އަނިޔާވެފައިވާ ލިވަޕޫލުގެ ޑިފެންޑަރު ޖޯލް މަޓިޕް، ފައިގެ ލިގަމެންޓުގެ ސާޖަރީއެއް ހަދައިފިއެވެ.

މަޓިޕްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން 4-3ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ ސީޒަންގެ ބާކީބައި ގެއްލިފައެވެ.

ސްކޭންތައް ހެދުމަށްފަހު، މިހާރު މަޓިޕް ވަނީ ސާޖަރީއެއް ހަދައިފައެވެ. މަޓިޕްގެ ސާޖަރީ ކާމިޔާބު ކަމަށް ލިވަޕޫލުން ކަށަވަރުކޮށްދިން ނަމަވެސް، އޭނާއަށް އެނބުރި ކުޅުމަށް އާދެވޭނެ ދުވަހެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

މަޓިޕްގެ އިތުރުން ލިވަޕޫލުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކްއެލިސްޓާ، ޑިއޮގޯ ޖޮޓާ، ތިއާގޯ އަލްކެންޓަރާ، ސްޓެފަން ބައިޖެޓިޗް އަދި އެންޑީ ރޮބާޓްސަން ވެސް ހުރީ އަނިޔާގައެވެ.

މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް، ލިވަޕޫލު މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައެވެ. ލިވަޕޫލުން ވަނީ ކުޅުނު 16 މެޗުން 37 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް އާސެނަލަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް 16 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ކުޅުނު 16 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.