24 May 2012, 05:23
ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއްގެ ތުހުމަތުގައި މިހާރު ހުއްޓިފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރާ މެލޭޝިޔާގެ ނެކްސްބިޒްއިން އިމިގްރޭޝަން ޑިޕާޓްމަންޓަށް ދީފައިވާ ލެޕްޓޮޕްތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިރޭ ދަންވަރު އިމިގްރޭޝަނަށް ވަދެ ގެންގޮސްފި އެވެ.
އެ މައްސަލަގައި އޭސީސީން މިއަދުވެސް ވަނީ އިމިގްރޭޝަންގެ ތިން ޑިޕާޓްމަންޓެއް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތައް އިމިގްރޭޝަންގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އޭސީސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ކޮމިޝަންގެ އޮފިޝަލުން މިރޭ 1:00 ޖަހާކަން ހާއިރު އިމިގްރޭޝަން ޑިޕާޓްމެންޓަށް ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭސީސީން ވަނީ ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހާއި އެއާޕޯޓާއި އަދި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސް ބަލައި ފާސްކޮށް ލެޕްޓޮޕްތަކެއް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އޮފިޝަލް ވިދާޅުވީ ޖުމްލަ 75 ލެޕްޓޮޕެއް ހުންނަން ޖެހޭނެ ކަމަށް ލިޔުންތަކުން ދައްކާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ހޯދިފައިވަނީ 60 ހަކަށް ލެޕްޓޮޕް ކަމަށެވެ.
އޭސީސީގެ އޮޕަރޭޝަން ކުރިއަށް ދިޔަވަގުތު އެ ސަރަހައްދުގައި ތިބި ސަންގެ ރިޕޯޓަރުންނަށް ވަނީ އިމިގްރޭޝަންގެ މުވައްޒަފަކު ލެޕްޓޮޕަކާ އެކު ކޮމިޝަނަށް ވެއްދިތަން ފެނިފަ އެވެ. އިނގިފައިވާ ގޮތުގައި އޭނާ އޭސީސީގެ ބެލުމުގެ ދަށަށް ގެނައީ ލެޕްޓޮޕްގެ މައްސަލައިގައި ސުވާލުކުރުމުން އޭސީސީއަށް ދޮގު މައުލޫމާތުތަކެއް ދިން ކަމަށް ބެލެވިގެން އެ މައްސަލަ ތަހުގީގު ކުރުމަށެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަން އަދިވެސް ކުރިއަށް ދާއިރު އޭސީސީގެ ގިނަ އަދަދެއްގެ އޮފިޝަލުން އަންނަނީ އެ އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަންގެ އޮފީސްތައް ބަލައި ފާސްކުރަމުންނެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ހަސަން މިރޭ ވިދާޅުވީ އެ މައްސަލައިގައި ކޮމެންޓެއް ދެވޭނީ އޮޕަރޭޝަން މުޅިން ނިމުމުން ކަމަށެވެ.
ތިރީސް ނުވަ މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލީ އެ ޕްރޮޖެކްޓް ބިޑް ކުރިއިރު ހިމަނަންޖެހޭނެ ކަމަށް ބުނެފައިވާ ބައެއް ބައިބައި އެ ޕްރޮޖެކްޓްގައި ނެގްޒްބިޒްއަށް އެވޯޑް ކުރުމުގައި ހިމެނިފައި ނެތް ކަމަށް ބުނެ އޭސީސީން އެ މައްސަލައިގައި ކޯޓަށް ދިޔުމުންނެވެ. އެ މައްސަލަ ހުއްޓާލުމަށް ހައިކޯޓުގައި ވަގުތީ އަމުރެއް ކުރީއިރު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިމިފަ އެވެ.