޓަށް ވަންނަ ކުޑަކުދިންގެ އަދަދު މަދުކުރުން އެއީ އާޒިމާއަށް މި ވަގުތު އެންމެ މުހިއްމު މަސައްކަތެވެ. އެއަށް ފަހުގައި ދެން އޮތީ މާލޭގެ ރައްކާތެރިކަމެވެ. އެއީ، ހަނިހަނި ގޯޅިތަކުގައި ހުރި ގަރާޖުތައް ދުރުކުރުމެވެ. މާލެއަކީ ހަމަ ނޭވާ ލެވޭ ތަނަކަށް ބަދަލުކުރުމެވެ.

ސިޔާސީއަށް ވުރެ އިޖުތިމާއީ

އާޒިމާއަކީ ގާނޫނީ ވަކީލެކެވެ. އޭނާއަށް ދެން އޮތް ސުވާލަކީ ވަކީލަކު، ގާނޫނީ ފަންނުގެ މީހަކު، ނުކުމެ ކައުންސިލެއް ހިންގާން އުޅޭ ސަބަބެކެވެ. އޭނާ ނުކުންނަވައި މާލޭގެ މޭޔަރުކަމަށް ހޮވަންވީ ސަބަބެކެވެ.

"ކައުންސިލްތަކަކީ ސިޔާސީ މަސައްކަތަށް ހަމައެކަނި ހާއްސަވާ ތަނަކަށް ވެގެން ނުވާނެ. އިޖުތިމާއީ މައްސަލަތަކަށް އަޅުގަނޑުމެން ހައްލެއް ހޯދަންޖެހޭ،" އާޒިމާ ވިދާޅުވިއެވެ.

އޭނާއަކީ ހުސް އެކަނި ވަކީލެއް ކަމަކަށް އޭނާ ނުދެކެއެވެ. އަދި، ޚިދުމަތުގެ އެންމެ މުހިއްމު ދުވަސްތައް ހޭދަކުރެއްވީ ވެސް އިޖުތިމާއީ ޚިދުމަތުގައެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ޚިދުމަތުގެ އެންމެ ކުރު މުއްދަތެއް ހޭދަކުރެއްވީ ވަކީލުކަމުގައެވެ.

އާޒިމާ، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ: އޭނާއަކީ ފުންނާބުއުސް ގާނޫނީ ވަކީލެއް ---

ދެން ދެއްކެވީ ގާނޫނީ ފަންނުގެ ބޭފުޅެއް ވީމާ އެނގޭ ކަންކަމެވެ. އެ ފަންނުގެ ބޭފުޅެއް ވީމާ މާލެއިން ބޮންސުންލާފައި ހުރީތީ ފެންނަ ކަންކަމާއި އެ ކަންކަމަށް އިޖުތިމާއީ ތަޖުރިބާއިން އޭނާއަށް ހޯއްދެވޭނެ ކަމަށް ފެނިވަޑައިގެން ހައްލުތަކެވެ.

"މިދިޔަ ފަސް ހަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމައެކަނި ނެޝަނަލް ޔުނިވާސިޓީއަށް އެކަނި ބެލި ނަމަވެސް ނެޝަނަލް ޔުނިވާސިޓީގައި ވެސް ތައުލީމު ފުރިހަމަކުރާ ފިރިހެން ކުދިންގެ އަދަދު އެކަނި ވެސް ދަށަށްދާތަން އަޅުގަނޑުމެންނަށް ފެނޭ،" އޭނާ ވިދާޅުވިއެވެ.

ޒުވާނުން ކުށުގެ ވެއްޓަށް ވަނުމާއި ދުރުވުމާއި ދޭތެރޭގައި އޮތީ ހަނި މަގެކެވެ. އެ މީހުންނަށް ވަޒީފާގެ ފަހި ފުރުސަތުތައް ނުލިބޭ ނަމަ، މަގުން ސޮއްސާލައިގެން ނުކަސިޔާރު މަގަކުން ހިނގުން އެއީ އެންމެ ގާތުގައި އޮތް ގޮތެވެ.

އެހެންވެ، އާޒިމާއަށް މި ވަގުތު މުހިއްމީ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމެވެ. އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމެވެ. އަންހެނުންނަށް ވިޔަފާރީގެ ފަހި ފުރުސަތުތައް ދައްކައިދިނުމެވެ.

"އަންހެނުންނަށް ލިބޭ އަނިޔާގެ ފަހަތުގައިވާ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ އިކޮނަމިކް އެމްޕަވާމަންޓް. އިގުތިސާދީ ގޮތުން އަޅުގަނޑުމެން މިނިވަންނުވުން،" އާޒިމާ ވިދާޅުވިއެވެ.

އެންމެންނާ އެކު އުޅެވޭނެ، އެންމެންގެ ތަނެއް

އާޒިމާ ބޭނުންވަނީ މާލެ ހުޅުވައިލާށެވެ. މާލެއަކީ އެންމެންގެ ތަނަކަށް ހަދައިދޭށެވެ. އެންމެންނާ ގުޅިގެން މާލޭގެ މައްސަލަތައް ހައްލު ކުރާށެވެ.

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު: އޭނާ ގެންދަވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަމުން -- ސަން ފޮޓޯ

"އަޅުގަނޑަކީ ޓްރެކް ރެކޯޑެއް އޮތް މީހެއް. ގާނޫނާއި ގަވާއިދު ތަންފީޒުކުރި މީހެއް. ހަމަހަމަކަމާ އެކު އެންމެންނަށް ފުރުސަތު ދިން މީހެއް،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުމެއް ހަންޏެއް ނުކުރެވޭނެ. އަޅުގަނޑު ވާނީ އެންމެނާ އެކު މަސައްކަތް ކުރެވޭ އެންމެންގެ މީހަކަށް،"

ކުރާން ނުކުމެ އެ ހުރީ އާދައިގެ މަސައްކަތެއް ނޫންކަން އާޒިމާ ގަބޫލުކުރައްވައެވެ. ބޮއްސުންލާފައި އޮތް މާލެ ހަންމަތަ ކުރެވިދާނެ ކަމަށް އާޒިމާ ގަބޫލުކުރައްވައެވެ. އެ ކަން ކުރަން އޭނާގެ ތަސައްވުރެއް އެބައޮތެވެ. އެއީ، އެންމެންނާ ގުޅިގެން، އެންމެންގެ ތަނެއް ގޮތުގައި މާލެ ބައްޓަން ކުރުމެވެ.

"މާލޭގައި މި ހުރި ބޮޑެތި މައްސަލަތައް އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ އަޅުގަނޑަށް ހައްލުކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނޭ އަދި އަޅުގަނޑުގެ ޕެޝަންއަކީ މީހުންނާ އެކުގައި މަސައްކަތް ކުރުމޭ،" އާޒިމާ ވިދާޅުވިއެވެ.

"ކުޑަ މަސައްކަތެއް ނޫން. އެކަމަކު ކޮން އިރަކުތޯ އަޅުގަނޑު ކުޑަ މަސައްކަތަކާ ކުރިމަތިލީ. ނޯންނާނެ އިނގޭތޯ،"