އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށްވުރެ، މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ހުއްޓުވަން އުނދަގޫ ކަމަށް ރެއާލް މެޑްރިޑުގެ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބުނެފިއެވެ.

މިދިޔަ ސީޒަނުން ފެށިގެން ސިޓީއަށް ކުޅެމުންދާ ހާލަންޑް ދަނީ ރެކޯޑު އަދަދަކަށް ގޯލުތައް ޖަހަމުންނެވެ. އޭނާ ހުއްޓުވަން އުނދަގޫކަން ފާހަގަކޮށް، އޭގެ ސަބަބުތައް ވެސް ރުޑިގާ ވަނީ ތަފުސީލުކޮށްދީފައެވެ.

"ވަރުގަދަ އިދިކޮޅު ކުޅުންތެރިން ހުއްޓުވުމަކީ ކޮންމެ ދުވަހަކު އަހަރެން ކުރަން ބޭނުންވާ ކަންތައް. ހާލަންޑަކީ އެފަދަ ކުޅުންތެރިއެއް. މިސާލަކަށް މެސީ ފަދަ އިސްކޮޅުން ކުރު ކުޅުންތެރިންނަށްވުރެ ބޮޑަށް، ހާލަންޑާއި ވިކްޓާ އޮސިމްހެން ފަދަ އިސްކޮޅުން ދިގު ކުޅުންތެރިން ހުއްޓުވަން އުނދަގޫ،" ނޫސްވެރިންނާ ވާހަކަދައްކަމުން އުމުރުން 30 އަހަރުގެ ޑިފެންޑަރު ރުޑިގާ ބުންޏެވެ.

ރުޑިގާ އެންމެ ފަހުން ހާލަންޑާ ދެކޮޅަށް ނުކުމެފައިވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައެވެ. ފުރަތަމަ ލެގު 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، ސިޓީން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ދެވަނަ ލެގުގައި 4-0ގެ ނަތީޖާއަކުން ރެއާލް ބަލިކޮށްފައެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ދޫކޮށް، ރެއާލާ ގުޅުނު ރުޑިގާ ވެގެން ގޮސްފައިވަނީ ކޯޗު ކާލޯ އެންޗެލޮޓީއަށް އެންމެ މުހިންމު އެއް ޑިފެންޑަރަށެވެ. މި ސީޒަނުގެ މިހާތަނަށް ރުޑިގާ ވަނީ ރެއާލަށް 21 މެޗު ކުޅެފައެވެ.