14 Dec 2023, 07:08
ލޯނުގެ ދަށުން ގެޓާފޭއަށް ކުޅެމުންދާ އިނގިރޭސި ފޯވަޑް މޭސަން ގްރީންވުޑް ގެންދިއުމަށް ބާސެލޯނާއިން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގްރީންވުޑްގެ ކުޅުން ބެލުމަށް ބާސާއިން ވަނީ ސްކައުޓުން ހަމަޖައްސައިފައެވެ. ނަމަވެސް ފައިސާގެ ދަތިކަމުގެ ސަބަބުން އިތުރު ކުޅުންތެރިން ހޯދުމަށް ބާސާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ރިޕޯޓުތައް ފާހަގަކުރެއެވެ.
މިސީޒަނުގައި ޔުނައިޓެޑުން ލޯނުގެ ދަށުން ގެޓާފޭއަށް ކުޅެމުންދާ ގްރީންވުޑް ރަނގަޅު ކުޅުމެއް ދައްކަމުންދާ އިރު، އޭނާ ވަނީ މިސީޒަނުގެ މިހާތަނަށް ހަތަރު ގޯލު ކާމިޔާބުކޮށް، ތިން އެސިސްޓް ހަދައިފައެވެ. ގްރީންވުޑް ދައްކަމުންދާ ކުޅުމާއެކު ބާސާގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ އަދި ރެއާލް ސޮސިއެޑާޑުން ވެސް އޭނާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގްރީންވުޑަށް ބާސާއިން ޝަގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު، މިހާރު ވެސް އެ ކްލަބުގެ އެޓޭކުގައި ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ރޮބާޓް ލެވަންޑޯސްކީއާ އެކު ބާސާގެ އެޓޭކުގައި އެންމެ ފާހަގަކޮށްލެވެނީ ޖޮއާއޯ ފީލިކްސްއާއި ރަފީނިއާއާއި ފެރާން ޓޮރޭސް އަދި ލަމީން ޔަމާލްއެވެ.
ގެޓާފޭއާ އެކު ގްރީންވުޑް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަނުގެ ނިޔަލަށް ނިމުމާއެކު އޭނާ އެނބުރި ޔުނައިޓެޑަށް ދާން ޖެހުނު ނަމަވެސް، އެ ކްލަބާއެކު އޭނާއަށް ކުރިމަގެއް އޮތް ކަމަކަށް ނުބެލެވެއެވެ. ޔުނައިޓެޑުން ލޯނުގެ ދަށުން ގްރީންވުޑް ދޫކޮށްލާފައިވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ކްލަބުން ވެސް ވަކިން ހިންގި ތަހުގީގުތަކަކަށް ފަހުއެވެ.